'ފެނަކައަށް ނުވާނޭ' ބުނަމުން އައްޑޫ ޔުޓިލިޓީ ހިދުމަތްތައް ކައުންސިލާއި ރައްޔިތުންނަށް ދޫކޮށްލަން މައްސަލައެއް

ފެނަކައިން އައްޑޫއަށް ޔުޓިލިޓީ ހިދުމަތްތައް ދިނުމުގައި ފެއިލްވެފައިވާތީ ކައުންސިލާއި ރައްޔިތުންގެ ހިއްސާ އޮންނަ ގޮތަކަށް އައްޑުއަށް އެ ހިދުމަތްތައް ދޭން ވަކިން ކުންފުންޏެއް ހަދަން ސަރުކާރަށް ހުށަހެޅުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - އައްޑުއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖެނަރޭޓަރު ސެޓުތަކުގެ ތެރެއިން ހަތަރު ޖެންސެޓު ހަލާކުވެ، އެ ތަކެތި މަރާމާތު ކުރާނެ ސްޕެއާ ޕާޓްސް ނުލިބި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.
އެއާ އެކު ލޯޑު ނުހިފެހެއްޓޭތީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ހުންނަ ސަބްސްޓޭޝަންތަކުން އެކި ގަޑިތަކަށް ބަހާލައިގެން ކަރަންޓު ކޮންމެ ދުވަހަކު ކަރަންޓު ކަނޑަމުންދާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
އެއާ އެކު ފެނުގެ ހިދުމަތަށް ވެސް ބުރޫއަރާފައިވާއިރު، އާންމު ދިރިއުޅުމުގެ ކަންކަމަށް ހުރަސްއެޅޭތީ ގިނަ އަދަދެއްގެ މީހުން އަންނަނީ ފެނަކައަށް ފާޑުކިޔަމުންނެވެ.
ވީ ކިހިނެއް؟ - އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ ބައްދަލުވުމުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހެޅީ "އައްޑޫގެ ކަރަންޓު، ފެން އަދި ނަރުދަމާގެ ހިދުމަތްތައް ދެމުންގެންދަނީ ފެނަކައިން ކަމަށް ވެފައި، އަދި ފެނަކައިގެ އެހެން އޮޕަރޭޝަންތަކަށް ފައިސާ ހޯދަނީ ވެސް އައްޑޫއިން ކަމަށް ވެފައި، ފެނަކައިގެ މި ހިދުމަތަކީ މި ވަގުތު ރައްޔިތުންނަށް ދެވޭ ހިދުމަތަކަށް ވުރެ މުސީބާތަކަށް ވެފައި ވުމުން މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ބޭނުންވާތީ" އެވެ.
އައްޑޫގައި ދޭ ހިދުމަތްތަކުން ފެނަކައިން މިހާރު ވެސް ގާތްގަނޑަކަށް 25-30 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ހޯދާއިރު މި ފައިސާ ބޭނުންކޮށްގެން އެކަށީގެންވާ ގޮތަކަށް އައްޑޫގައި ފެނަކައިން ދޭ ހިދުމަތްތަކަށް ތަރައްގީ ގެނެވިފައި ނުވުމަކީ، އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ރައްޔިތުންނަށް ވެވޭ ބޭއިންސާފަކެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ހޯދެން އޮތް ގޮތަކީ، އޭނާ ވިދާޅުވި ގޮތުގައި އެ ހިދުމަތްތައް ލާމަރުކަޒުކޮށްގެންނެވެ.
ބުނީ ކީކޭ؟ - އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން ނިޒާރު ވިދާޅުވީ އައްޑޫ ކަރަންޓު ދޭން ވާނީ އައްޑުއަށް ވަކިން ކަމަށެވެ.
"30 - 25 މިލިއަނެއްހާ ރުފިޔާ އައްޑޫއިން ލިބޭއިރު އައްޑޫގައި ނެތޭ ހިނގާ ޖަނަރޭޓަރުގަނޑެއް. ބާރަ، ފަނަރަ ޖަނަރޭޓަރުގެ ތެރޭގައި ސްޓާޓުވެފައި ހުރީ ކޮން އެއްޗެއް ކަމަށް އެތަނުގައި ތިބޭ އިންޖިނިއަރުންނަކަށް ވެސް ނޭނގޭ،" ނިޒާރު ވިދާޅުވި އެވެ.
"15 ޖަނަރޭޓަރު މުޅި ތަނުގައި. ހިޔާކޮށްފައި ހުރި އެއްޗެއް، ހިޔާ ނުކުރާ އެއްޗެއް، ބޭރު އަސްކަނި ދަށުގައި ހުރި އެއްޗެއް އެތެރޭގައި ހުރި އެއްޗެއް އެހެންމިހެން ވެގެން ގޮސް މި އޮތީ ފެއިލްވެފައި. މިހާރު ނަސީބެއް މި ޖަލްސާ ކުރިއަށްދަނިކޮށް މި ތަނުން ކަރަންޓު ނުދާކަން. މި ހާލަތުގައި މި ތިބެނީ."
"އެކަން ހައްލުވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެކަމަށް ފައިސާ ހަރަދުކުރަން ނިންމައިގެން، ފިނޭންސް މިނިސްޓްރީން ފައިސާ ދޫކޮށްގެން އައްޑޫއަށް ޖަނަރޭޓަރު ގެނެސްގެން. އެކަން ކޮށްފައި، މި ކުންފުނި ހަދާފައި ހަވާލުކުރީމަ އައްޑޫ ރައްޔިތުންނަށް ދުވަހަކު ވެސް ކަރަންޓު ނުކެނޑޭހެން ހިދުމަތް ދެވޭނެ."
އެ ކުންފުނި އެކުލަވައިލާނީ، އޭނާ ވިދާޅުވި ގޮތުގައި:
ޔުޓިލިޓީ ހިދުމަތްތަކަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށްފަހު
ބޯޑު އެކުލަވާލާއިރު ރައްޔިތުންގެ ފަރާތުން މެމްބަރެއް ހިމަނާނެ
ނިޒާރު ހުށަހެޅުއްވި މައްސަލައަށް ތާއީދުކުރައްވައި، ފެނަކަ އާއި އެ ކުންފުނިން ދޭ ހިދުމަތްތަކަށް ފާޑުވިދާޅުވަމުން ހިތަދޫ ކޮރޮވައު ދާއިރާގެ މެމްބަރު އިބްރާހިމް ޝިނާޒު ވިދާޅުވީ އެ ކުންފުންޏަކީ ހިދުމަތެއް ދިނުމުގެ ބަދަލުގައި ސިޔާސީ ވަޒީފާ ދޫކުރަން ހަދާފައި އޮންނަ ކުންފުންޏެއް ކަމަށެވެ.
"އެންމެ ފަހުން ފެނަކަ އެމްޑީ [މުއާޒު] އިސްތިއުފާ ދެއްވާފައި ފޮނުވި ސިޓީގައި އޮތީ މި ސަރުކާރުން އެއްބާރުލުން ނުދީގެންނޭ ސިޔާސީ ވަޒީފާތައް ގިނަކޮށް، [މެމްބަރު ވިދާޅުވެގެން ވަޒީފާ ދޭން ޖެހުމުގެ] ނަތީޖާއަކަށް ވީ ކަންކަން ގޯހުން ގޯހަށް ދިއުން،" އޭނާ ވިދާޅުވި އެވެ.
ރޯދަމަސް ކައިރިވެފައިވާކަން ފާހަގަކޮށް ޝިނާޒު ވިދާޅުވި މިހާރު ދާ ގޮތުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ރޯދަ މަހުގެ ދުވަސްވަރު ވެސް ފުރިހަމައަށް ކަރަންޓު ނުދެވޭނެ ކަމަށެވެ.
"މިވަގުތު ވެސް އައްޑޫ އިންޖީނުގެ ހަވާލުކޮށްފި ނަމަ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މިއަށްވުރެ ރަނގަޅު އަގެއްގައި އައްޑޫ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް،" ޝިނާޒު ވިދާޅުވި އެވެ.
"އޭގެ ރަނގަޅު ހެއްކަކަށް ފެންނާނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ސަދަން ޔުޓިލިޓީސް އުފައްދައިގެން ހިދުމަތް ދިންއިރު މާ ރަނގަޅަށް، ރައްޔިތުންނާ ގާތުން ހިދުމަތް ދެވުނު." ޝިނާޒު ވިދާޅުވި އެވެ.
އައްޑޫ ޔުޓިލިޓީ ހިދުމަތްތައް ދިނުމަށް ވަކި ކުންފުންޏެއް ހަދަން ސަރުކާރަށް ހުށަހެޅުމަށް އަށް މެމްބަރުން ވަނީ ތާއީދުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ