ޕީއެންސީ ޕްރައިމަރީގައި ވޯޓު ލެވޭ 21،000 މީހުންގެ ތެރެއިން، 4 ގަޑިއިރުން ވޯޓު ލީ 6،000 މީހުން

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން މިއަދު ފެށި ޕްރައިމަރީގައި މިހާތަނަށް 6,000 އަށްވުރެން ގިނަ މީހުން ވޯޓުލައިފި ކަމަށް ޕީއެންސީ ޕީޖީ ލީޑަރު އަދި ކައުންސިލް އިންތިޚާބުގެ މެނޭޖަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ. ޕީއެންސީން މީގެ ކުރިން ވަނީ، އެ ޕާޓީގެ ޕްރައިމަރީގައި 308 ކެންޑިޑޭޓުން ވާދަކުރާ ކަމަށް ބުނެފައެވެ. އެ ޕާޓީގެ ޕްރައިމަރީ ހެނދުނު 9:00 ޖެހިއިރު ފަށައިފައިވާއިރު، 16:00އަށް ވޯޓުލުން ކުރިއަށްގެންދާނެއެވެ. އެގޮތުން މާލޭގައި އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ދާއިރާތަކުން ވޯޓުލުން ކުރިއަށްގެންދަނީ އިސްކަންދަރު ސްކޫލުގައެވެ. އެ ޕްރައިމަރީއާ ގުޅޭގޮތުން "ސަން" އާ ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ, ވޯޓުލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ އަދަދު 21،000އަށް އަރާ ކަމަށާއި ވޯޓުލުން ވަރަށް އޮމާންކޮށް ކުރިއަށްދާ ކަމަށެވެ. އަދި މާލޭގައި އަތޮޅު ތެރެއަށް ޚާއްސަ ވޯޓު ފޮށިތައް ނުބެހެއްޓި ނަމަވެސް ޖުމުލަކޮށް މި ޕްރައިމަރީއަށް އަތޮޅު ތެރެއިން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. "ގާތްގަނޑަކަށް 46 ވޯޓު ފޮށި ބަހައްޓާފައިވޭ. މިހާތަނަށް ގާތްގަނޑަކަށް 6000 މީހުން ވޯޓުލާފަވޭ. ހަތަރެއްގެ ފަހުން ވޯޓުލުން ބަންދުވާނެ. އެކަމަކު އެ ގަޑިއަށް ކިއުގައި ތިބި ބޭފުޅުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ," ފަލާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަތޮޅު ތެރޭގެ ރަށްވެހިންނަށް މާލޭގައި ވޯޓުލެވޭ އިންތިޒާމް ހަމަޖައްސާފައިނުވާތީ، ވޯޓުލާ މީހުންގެ ނިސްބަތް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުން: އެ ޕާޓީގެ ޕްރައިމަރީގައި 94 ދާއިރާއަކުން 308 ކެންޑިޑޭޓުން ވާދަކުރޭ -- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް ޕީއެންސީން ވަނީ، ޕްރައިމަރީއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާއެއް ހުށަހަޅާނީ އެކަމަށް ޚާއްސަކޮށްފައިވާ ނަންބަރު، 9323686އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ކަމަށް ބުނެފައެވެ. ޕީއެންސީން ނެރުނު ލިސްޓުން ދައްކާ ގޮތުގައި، 308 ކެންޑިޑޭޓުންގެ ތެރެއިން 183 ކެންޑިޑޭޓުން ވާދަކުރަނީ ކައުންސިލަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީތަކަށް 121 މީހަކު ވާދަކުރެއެވެ. އޭގެ ތެރޭގައި މޭޔަރު ކަމަށް ޕްރައިމަރީ ބާއްވަން އޮތީ ހަމައެކަނި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓަށެވެ. އެ ޕްރައިމަރީގައި ވާދަކުރަނީ ހިތަދޫ، ސްޓާސް، ޑރ. އަހުމަދު އަދީލް ނަސީރާއި ހިތަދޫ، ތުނިޔަ، މުޝްރިފް އަލީއެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު 68،665އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކާއިރު، އެއީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއެވެ. ދެވަނައަށް އެންމެ ބޮޑު ޕާޓީ، އިދިކޮޅު އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީގައި 154 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބުނެފައެވެ. އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހު 16ގައެވެ. އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނީ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ