އަދީލްގެ ނަން ނެންގެވުމުން ޕީއެންސީގެ އައްޑޫ މޭޔަރު ޓިކެޓް މުޝްރިފަށް

ސަރުކާރު ހިންގާ ޕީއެންސީގެ އައްޑޫ މޭޔަރުގެ ޓިކެޓަށް ވާދަކުރައްވަން ހުށަހެޅުއްވި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު އަދީލްގެ ނަން އަނބުރާ ގެންދަވައިފި އެވެ.
ވީ ކިހިނެއް؟ - އަދީލްގެ ނަން އަނބުރާ ގެންދެވިކަން އޭނާ ފޭސްބުކްގައި އިއްޔެ ލިއުއްވި އެވެ. މިއަދު ކުރިއަށްދާ ޕީއެންސީގެ ޕްރައިމަރީގައި އައްޑޫ މޭޔަރުގެ ޕްރައިމަރީ ނޯންނާނެކަން ޕީއެންސީގެ ބައެއް މެންބަރުން ކަށަވަރުކޮށްދެއްވި އެވެ.
ތަފްސީލް - ޕީއެންސީގެ މެންބަރަކު ވިދާޅުވީ އަދީލްގެ ނަން ނެންގެވީ ރައީސް މުހައްމަދު މުއިއްޒާ ވާހަކަ ދެއްކެވުމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ނަން ނެންގެވި ކަމަށް ބޮޑަށް ބެލެވެނީ ރައީސް އެގޮތަށް އެދިވަޑައިގަތުމުންނެވެ.
އަދީލްގެ ބޮޑުބޭބެ އިބްރާހީމް މުހައްމަދު ދީދީ ފޭސްބުކްގައި ލިއުއްވި ގޮތުގައި ވެސް އަދީލްގެ ނަން ޕްރައިމަރީގެ ވޯޓުގައި ނެތީ ޕީއެންސީން އެ ގޮތަށް ޑިމާންޑް ކުރުމުންނެވެ.
"ސިޔާސީ ހަގީގަތް ސާފު. ދެން ޕީއެންސީއަށް އައްޑޫގެ މޭޔަރު ގޮނޑިއެއް ނުލިބޭނެ. އެމްޑީޕީން މި ގޮނޑި ކާމިޔާބުކުރުން މިހާރު މާ ގާތް،" މިދިޔަ ދުވަސްތަކުގައި ޕީއެންސީ އާއި އަދީލްގެ ކެމްޕެއިނަށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރައްވަމުން ދިޔަ އިބްރާހީމް މުހައްމަދު ދީދީ ލިއުއްވި އެވެ.
ސިޔާސީ މައިދާނުގައި އަދީލްގެ ނަން ފުރަތަމަ ފެނުނީ މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ ރަނިން މޭޓެއް ގޮތުގަ އެވެ. އެ އިންތިހާބުގައި ނާޒިމަށް ލިބިވަޑައިގަތީ ވަރަށް މަދު ވޯޓުކޮޅެކެވެ.
އެނގުން މުހިންމު - ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު ނެރުނު އިރު، ސިޓީއެއްގެ މޭޔަރުގެ ޕްރައިމަރީއެއް ބާއްވަން އޮތީ ވެސް ހަމައެކަނި އައްޑޫގަ އެވެ. އެ ޕްރައިމަތީ ކެންސަލްވުމުން މިހާރު ޕީއެންސީން މޭޔަރުންގެ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުން ވަނީ ޔަގީންވެފަ އެވެ.
ޕީއެންސީގެ ޓިކެޓުގައި އައްޑޫގެ މޭޔަރުކަމަށް ވާދަކުރައްވާނީ، އައްޑޫ ސިޓީ ކައުންސިލްގައި އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރެއްވި މުޝްރިފް އަލީ އެވެ.
ޕީއެންސީގެ ޕްރައިމަރީ ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ