ކަފިކަފި ވެފައިވާ އެމްޑީޕީ ބާރުގަދަ އިދިކޮޅު މައިޕާޓީގެ ގޮތުގައި އޮތުމަށް ދެ ރައީސުން ތިއްބެވީ އަތުގުޅުއްވައިގެން ކަމަށް ގަބޫލު ކުރެވެއެވެ. ދެ ރައީސުން އަތުގުޅާލެއްވުމަކުން އެކަނި މުޅި އެމްޑީޕީ އެކަތި ގަނޑަކަށް ވެދާނެ ކަމަކަށްވެސް ތަޖުރިބާކާރުން ނުބުނެއެވެ.
ފަހަތަށް ޖެހެންޖެހޭ ހާލަތްތަކުގައި ފަހަތަށް ޖެހުމަކީ އެމްޑީޕީއަށް އައުކަމެއް ނޫނެވެ. އަމްދުން ރައީސް ސޯލިހާއި ރައީސް ނަޝީދަށް އެއްޔަކީ ނުކުރެއްވޭ ވަރުގެ ކަމެއްވެސް ނޫނެވެ. އެމްޑީޕީ ބާރުވެރިވާން އޮތީ ގޮތްދޫކުރައްވާ އެކުގައި މަސައްކަތް ކުރައްވައިގެން ކަމަށް ގަބޫލު ކުރައްވާ ދެ ރައީސުން އެ ތިއްބެވީ އަމާން ދެއްވައިގެންނެވެ. މާޒީގެ ފިޔަވަޅުމަތީގައި ހުއްޓި ނުތިއްބަވާ ގޮތަށެވެ. އެމްޑީޕީއަށާއި ގައުމަށްވެސް އެންމެ މަސްލަހަތު ބޮޑު ފައިދާ ހުރި ގޮތަކީ އެއީއެވެ.
ދެ ރައީސުން އެކުގައި ސިޔާސީ މަސައްކަތް ކުރައްވަން ނިންމެވިޔަސް އެމްޑީޕީ އެއް މިސްރާބަކަށް ގެންދިޔުމަށް އެމްޑީޕީއަށް ލީޑަރަކު ބޭނުމެވެ. އެކުގައި މަސައްކަތް ކުރައްވަން ނިންމެވި ދެ ރައީސުންކުރެ ރައީސަކު މިވަގުތު ލީޑް ކުރެއްވުމަކީ މުޅި އެމްޑީޕީ އެކަތި ގަނޑަކަށް ވެދާނެ ކަމަކަށް ގިނަ ބަޔަކު ނުދެކެއެވެ.
ކުރީން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކު ޕާޓީ ލީޑަރަކަށް ވެވަޑައިގިތުމަށް ނޭދޭ އެތައް ބަޔަކު އެމްޑީޕީގައި މިވަގުތު އެބަތިއްބެވެ. ހަމަ އެހެން ރައީސް ސޯލިހު ނޫން ބޭފުޅަކު ޕާޓީ ލީޑަރ ކަމުގައި ވެވަޑައިގަތުމަށް ނޭދޭ އެތައް ހާސް ބަޔަކުވެސް އެބަތިއްބެވެ. އަނެއްކޮޅުން އެމްޑީޕީގެ ލީޑަރުކަން ކުރެވޭނީ ރައީސް ނަޝީދަށް ކަމަށް ގަބޫލުކުރާ މީހުންވެސް މަދެއްނޫނެވެ.
އެހެން އެކަން އޮއްވާ އެމްޑީޕީގެ މިހާރުގެ ރައީސް ޝާހިދާއި އެންމެ ފަހުން ޗެއަރޕާސަންކަން ކުރެއްވި ފައްޔާޒު އެމްޑީޕީގެ ލީޑަރުކަން ކުރެއްވުމަށް ބޭނުންވާ މީހުން މެންބަރުންގެ ތެރޭގައި އެބަތިއްބެވެ. އެހެން ކަމުން ޕާޓީ އޮތީ ވަރަށް ބޮޑަށް ކަފިކަފި ވެފައެވެ. ކަން އެހެން ހުރުމުން އެމްޑީޕީއަށް މި ވަގުތަށް އެންމެ މުހިންމީ ޕާޓީގެ ލީޑަރ ދެއްކުމެވެ.
ކަންކަން އެހެން އޮތަސް މިހާރުވެސް އެމްޑީޕީގައި ގާނޫނީ ރައީސަކު އެބަހުއްޓެވެ. އެމްޑީޕީގައި ރައީސަކީ ސިޔާސީގޮތުން ޕާޓީގެ އެންމެ އިސްފަރާތެވެ. އެހެންކަމުން އެމްޑީޕީގައި ލީޑަރަކު ނެތޭ ބުނެވޭކަށްވެސް ނެތެވެ.
އަނެއްކޮޅުން އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުއްލާ ޝާހިދަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ސިޔާސީ ޝަހުސިއްޔަތެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމާއި މެންބަރުކަމާއި އެތައް ފަހަރަކު ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އދ މަޖިލީހުގެ ރައީސްކަން ވެސް ޝަހިދު ވަނީ ކުރައްވާފައެވެ. ޝާހިދަކީ ރާއްޖެ އާއި ދުނިޔެ ރަނގަޅަށް ދެނިވަޑައި ގަންނަވާ ވަރަށް ސަމަންތަރު ހެޔޮ ސިޔާސީ ބޭފުޅެކެވެ.
އެހެން ކަމުން ދެ ރައީސުންގެ ލަފަޔާއި އިތުޝާދާއި އެއްބާރުލެއްވުމާއި އެކު އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ފަހަތްޕުޅަށް މުޅި އެމްޑީޕީ އެރުމަކީ މިހާރުން މިހާރަށްވެސް އޮތް ހައްލެކެވެ. އެއަށްވުރެ ވަކީން މޮޅުގޮތެއް އެމްޑީޕީ ބާރުވެރިވުމަށް މިވަގުތު ނެތްކަމަށް ބުނާ މީހުން ވެސް މަދެއްނޫނެވެ.
އެހެން ނޫނީ ދެ ބުޅަލުމުގެ އަރާރުމުގައި މަކުނު ބޯކިބާ ޖަހައިގަންނަ ގޮތަށް 2028 އެމްޑީޕީއަށް ގެއްލިދާނެއެވެ. ގެއްލުމުގެ ކުރީން މުޅި އެމްޑީޕީ ޝާހިދުގެ ފަހަތަށް އަރާ ބާރުގަދަ އޮޕަޒިޝަނެއްގެ ގޮތުގައި އޮވެ ރައީސް މުއިއްޒު ހުއްޓުވަން ޖެހެއެވެ.
ދެ ރައީސުންނާއި މުޅި އެމްޑީޕީ ޝާހިދު ފަހަތަށް؟؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ