ލެވަންޑޯސްކީ އަށް ސައުދީ އާއި އެމެރިކާގެ އޮފާތަކެއް ލެވަންޑޯސްކީ އަށް ސައުދީ އާއި އެމެރިކާގެ އޮފާތަކެއް

ބާސެލޯނާ (ޑިސެމްބަރު 27) - މި ސީޒަނުގެ ނިޔަަލަށް ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރި ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ އަށް ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ކްލަބްތަކުން ހުށަހެޅުން ލިބެމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުުރުން 37 އަހަރުގެ ލެވަންޑޯސްކީ މި ވަގުތު ބާސެލޯނާގައި ހުރި ކޮންޓްރެކްޓްގެ މުއްދަތު އޮތީ، އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެެވެ. އެކަަމަކު، އެ ކޮންޓްރެކްޓްގައިވާ ގޮތުން، ކޮންމެ ސީޒަނެއް ނިމުމަށް ފަހު ވެސް ވަކި ކަންތައްތަކެއް ހާސިލްނުވެ އޮތްނަމަ ކޮންޓްރެކްޓް އުވާލުމުގެ ފުރުސަތު އެބައޮތެވެ. ބަޔާން މިއުނިކަށް 2014 އިން 2022 އަށް ކުޅުނު ލެވަންޑޯސްކީ އަށް ސީޒަނަކު 20 މިލިއަން ޑޮލަރުގެ މުސާރައެއް އޭރު ލިބުނެވެ. އެކަމަކު، އޭނާ ބާސެލޯނާ އަށް ބަދަލުވީ ސީޒަނަކު 9-12 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ. ކުޑަ މުސާރައެއްގައި ބާސެލޯނާގައި އިތުރު އެއް އަހަރު މަޑުކުރަން ލެވަންޑޯސްކީ ބޭނުން ނަމަވެސް އެ ކްލަބުން އެ މަޝްވަރާތައް ކުރިއަށްގެންދަން ނުފަށަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ދެ ކްލަބަކުންނާއި އެމެރިކާ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ދެ ކްލަބަކުން ލެވަންޑޯސްކީގެ އެޖެންޓް، ޕިނީ ޒަހާވީއާ އެކު ބައްދަލުވުންތަކެއް ބާއްވަން ވަނީ ނިންމައިފަ އެެވެ.
ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް މިހާތަނަށް ކުޅެދިން 165 މެޗުން 109 ލަނޑު ޖަހައި، 42 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. ލެވަންޑޯސްކީ ވަނީ ކެރިއަރުގައި ތިން ކްލަބަކަށް 100 އަށް ވުރެން ގިނަ ލަނޑު ޖަހައިދީފަ އެެވެ. ޑޯޓްމަންޑަށް 187 މެޗުން 103 ލަނޑު ޖެހިއިރު، ބަޔާނަށް 375 މެޗުން 344 ލަނޑު ޖަހައިދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ