މިއީ ރާއްޖޭގައި ހިންގި ޝަހުސު އޮޅުވާލުމުގެ އެންމެ ބޮޑު މައްސަލަ: މީކާއިލް

ވެރިކަން ކުރާ ޕީއެންސީއަށް ވަގަށް މީހުން ވައްދައިގެން މެންބަރުން އިތުރުކޮށްފައިވާ ކަމަށް ބުނާ މައްސަލައަކީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ޝަހުސު އޮޅުވާލުމުގެ މައްސަލަ ނުވަތަ އައިޑެންޓިޓީ ތެފްޓު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މީކާއިލް މިހެން ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް އައްޔަންކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމި ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - މީކާއިލް ވިދާޅުވީ ޕާޓީއަށް މީހުން އިތުރުކުރުމަށް ކަންތައްތައް ކުރަންޖެހޭ ގޮތަކީ ވަގަށް މެމްބާޝިޕް ފޯމު ފުރައިގެން މެންބަރުން އިތުރުކުރުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކޮށްފައިވަނީ ޕީއެންސީގެ ތެރެއިންކަން އެނގޭ ކަމަށެވެ.
"މިއެއް ނޫން މީހުން އިތުރުކުރާ ގޮތަކީ. ވަރަށް ވިޔާނުދާ ލަދުވެތިކަމެއް. ވަރަށް ލަދު ވެސް ގަނޭ،" މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު އެގޮތަށް ވިދާޅުވި ކަމަށް ނޫހެއްގައި ރިޕޯޓުކޮށްފައިވާކަން ފާހަގަކުރައްވަމުން މީކާއިލް ވިދާޅުވި އެވެ.
މީކާއިލްގެ އެ ވާހަކައާ ގުޅިގެން ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނަސީމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ވާހަކަދައްކަން ކަނޑައަޅާފައި އޮތް ރިޕޯޓަށް ވާހަކަ ދެއްކުމަށް މެންބަރުންނަށް ހަނދާންކޮށްދެއްވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަރިހުން އެދިވަޑައިގެންފަ އެވެ. 
އޭގެ ފަހުން ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މި ދުވަސްވަރު އެ ރިޕޯޓަށް ވާހަކަ ދައްކަވާ ނަމަ ދައްކަން އެންމެ އެކަށީގެންވާ ވާހަކައަކީ އެއީ ކަމަށް ވިދާޅުވެ، ވާހަކަ ކުރިއަށް ގެންދަވާފަ އެވެ. 
އޭނާ ވިދާޅުވީ ޕީއެންސީއަށް މީހުން އިތުރުކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ ޑޭޓާ ބޭސް އިން މައުލޫމާތު ނަގައިގެންކަން އެނގޭ ކަމަށެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނު ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
"މިހާ ލަދުވެތިކަމެއް ދިވެހިރާއްޖޭގެ ހަޔާތުގައި ވެސް ހިނގިކަމެއް އަޅުގަނޑަކަށް ނޭނގޭ، އިއްޒަތްތެރި ރައީސް. ދިވެހިރާއްޖޭގެ ހަޔާތުގައި ވެސް ހިނގި އެންމެ ބޮޑު އައިޑެންޓިޓީ ތެފްޓް،" އޭނާ ވިދާޅުވި އެވެ.
މީކާއިލްގެ ވާހަކަ އެހާ ހިސާބަށް ދިއުމާ އެކު މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފަ އެވެ. އޭނާ ވިދާޅުވީ ހޯމް މިނިސްޓަރަށް ކުރާ ތުހުމަތުތަކަކީ ދޮގު ތުހުމަތެއް ކަމަށާއި އެއީ ކޯޓަކުން ބަލައި ތަހުގީގްކޮށްގެން ނިންމަންޖެހޭ ކަންކަން ކަމަށެވެ.
ނަމަވެސް މީކާއިލް ވަނީ ޕީއެންސީއަށް މީހުން އިތުރުކުރަން ފޯމު ފުރުން ކުރިއަށް ދިޔައިރު އިހުސާން އެ ތަނުގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ދައްކަވައި އޭނާގެ ވާހަކަ ދިފާއު ކުރައްވާފަ އެވެ. އެ ފޮޓޯ އިއްޔެ ވަނީ ސޯޝަލް މީޑިއާއަށް ލީކުވެފަ އެވެ.
"މިހިރީ ފޮޓޯ ފެންނަން ޑީއެންއާރުގެ ޕްެރެމިސެސް ތެރޭ މިހާރުގެ ހޯމް މިނިސްޓަރު މި ސުޕަވައިޒްކުރައްވަނީ ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އައިޑެންޓިޓީ ތެފްޓް،" ފޯނުން ފޮޓޯ ދައްކަވަމުން މީކާއިލް ވިދާޅުވި އެވެ.
އެއާ އެކު، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި އެއީ ހަދާފައިވާ ފޮޓޯއެއް ކަމަށް ވިދާޅުވެފަ އެވެ.
"ކަނޑައެޅިގެން ފޮޓޯ އާއި މެސެޖާ ހަދައިގެން އެ ދައްކަވަނީ. ފްލެޓުތަކާއި ގޯތިތަކާއި ހުރިހާ އެއްޗެއް މުޅި ދައުލަތް ވަގަށް ބަހާލީ މި އެމްޑީޕީ ސަރުކާރުން. ބަހާލަފައި ގޮސް ވާހަކަ މި ދައްކަވަނީ،" މީކާއިލްއަށް ރައްދު ދެއްވައި ފަލާހު ވިދާޅުވި އެވެ.
ފަލާހު ނެންގެވީ ނިޒާމީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، އޭނާގެ ވާހަކަ އަބްދުއްރަހީމް ވަނީ މެދުކަނޑާލައްވާފަ އެވެ.
"މި ފޮޓޯއާ ގުޅިގެން ހޯމް މިނިސްޓަރު އެބައޮތް ނޫހަކަށް އިންޓަވިއު ދެއްވާފައި އެ މަނިކުފާނު ވަޑައިގެންނެވީ ޕިއްޒާއެއް ކެއުމަށް ކަމަށް. އެހެން ނަމަވެސް، ޕީއެންސީގެ ޕީޖީ ލީޑަރު އެ ވިދާޅުވީ މިއީ ހަދާފައިވާ ފޮޓޯއެއް ކަމަށް،" އެ ފޮޓޯއާ ގުޅޭ ގޮތުން ތެދު ހައްދަވަނީ މިނިސްޓަރުތޯ ނުވަތަ ފަލާހުތޯ ސުވާލު އުފައްދަވައި މީކާއިލް ވިދާޅުވި އެވެ.
"ޕިއްޒާއެއް ކާން ހުރި ފޮޓޯ ހެދީ އެމްޑީޕީންތޯ ނުވަތަ މިއީ ހަގީގަތުގައި ވެސް ހޯމް މިނިސްޓަރު އެ ތަނަށް ވަޑައިގެން ހުންނަވާ ދިވެހިރާއްޖޭގެ އެންމެ ބޮޑު އައިޑެންޓިޓީ ފްރޯޑް،" ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާން ނިޒާމީ ނުކުތާއެއް ނެންގެވުމާ އެކު ވާހަކަ ދެއްކެވުން މެދުކަނޑާލައްވަމުން މީކާއިލް ވިދާޅުވި އެވެ.
އައިފާން ވަނީ އެމްޑީޕީ މެންބަރުން މިއަދުގެ ޖަލްސާގައި ހައްދަވަނީ ދޮގު ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
މީކާއިލް އިތުރަށް ވިދާޅުވީ ރައްޔިތުން މިއަދު އުފައްދާ ސުވާލަކީ ޕީއެންސީއަށް މެންބަރުން ވައްދާ ފޯމުތަކެއް ޑީއެންއާރުގެ ތެރޭގައި ހުރީ ކީއްވެތޯ ކަމަށެވެ.
"މިއަދު ރައްޔިތުންގެ މަޖިލީހުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އިލެކްޝަންސް ކޮމިޝަނުން މިކަން ކަށަވަރުކޮށްދޭން އެބަޖެހޭ، އިއްޒަތްތެރި ރައީސް. މިކަން ހަމަ ހަގީގަތުގައި ވެސް ހިނގާފައި އެބައޮތްތޯ. ޝަހުސު އޮޅުވާލުމުގެ، ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ޝަހުސު އޮޅުވާލުމުގެ އެންމެ ބޮޑު ކުށް ކޮށްފައި މިއޮތީ، އިއްޒަތްތެރި ރައީސް. ހޯމް މިނިސްޓްރީން، ދާހިލީ ވުޒާރާގެ ފުރިހަމަ ބެލުމުގެ ދަށުން،" މީކާއިލް ވިދާޅުވި އެވެ.
އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީން ނިންމާފައިވާއިރު، އަބްދުއްރަހީމް ވެސް އެ ވޯޓު ނަގަން ބޭނުންވެވަޑައިގަންނަވާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ. ނަމަވެސް މީކާއިލްގެ ވާހަކަ މެދުކަނޑާލައްވައި އަބްދުއްރަހީމް ވަނީ އެހެން މެންބަރުންގެ ހިތުގައި އޮންނަ އެއްޗެއް އަނެއް މެންބަރަކަށް ނޭނގޭނެ ކަމަށް ވިދާޅުވެފަ އެވެ.
މީކާއިލް މި މޭރުމުން ވާހަކަ ދެއްކެވިއިރު، އެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ފަލާހު ވަނީ އެއްވެސް މީހަކަށް ނޭނގި ޕީއެންސީއަށް ވައްދާފައިނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ފަސް މަންޒަރު - އެތައް ބަޔަކަށް ނޭނގި ސައްހަ ނޫން ފޯމް ހުށަހަޅައިގެން ޕީއެންސީގެ ދަފްތަރުގައި މީހުން ޖައްސާފައިވާ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ. އެގޮތުން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެން ޒިޔާދަށް ވެސް ނޭނގި ޕީއެންސީއަށް ވެއްދި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެއާ އެކު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފޯމް ބާތިލްކޮށްފަ އެވެ. 
މީގެ އިތުރަށް: 
ޕީއެންސީން ހުށަހެޅި ސައްހަ ނޫން ފޯމުތަކެއްގައި ޑީއެންއާރުގެ ވެރިއަކަށް ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ ސޮއި ހެއްކެއްގެ ގޮތުގައި ހިމަނާފައިވާ މައްސަލަ ފެންމަތިވި؛ އެކަމަކު އެކަން އޭނާ ދޮގުކުރޭ
ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމް ފުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ އޮފީސް ތެރޭ ކުރާ ތަން ފެންނަ ފޮޓޯތަކެއް ވަނީ ހާމަވެފައި؛ އެ ފޮޓޯތަކުގައި ހޯމް މިނިސްޓަރު އިހުސާން އެ މަސައްކަތް ކުރާ ތަނުގައި ހުންނަވާ ތަން ފެނޭ؛ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ވަނީ އެމްޑީޕީން ވަނީ ނިންމާފައި
އެނގުން މުހިންމު - މި މައްސަލައާ އެކު އީސީން މިހާރު ވަނީ ޕާޓީތަކަށް މީހުން ވެއްދުން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ