40 އަހަރުފަހުން އާބާދީގެ %10އަކީ 80 އަހަރުންމަތީގެ މުސްކުޅިން

ކަންބޮޑު ވުން ހުރި ކަމެކެވެ. ރާއްޖޭގެ އާބާދީގެ ހިސާބުތައް ދައްކަނީ ބިރުވެރިކޮށެވެ. 1980ގެ އަހަރުތަކުގައި އުފަންވެފައިވާ ގިނަ ބަޔަކު އުމުރުން 80 އަހަރުން މައްޗަށް ދަންދެން ދުނިޔޭގައި ތިބޭނެކަމަށް އަންދާޒާކުރެވެއެވެ. 
ރާއްޖޭގެ އާބާދީ މީގެ 40 އަހަރު ފަހުން 4 ލައްކައިން މައްޗަށް އަރާއިރު މުޅި އާބާދީގެ 10 ޕަސެންޓަކީ 80 އަހަރުންމަތީގެ ބައެއް ކަމަށް ވުމުން މުސްކުޅިންގެ އާބާދީ ބޮޑުވާ ނިސްބަތުން މަސައްކަތް ކުރެވޭ އުމުރުގެ އާބާދީ ބޮޑުނުވުމަކީ ނުރައްކާތެރި ކަމެކެވެ. އާބާދީގެ 10 ޕަސެންޓަށް 80 އަހަރުން މަތީގެ އާބާދީ އަރާއިރު 65 އަހަރުން މަތީގެ އާބާދީ މުޅި އާބާދީގެ %30 އަށް އަރާނެކަމަށް ލަފާކުރެއެވެ.
40 އަހަރު ފަހުން މުޅި އާބާދީގެ 1/3 މުސްކުޅިންނަށް ވާއިރު 18 އަހަރުންގެ ދަށުގެ އާބާދީ ބޮޑުތަނުން ދަށްވާނެ ކަމަށް ލަފާކުރެވުމަކީ އެހާމެ ބިރުވެރި ކަމެކެވެ. މުޅި އާބާދީގެ 1/2 މަސައްކަތް ނުކުރެވޭ ގައުމެއްގެ ކުރިމަގު އޮންނާނެ ގޮތް ހިތައް ގެންނާށެވެ. 
އަންދާޒާ ކުރެވޭގޮތް އެނޫން ގޮތަކަށް ބަދަލުކުރުމަށް ގައުމީ ވިސްނުމަކުން ވިސްނާންޖެހެއެވެ. އާއިލީ ގުޅުންތައް ވަރުގަދަކޮށް ކައިވެނި މަތީގައި ދެމި ތިބުމަށް ބާރުލިބޭ ސިޔާސަތުތައް ތަންފީޒު ކުރަން ޖެހެއެވެ. ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ ގިނަކުދިން ތަކެއް ހޯދާ ރަނގަޅަށް ތަރުބިއްޔަތު ކުރވޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރެވެން ޖެހެއެވެ.
ކައިވެނި ރޫޅުމަށް ބާރުލިބޭ ޒާތުގެ އެއްވެސް ސިޔާސަތެއް ތަންފީޒު ކުރުމުން ދުރުވާން ޖެހެއެވެ. އުފާވެރި ކަމާއެކު ތާހިރު ދިރިއުޅުމެއް އުޅެވޭގޮތަށް ކޮންމެ ޢާއިލާއަކަށްވެސް ލުއިފަސޭހަ ކަމާއެކު ހިޔާވަހިކަމާއި ފުދުންތެރިކަން ހޯދާދޭން ސަރުކާރުން މަސައްކަތް ކުރަން ޖެހެއެވެ. އާއިލާތައް ބޮޑެތިކޮށް ބާރުވެރިކުރަން ކުރަންޖެހޭ ކަންކަން ކުރުމަށް ފަސްޖެހި ފަހަތު ފަޔަށް ބުރަވޭކަށް ނެތެވެ. 
އާއިލާ ރޫޅުނަ ނުދީ ކާއިވެނީގެ މަތީގައި ކޮންމެ ދެމަފަރިއަކުމެ ބައިތިއްބައިގެން ލިބޭކުދިން އިތުރު ކުރުމަށާއި ދުޅަހެޔޮކަން އިތުރު ކުރުމަށް ދައުލަތުން ހޭދަކުރަން ފަސްޖެހިގެން ވާކަށްނެވެ. އެކަނިވެރި މައިންނަށް ބޮޑެތި އަދަދުން ފައިސާ ދިނުން ފަދަ ކަންކަމަކީ ކުދިން ހޯދުމަށާއި އާއިލީ ޒިންމާ ނުނެގުމަށާއި ކައިވެނި ރޫޅުމަށް އެޅޭ ބާރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ