ކޭ-ޕާކު ފްލެޓްތައް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) އަށް ހުކުމްކުރަން އޮތް އަޑުއެހުންތަކަށް ހާޒިރުނުވެގެން، ކޯޓުން އަމުރުކޮށްގެން އޭނާ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލާގައި ހުކުމް ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް އަޑުއެހުން ކުރިއަށް ނުގެންދެވުނީ މަމްދޫހް ހާޒިރުނުވެގެނެވެ.
މީގެ ކުރިން ވެސް އަޑުއެހުންތަކަށް ހާޒިރުވުމުގައި އެއްބާރުލުން ނުދީގެން މަމްދޫހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހުނެވެ. އަދި އެއަށް ފަހު ކޯޓުން އޭނާ ބަންދު ވެސް ކުރި އެވެ.
ތަފްސީލް - ފުލުހުން ރޭ ދަންވަރު ވަގުތެއްގައި ބުނީ މިއަދު މެންދުރުފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މަމްދޫހްގެ މައްޗަށް ހުކުމް ކުރުމުގެ އަޑުއެހުން މިއަދު މެންދުރުފަހު 2 ޖަހާއިރަށް ވަނީ ތާވަލުކޮށްފަ އެވެ.
ދައުވާތަކުގެ ހުލާސާ - މަކަރާއި ހީލަތުން ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ ކަމަށް ބުނާ މައްސަލާގައި ލަނޑު ލިބުނު 50 އަށް ވުރެ ގިނަ މީހުން ތިބި އިރު، އެއިން ކޮންމެ މައްސަލައެއް ވަކިވަކިން ދައުވާކޮށްފައިވެ އެވެ.
މަމްދޫހުގެ މައްޗަށް 104 ދައުވާއެއް ކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
50 ދައުވާ: ޓެކުމުގެ ކުށް
50 ދައުވާ: އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށް
3 ދައުވާ: މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށް
މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެއް
މިކަމުގައި އޭނާއާ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ޖައިޝާން ސައީދުގެ މައްޗަށް 74 ދައުވާ ކޮށްފައިވެ އެވެ. އެއީ:
47 ދައުވާ: އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށް
27 ދައުވާ: ޓެކުމުގައި ބައިވެރިވުމުގެ ކުށް
20 ދައުވާ: ޓެކުމުގެ ކުށް
3 ދައުވާ: މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށް
ހުކުމްކުރާ އަޑުއެހުމަށް ހާޒިރުކުރަން، މަމްދޫހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ