ވައްކަން ކުރަން ވަތް ކަމުގެ ތުހުމަތުކުރެވޭ މީހެއް: ''ވަނީ މާރާމާރީ ހިންގަން ބަޔަކު އަންނާތީ''
ހުއްދަ ނޫން ތަނަކަށް ވަދެ، ވައްކަން ކުރި ކަމަށް ތުހުމަތުވާ މީހަކު، އެ ތަނަށް ވަނީ، ވައްކަން ކުރާކަށް ނޫން ކަމަށާއި ބަޔަކު މާރާމާރީ ހިންގަން އަންނާތީ ކަމަށް, ކްރިމިނަލް ކޯޓުގައި ބުނެފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މާލެއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނެއް ކަމަށްވާއިރު، އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. މި މައްސަލައިގައި އެ މީހާގެ މައްޗަށް ކުރަނީ، ހުއްދަ ނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރަށް ވައްކަން ކުރުމުގެ ތުހުމަތެވެ. އޭނާ ވަދެފައި ވަނީ ކޮން ތަނަކަށް ކަމެއް ސާފެއް ނުވެއެވެ. އެ ތުހުމަތުތައް ކުރެވޭ މީހާ ކޯޓުގައި ބުނީ، އޭނާ އެ ތަނަށް ވަނީ ބަޔަކު އޭނާގެ ފަހަތުން މާރާމާރީ ހިންގަން އަންނާތީ ކަމަށާއި އެއްވެސް އެއްޗެއް އެ ތަނުން ވަގަށް ނަގާފައިނުވާ ކަމަށެވެ. މިގޮތުން، އެ ތަނުގައި ހުރި އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދޭ ކަމަށާއި އެ ތަނުން ނިކުންނަނިކޮށް، ވާ ގަނޑެއްގައި އަޅައިގަތް ކަމަށް އެ މީހާ ކޯޓުގައި ވަނީ ބުނެފައެވެ. ފުލުހަކު މަގުމަތީގައި: ވައްކަން ކުރަން ހުއްދަ ނޫން ތަނަކަށް ވަތް ކަމުގެ ތުހުމަތުކުރެވޭ މީހަކު، އެ ތަނަށް ވަނީ ބަޔަކު މާރާމާރީ ހިންގަން އަންނާތީ ކަމަށް ވަނީ ޝަރީއަތުގައި ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެއާއެކު، ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް އެ މީހާ ކޯޓުގައި ބުނެފައިވެއެވެ. ވަކީލަކު އަދި ނެތުމުން ޝަރީއަތުގައި ދައްކާ ވާހަކަތަކަކީ، އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ވާހަކަތަކެއްކަން ހަނދާންކޮށްދިން ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ. ކޯޓު އަމުރުގައި ބުނި ގޮތުގައި، އޭނާއަކީ، ވައްކަމާއި މަސްތުވާތަކެތީގެ ބަންދު ރެކޯޑު އޮތް މީހެކެވެ. މި މައްސަލައިގައި ޝާމިލުވާ މީހާ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ވަނީ ކޯޓަށް ހުށަހަޅާފައެވެ. އޭގެތެރޭގައި، މައްސަލަ ހުށަހެޅި ފަރާތުގެ ސިޓީއާއި ސީސީޓީވީ ސްނެޕްޝޮޓް ހިމެނެއެވެ. މި ދުވަސްވަރު ވައްކަމުގެ މައްސަލަތައް ފެންމަތިވާ މިންވަރު ވަނީ އިތުރުވެފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން އެ ޚިދުމަތަށް މިހާތަނަށް ހުށަހަޅާފައި ވަނީ، ވައްކަމުގެ މައްސަލަތަކެވެ. މިގޮތުން، އެ ބާވަތުގެ 3،334 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަން ހިސާބުތަކުން އެނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ