އާޓިސްޓު ނަދީގެ އަމިއްލަ މައުރަޒު 'ސްޓޯރީޒް އަންޓޯލްޑް'އިން ބުނެދެނީ ތަފާތު އެތައް ވާހަކައެއް

ގެލެރީ 350ގައި މިވަގުތު ކުރިއަށްދާ 'ސްޓޯރީޒް އަންޓޯލްޑް' އަކީ މާލޭ ސިޓީގެ ތޮށްޖެހުމާއި ހުއްޓުމެއް ނެތް ބޯ ޓްރެފިކުން ތަގައްޔަރުވެފައިވާ ޖައްވާއި ހަލަބޮލިކަމާއި ނުތަނަވަސްކަމުން ދުރުވެލައި، ހިނދުކޮޅެއްގެ ފިނިކަމެއް ގެނެސްދޭ މައުރަޒެކެވެ.
އާޓިސްޓު ނަދީފާ މުހައްމަދު (ނަދީ) ފެންކުލައިން ކުރަހާފައިވާ ކަނޑުގެ މަންޒަރުތަކަށް ބަލައިލުމުން ތަޖުރިބާ ކުރެވޭނީ ހަމައެކަނި އެންމެ އިހުސާސެއް ނޫނެވެ. އޭނާ ވަނީ 15 ކުރެހުމެއް މި މައުރަޒުގައި ދައްކާލައިފަ އެވެ. އަދި އޭގެން ކޮންމެ ކުރެހުމަކުން އެކި ކަހަލަ ފުން އިހުސާސުތައް ތަޖުރިބާ ކުރެވުން އެކަށީގެންވެ އެވެ. 
'ސްޓޯރީޒް އަންޓޯލްޑް' އަކީ ނަދީގެ ދެވަނަ އަމިއްލަ މައުރަޒެވެ. އޭނާގެ ފުރަތަމަ މައުރަޒު ބޭއްވީ 2018ގަ އެވެ. 
ނަދީ ބުނިގޮތުގައި ކުރެހުންތަކެއް ފުރިހަމަކުރަނީ ކޮންމެހެން މައުރަޒެއް ބޭއްވުމުގެ ނިޔަތުގައެއް ނޫނެވެ. ކޮންމެ ކުރެހުމަކީ އޭނާއަށް ވަރަށް ހާއްސަ އަދި ޒާތީ ގުޅުމެއް އެކުލެވިގެންވާ މަސައްކަތެކެވެ. އޭގެން ކޮންމެ މަސައްކަތެއްގެ ފުރިހަމަ މާނަ ކޮންމެހެން ކިޔައިދޭކަށް އޭނާ ބޭނުމެއް ނުވެ އެވެ. އެ ކުރެހުމެއް ބަލާ މީހަކަށް އިހުސާސުކުރެވޭ އަދި ދޭހަވާ މާނައެއް ވެސް ހަމަ އެހާމެ މުހިއްމެވެ.
ރާއްޖޭގެ 'އާޓް ސީން' ރަނގަޅަށް ދަންނަ ބަޔަކަށް ނަދީއަކީ އާ ނަމެއް ނޫނެވެ. ނަދީގެ  ހިތްގައިމު މޫދުގެ ކުރެހުންތަކުން އޭނާ ވަނީ މަޝްހޫރުވެފަ އެވެ. ކަނޑުގެ ލޮނުގަނޑުން އުފެދޭ އެކި 'އޮގެނިކް ޕެޓާންސް' އެކި ގޮތްގޮތަށް ދިރާސާކޮށް، ފެންކުލައިން ކުރަހަ އެވެ. ހީވަނީ ރާއްޖޭގެ ކަނޑުގެ އަމިއްލަ ބަހުރުވައެއް އޭނާ ފާހަގަކޮށް އުފެއްދި ހެނެވެ.
ކަނޑުގެ ކުލަ އާއި ރާޅު ބާނިން އުފެދޭ އެކި ބައްޓަންތަކަށް އޭނާ ފުން މާނައެއް ދެ އެވެ. އެކަމާ މެދު ފުންކޮށް ވިސްނާލަން ބެލުންތެރިންނަށް ވެސް ގޮވާލަ އެވެ.
ނަދީ ބުނިގޮތުގައި މޫދުގެ ރާޅުތަކަށް ބަލަން އޭނާއަށް ކިތައްމެ އިރަކު ވެސް އިނދެވިދާނެ އެވެ. އެ ރާޅުތަކުގެ ތަފާތު ނާޒުކު ބައްޓަންތަކާއި އެއިން އުފެދޭ ފޮނުގަނޑަށް ގެއްލި ހުސްވާކަމަށް ބުންޏެވެ.
އަމިއްލަ ނަފްސާ މެދު ސުވާލުކޮށް އެބައެއްގެ ފަންނު އިތުރަށް ރަނގަޅުކުރަން މަސައްކަތްކުރާ އާޓިސްޓުން ކޮންމެ މައުރަޒެއްގައި ވެސް ތަފާތު ކަމެއް ދައްކަ އެވެ. ނަދީ މި ފަހަރު ދެއްކި މަސައްކަތުން މިކަން ފާހަގަވި އެވެ. ފުރަތަމަ މައުރަޒުގައި ހުށަހެޅި މޫދު ކުރެހުންތަކާއި މިފަހަރު ދައްކާލި ކުރެހުންތަކާ އަޅާބަލާ އިރު 'ސަބްޖެކްޓް' އެއްގޮތް ވިޔަސް ދައްކާ ގޮތް ބަދަލުކޮށްލި އެވެ.
މޫދުން ފެންނަ ކުލަތަކަކީ އުޑުގެ ރަމްޒެކެވެ. އެގޮތުން ގަދަ ނޫ ކުލައިން ފެށިގެން، ވިލުނޫ، އަޅި، ރަތް އަދި ރީނދޫ ކުލަ މޫދުން ފެނެ އެވެ. 'ސްޓޯރީޒް އަންޓޯލްޑް'ގެ ބައެއް ކުރެހުންތަކުގައި ތަފާތު ކުލައިގެ މޫދު ކުރަހާފައިވެ އެވެ. ރަތާއި، ރީނދޫ އަދި ފެހި ކުލައެއް ވެސް ކުދި ރާޅުތަކާ އެއްކޮށްލައިފައި ހުއްޓެވެ. ކުލައަކީ ވެސް އެތައް މާނައެއް އެކުލެވޭ އެއްޗެކެވެ. އެގޮތުން ރަތް ކުލައަކީ ހަމައެކަނި ނުރައްކަލާއި ރުޅިވެރިކަން ރަމްޒުކޮށްދޭ އެއްޗެއް ނޫނެވެ. ރަތް ކުލައިން ލޯތްބާއި އެދުން ވެސް ރަމްޒުކޮށްދެ އެވެ. މޫދުން ފެންނަ ކޮންމެ ކުލައަކުން އެތައް މާނައަކާއި ހަނދާންތަކެއް އިހުސާސުވުން އެކަށީގެންވެ އެވެ.
ނަދީގެ ފުރަތަމަ މައުރަޒުގައި ދައްކާލި ކުރެހުންތަކުގައި ރާޅުތަކުގެ ބައްޓަންތަކާއި 'ފޯމޭޝަން'އަށް އިސްކަމެއް ދިނެވެ. މިފަހަރު އެ އުސޫލުން މުޅިން ވަކިވެ، ވަރަށް ލުއި، ހުވަފެނެއް ފަދަ މަންޒަރުތަކެއް 'ސްޓޯރީޒް އަންޓޯލްޑް'އިން ފެނުނެވެ. އޭގެ ތެރެއިން 'އަންކޮންޑިޝަނަލް' ނަމަކަށް ކިޔާ ކުރެހުމުން ދައްކައިދެނީ އެހެން ކުރެހުންތަކަށް ވުރެ ތަފާތު މަންޒަރެކެވެ. ހީވަނީ ވަރަށް ބަނަ ދުވަހެއް ފެންނަ ހެނެވެ. ބޯ ވިއްސާރަ ވިލާ ނަގާފަ އެވެ. އެކަމަކު ގަދަ އަޅި ކުލައިގެ ކަނޑުގައި ރާޅެއްގެ ބައްޓަމެއް ވެސް ފެންނާކަށް ނެތެވެ. ކުލަތައް ޖައްސާފައި ހުރި ގޮތުން ހީވަނީ ހުވަފެނީ މަންޒަރެއް ހެނެވެ. މި މަންޒަރަށް ބަލައިލުމުން ފިނިކަމާއި، ހަމަހިމޭންކަން އިހުސާސް ކުރެވުނެވެ.
ބަނަ ދުވަހެއް ދައްކުވައިދޭ މަންޒަރަކުން ރަމްޒުކޮށްދެނީ ހަމައެކަނި ހިތާމަވެރިކަން އެކަންޏެއް ނޫނެވެ. މިއީ އާ ފެށުމެއްގެ ސިގްނަލެއް ކަމަށް ވެސް ވެދާނެ އެވެ. އަދި އުޖާލާ ދުވަސްތަކަށް  އޮތް އުއްމީދަކަށް ވުން ވެސް އެކަށީގެންވެ އެވެ. މި ކުރެހުން އިތުރު ހާއްސަ ވަނީ އޭގެ ސަބަބުން ކޮންމެ މީހަކަށް ވެސް އެހީއަށް ބޭނުން ޖެހިފައިވާ މީހުންނަށް ހަދިޔާކުރެވެ އެވެ. ކުރެހުމާ ޖެހިގެން ހަރުކޮށްފައިވާ ލިއުމުގައި ބުނާގޮތުގައި އެއީ ވިއްކާ ކުރެހުމެއް ނޫނެވެ. އެކަމަކު އެމީހަކު ބޭނުމިއްޔާ ފަލަސްތީނަށް، ތިން އަހަރުގެ ކެންސަރު ބަލީގެ ޝިކާރަކަށް ވެފައިވާ ތުއްތު ކުއްޖަކަށް ނުވަތަ އެމީހަކު ބޭނުންވާ ފަރާތަކަށް ހަދިޔާކުރަންވީ އެވެ.
ގެލެރީ 350ގެ އެންމެ އެތެރޭގައި ނަދީ ވަނީ ވީޑިއޯއެއް ވެސް ދައްކާލައިފަ އެވެ. އެއީ ފިލްމުމޭކާ ޝާމިން ނިޒާމްއާ ބައިވެރިވެގެން ތައްޔާރުކުރި ވީޑިއޯއެކެވެ.
ނަދީ ބުނިގޮތުގައި އޭނާ މި ކުރެހުންތަކަށް މަސައްކަތްކުރަނީ ފަތިސް ނަމާދު ނިންމާފައި ހެނދުނު 9:00އާ ދެމެދުގަ އެވެ. އެއީ ވަރަށް ހަމަހިމޭން ވަގުތުކޮޅަކަށް ވީމަ އެވެ. ނަދީގެ ކުރެހުންތަކުން މިކަން ހާމަވެ އެވެ. ވަރަށް ހަމަހިމޭން 'މެޑިޓޭޓިވް ސްޓޭޓެއް'ގައި ކޮށްފައިވާ މަސައްކަތްތަކެއް ކަން އެނގެ އެވެ. 
'ސްޓޯރީޒް އަންޓޯލްޑް' ގެލެރީ 350ގައި ކުރިއަށްދާނީ އަންނަ މަހު 17ގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ