ހައްގުތައް ދޫކޮށްލައި، އެމެރިކާއަށް އަމާން ނުދޭނަން: އީރާންގެ ޚާރިޖީ ވަޒީރު

ޖެނީވާ (16 ފެބްރުއަރީ 2026): އެމެރިކާ ކިތަންމެ ވަރަކަށް ބިރުދެއްކި ނަމަވެސް އީރާނުގެ ހައްގުތައް ދޫކޮށްލައި އެމެރިކާއަށް އަމާން ނުދޭނެކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވިދާޅުވެއްޖެއެވެ. އެމެރިކާއާ އެކު ބާއްވާ ދެވަނަ ބުރުގެ ވާހަކަތަކަށް ޖެނީވާއަށް ވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިރަގްޖީ ވިދާޅުވީ، އީރާނަކީ އެމެރިކާގެ އަނިޔާވެރިކަމާއި ބިރުދެއްކުންތަކުގެ ކުރިމަތީގައި ނިއުކްލިޔާ ހައްގުތަކާއި ބަލިސްޓިކް މިސައިލް ފަދަ އަމިއްލަ ނަފުސު ދިފާއުކުރުމުގެ ހައްގުތައް ދޫކޮށްލައި ކުޑަކަކޫ ޖަހައި އަމާންދޭނެ ގައުމެއް ނޫނެވެ. "ހައްގުތައް ދޫކޮށްލައި އެމެރިކާއަށް ވެސް އަދި އެހެން ގައުމަކަށް ވެސް އަމާންދިނުމަކީ އީރާން ކުރާނެ ކަމެއް ނޫން،" އިރަގްޖީ ވިދާޅުވިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓްގައި އިރަގްޖީ ވިދާޅުވީ، އީރާނުން މަސައްކަތްކުރާނީ ނިއުކްލިޔާ މައްސަލައިގައި އެމެރިކާއާ އެކު އިންސާފުވެރި އެއްބަސްވުމަކަށް އައުމަށެވެ. "އެއީ ޔޫރޭނިޔަމް ފައްކާކުރުމާއި މަދަނީ ބޭނުންތަކަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީކުރުންފަދަ ހައްގުތައް ނުގެއްލޭ ފަދަ އެއްބަސްވުމެއް، އަދި އީރާނުން ނިއުކްލިޔާ ހަތިޔާރު ނުހަދާނެކަމުގެ ޔަގީންކަން ލިިބިދޭ އެއްބަސްވުމަކަށް ވާންޖެހޭނެ،" އިރަގްޖީ ވިދާޅުވިއެވެ. އިންސާފުވެރި ގޮތަކަށް އެއްބަސްވުމަކަށް ނާދެވޭނަމަ އީރާނުން އެކަން ނުކުރާނެ ކަމަށް އިރަގްޖީ ވިދާޅުވިއެވެ. އިރަގްޖީ ވިދާޅުވި ގޮތުގައި އީރާނުގެ ނިއުކްލިޔާ ތަޖުރިބާކާރުންގެ ޓީމަކާ އެކު އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީގެ ވެރިޔާ ރަފައޭލް ގްރޮސީއާއި އޭނާ ބައްދަލުކުރައްވާނެއެވެ. ބޭނުމަކީ އީރާނުން ނިއުކްލިޔާ ހަތިޔާރު ނުހަދާނެކަން އެ އިދާރާއަށް ޔަގީންކުރެވޭގޮތަށް ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކުރުމުގެ އެއްބަސްވުމަކަށް އައުމެވެ. މިކަން ކުރާނީ އީރާނުން ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫނުކޮށް ނުލާގޮތަށް ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ބަލިސްޓިކް މިސައިލް ގެ ޓެކްނޮލޮޖީއަކީ އެމެރިކާއާއި އިސްރާއީލުގެ އުދުވާންތަކުގެ ކުރިމަތީގައި އަމިއްލަ ނަފުސު ދިފާއުކުރަން އީރާން ބޭނުންކުރާ ހަމައެކަނި ހަތިޔާރެވެ. އެ ހަތިޔާރާ ބެހޭގޮތުން އެމެރިކާއާ ވެސް އަދި އެހެން ފަރާތަކާ އެކު ވެސް އީރާނުން މަޝްވަރާއެއް ނުކުރާނެއެވެ. އަދި، އީރާނުގެ މެދުއިރުމަތީގެ ބައިވެރިންނާއި އީރާނާ ދެމެދު އޮންނަ ގުޅުންތަކަކީ ވެސް އެ ކަމާ ބެހޭގޮތުން ތިންވަނަ ފަރާތަކާ އީރާނުން ވާހަކަދައްކާނެ ކަމެއް ނޫނެވެ. އެމެރިކާއަށް ބާރާއި ނުފޫޒު ފޯރުވަމުން ގެންދާ ޔަހޫދީ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންދަނީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާއި ބަލިސްޓިކް މިސައިލް ޕްރޮގްރާމު އެއްކޮށް ރޫޅާލައި އީރާނުގެ ބައިވެރިންނާ އެކު ބާއްވާ ގުޅުންތައް ކަނޑާލައި އީރާނުން ފައްކާކޮށްފައިވާ ޔޫރޭނިޔަމް އީރާނުން ބޭރުކުރުމުން ނޫނީ އީރާނާ އެކު އެއްބަސްވުމަކަށް ނުދިޔުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް، އިސްރާއީލަކީ ނިއުކްލިޔާ ހަތިޔާރާއި ބަލިސްޓިކް މިސައިލާއި ހަނގުރާމައިގެ ޖެޓާއި ދިފާއީ ނިޒާމުތަކުގެ އިތުރުން އެމެރިކާގެ ހިމާޔަތް ވެސް ލިބިފައިވާ އެންޓިޓީއެކެވެ. އިސްރާއީލު ގެންދަނީ ފަލަސްތީނު ހިފައި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ގަތުލުއާންމުތައް ހިންގައި އަވައްޓެރި އަރަބި ގައުމުތަކަށް ހަމަލާދީ އުދުވާން ހިންގަމުންނެވެ. އަދި، އިސްރާއީލު ވަނީ މިދިޔަ އަހަރު އީރާނަށް ވެސް އުދުވާނީ ހަމަލާތަކެއް ދީފައެވެ. މިއާ އެކު ވެސް އިސްރާއީލުގެ ކިބައިން ހަތިޔާރު ނިގުޅައިގަތުމާ ބެހޭގޮތުން ސުވާލެއް ކޮށްލާނެ ފަރާތެއް ނެތެވެ. އެހެންކަމުން އިސްރާއީލުގެ ހަތިޔާރުގެ ވާހަކަ ނުދައްކައި ހަމައެކަނި އީރާނުގެ ހަތިޔާރުގެ ވާހަކަދެއްކުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އީރާން ބުނެއެވެ. އީރާނުގެ ދިފާއީ ވަޒީރުގެ ނައިބު ވިދާޅުވި ގޮތުގައި އެމެރިކާ އީރާނަށް އިސްވެ ހަމަލާދީފިނަމަ ރައްދުގައި ފުރަތަމަ ވެސް ހަމަލާދޭނީ ޔަހޫދީ އިސްރާއީލަށެވެ. މިފަހަރު އިސްރާއީލަށް ހަމަލާދޭނީ ކުރިން ދިން ހަމަލާތަކަށް ވުރެ އެތަށް ގުނަ ބާރުގަދަ ހަމަލާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނާއި އެމެރިކާގެ ދެވަނަ ބުރުގެ މަޝްވަރާތައް އޮންނާނީ މާދަމާ ޖެނީވާގައެވެ. މި ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާނީ އުމާންއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ