ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އަނެއްކާވެސް ސިންގަޕޫރަށް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ އިބްރާހީމް މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފައިވާކަން ފިޔަވައި، އެކަމާ ބެހޭ އިތުރު ތަފުސީލެއް ރައީސް އޮފީހުން ނުދެއެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވާ ފަސް ދަތުރުފުޅެވެ. އަދި، ހަތަރު ވަނަ ނުރަސްމީ ދަތުރުފުޅު ވެސް މެއެވެ. އެންމެ ފަހުން ރައީސް ނުރަސްމީކޮށް ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ ޖުލައި މަހުގެ 30ގައެވެ. އެ ދަތުރުފުޅަށް ފަހު އެ މަނިކުފާނު އެނބުރި ވަޑައިގަތީ ޖެހިގެން އައި މަހުގެ ފަސް ވަނަ ދުވަހެވެ. އޭގެ ކުރިން، ޖޫން މަހުގެ 29އިން ފެށިގެން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރައީސް، ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި އެ މަނިކުފާނު ހަތަރު ދުވަސް ހޭދަކުރެއްވިއެވެ. އެ ދަތުރުފުޅުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްއާއި އެ ގައުމުގެ ވަޒީރުންނާ ރައީސް ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ވެސް ރައީސް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އެ ފަހަރު އެ މަނިކުފާނު ވަޑައިގަތީ ހެލްތު ޗެކަޕެއް ހެއްދެވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ