މިލާން (މާޗް 20) - ދެ އަހަރަށް ފަހު އިޓަލީ ގައުމީ ސްކޮޑުގައި ލިވަޕޫލްގެ ފޯވާޑް، ފެޑެރީކޯ ކިއޭސާ ވަނީ ހިމަނައިފި އެވެ.
މިއީ، 2024 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުން ކިއޭސާ އަށް އިޓަލީ ޓީމުން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ. އުމުރުން 28 އަހަރުގެ ކިއޭސާ އަށް، ޖެނާރޯ ގަޓޫސޯގެ ކޯޗުކަމުގައި ކުޅޭ އިޓަލީ ޓީމުން ފުރުސަތު ދީފައި މި ވަނީ، ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް މެޗުތަކަށެވެ.
ކިއޭސާ އަށް އެންމެ ފަހުން އިޓަލީ ޓީމުން ފުރުސަތު ދީފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހު ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. ލިވަޕޫލަށް ބަދަލުވުމަށް ފަހު، ފިޓްނަސް އެންމެ ރަނގަޅު ލެވަލްގައި ނެތުމުން ކިއޭސާ އަށް މީގެ ކުރިން އިޓަލީ ޓީމުން ފުރުސަތު ދިން ދެ ފަހަރެއްގައި، އޭނާ އަމިއްލަ އަށް އެދިގެން ޓީމުން ވަނީ ބާކީވެފަ އެވެ. އެކަމަކު، ލިވަޕޫލުން އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުގައި ކުޅެފައިވާ ކިއޭސާ އަށް މި ފަހަރު ސްކޮޑުން ދިން ފުރުސަތު ބަލައިގަންނަން އޭނާ ވަނީ ނިންމައިފަ އެވެ.
އިޓަލީން 2020 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކިއޭސާ އަކީ މުހިންމު ކުޅުންތެރިއެއް ކަމަށް މީގެ ކުރިން ވެސް ގަޓޫސޯ ވަނީ ބުނެފަ އެވެ.
އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވެ އެެވެ. ކުރިން ދެ ފަހަރެކޭ އެއްގޮތަށް މި ފަަހަރު ވެސް އިޓަލީ ކުޅެން ޖެހިފައި މި ވަނީ ކޮލިފައިން ޖާގައެއް ސީދާ ނުލިބުމުން ޕްލޭއޮފްގަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި ގޯލު ޖެހީ އިތުރު ވަގުތުގައި އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ.
މި ފަހަރުގެ ޕްލޭއޮފްގައި އިޓަލީން ފުރަތަމަ ކުޅެން ޖެހޭނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ނޮދަން އަޔަލެންޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ، ވޯލްޑް ކަޕްގެ ޖާގަ އަކަށް ޕްލޭއޮފްގެ ޕެތު އޭގެ ފައިނަލުގައި ކުޅެން ޖެހޭނީ، ވޭލްސް އާއި ބޮސްނިއާ ތެރެއިން ޓީމަކާ އެވެ.
އިޓަލީ ސްކޮޑުން މި ފަހަރު ތަޖުރިބާކާރު މިޑްފީލްޑަރު މާކޯ ވެރާޓީ އަށް ފުރުސަތު ދޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އޭނާ ހިމަނާފައިނުވެ އެވެ.
ދެ އަހަރަށް ފަހު ކިއޭސާ އިޓަލީ ގައުމީ ޓީމަށް ދެ އަހަރަށް ފަހު ކިއޭސާ އިޓަލީ ގައުމީ ޓީމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ