ނުވަ ފަހަރު އިއުލާންކޮށްގެން ވެސް ނުހޯދުނު އިޒާމް، އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

މީގެ ކުރިން ނުވަ ފަހަރު މަތިން ކޯޓަށް ހާޒިރުކުރުމަށް އިއުލާނުކުރި، އިޒާމް ޒާހިރު އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެއެވެ. ގދ. ވާދޫ، ސަބާހާ މަންޒިލަށް ނިސްބަތްވާ އިޒާމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެއެވެ. މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ އިޒާމް ހައްޔަރުކުރި ކަމަށް މައުލޫމާތުދީފައެވެ. އަދި އިޒާމް ހައްޔަރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުުކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ކޯޓަށް ހާޒިރުކުރުމަށްޓަކައި، ނުވަ ފަހަރެއްގެ މަތިން އިއުލާނުކުރި ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން ފުލުހުންނަށް އޭނާ ހޯދިފައިނުވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ. ނަމަވެސް، އޭނާ ކޯޓަށް ހާޒިރު ކުރުމަށް ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފާހަގަކުރެވޭ ގޮތުގައި، މި އަހަރުގެ ކުރީކޮޅު ވެސް އޭނާ ހޯދަން ފުލުހުން އިއުލާނަކުރިއެވެ. އެކަމަކު، އޭނާ ހޯދިފައެއް ނުވެއެވެ. އޭގެކުރިން ވެސް އެކި ފަހަރު މަތިން އިއުލާނުކޮށްފައި އެބަ ހުއްޓެވެ. މީހުން ކޯޓަށް ހާޒިރުކުރުމަށް ދޭތެރެއަކުން ފުލުހުން އިއުލާނު ކުރެއެވެ. އެ ގޮތަށް ކުރާ މަސައްކަތް ފުލުހުންނަށް ކާމިޔާބު ނުވެއްޖެނަމަ، އާންމުންގެ އެހީތެރިކަމަށް ވެސް ފުލުހުން އެދިފައި އެބަ ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ