ބަރުދަނަށް ހަމައެކަނި ބަލައިގެން އެއީ ފަލަމީހެކޭ ބުނުމަކީ ސިއްހީ ގޮތުން ބަލާއިރު މިހާރު ހަމަނުޖެހޭ ކަމެއް ކަމަށް، ތަޖުރިބާކާރުންގެ ޓީމަކުން އެއްބަސްވެއްޖެ އެވެ. އެ ތަޖުރިބާކާރުން ގޮވާލީ ފަލަކަމަށް މިހާރު ބަލާ މިންގަނޑު ދެ ބަޔަކަށް ބަހާލުމަށެވެ.
ދަ ލެންސެޓް ޑައިބަޓީސް އެންޑް އެންޑޮކްރިނޮލޮޖީ ޖާނަލްގައި ޝާއިއުކުރި ރިޕޯޓްގައި 'ފަލަވުން' މާނަކުރަން ޖެހޭ ގޮތް ނުވަތަ އަލުން ބޭނުންކުރަން ޖެހޭ ހުށައެޅުމަކަށް އޮތީ މިހެންނެވެ:
ކްލިނިކަލް އޮބެސިޓީ (ފަލަވެގެން ސިއްހީ މައްސަލަ ކުރިމަތިވުން)
ޕްރީ ކްލިނިކަލީ އޮބީސް (ފަލަވިޔަސް ސިއްހީ މައްސަލައެއް ނެތުން)
ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ކްލިނިކަލް އޮބެސިޓީ ނިސްބަތްކުރަން ޖެހޭނީ ފަލަވުމާ އެކު ސިއްހީ މައްސަލަތައް ތަހައްމަލްކުރަމުން ދާ މީހުންނަށެވެ.
ޕްރީ ކްލިނިކަލީ އޮބީސްގެ ބައިގައި ހިމަނަން ޖެހޭނީ ފަލަވިޔަސް ފިޓްކޮށް ތިބި އެކަމަކު ބަލިތައް ކުރިމަތިވުމުގެ ފުރުސަތު އޮތް މީހުންނެވެ.
ފަލަކަމަށް މިހާރު ނިންމަނީ އިސްކޮޅަށް ބަލާފައި ބަރުދަން ހުންނަން ޖެހޭ މިންވަރަށް ވުރެ ބަރުވީމަ އެވެ. އިނގިރޭސި ބަހުން ބުނާ ނަމަ ބީއެމްއައި އެވެ. އެ ނިސްބަތަށް ބަލާއިރު ބިލިއަނަކަށް ވުރެ ގިނަ މީހުން ފަލަ އެވެ. އެހެންވެ ބަރުދަން ލުއިކުރަން އުފައްދާ ބޭސްތަކަށް އޮތް ޑިމާންޑް ބޮޑެވެ.
ލެންސެޓްގައި ޖެހި ރިޕޯޓަށް ދުނިޔޭގެ އެކި ހިސާބުތަކުން ސިއްހީ 50 އަށް ވުރެ ގިނަ ތަޖުރިބާކާރުން އެއްބަސްވެ އެވެ.
"ފަލަ ބައެއް މީހުން ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ބަރާބަރަށް މަސައްކަތްކުރޭ، އެހާމެ ދިގު މުއްދަތަކަށް. އަނެއް ބައެއްގެ ކިބައިން ބޮޑެތި ބަލިތަކުގެ އަލާމާތްތައް ފެނޭ،" ކިންގްސް ކޮލެޖް ލަންޑަންގެ ޕްރޮފެސަރު އަދި ރިޕޯޓް ތައްޔާރުކުރި ޓީމުގައި އިސްކޮށް ހުންނެވި ފްރާންސެސްކޯ ރުބީނޯ ވިދާޅުވި އެވެ.
'ފަލަކަމަށް' މިހާރު ބަލާ މިންގަނޑު އެއްގޮތްވުމުން އޭގެ ގެއްލުން އެތައް ބަޔަކަށް ފޯރަ އެވެ. މިސާލަކަށް ބީއެމްއައިއަށް ބަލާފައި ފަލަކަމަށް ނިންމިޔަސް އޭނާއަށް ބޭނުންވާ އެންމެ ރަނގަޅު އަޅާލުން ނުދެވެ އެވެ.
ނަތާލީއަކީ އޭގެ ތެރެއަށް ފެތޭ އަންހެނެކެވެ. ހަފުތާއަކު ހަތަރު ދުވަހު އޭނާ ޖިމްއަށް ދެ އެވެ. ސިއްހީ ގޮތުން ރަނގަޅު ކެއުން ކަ އެވެ. ނަމަވެސް ބަރުދަން މައްޗެވެ.
"އަހަރެން ހިމެނޭކަމަށް މި ބަލަނީ ގިނަ މީހުން އެ ދެކޭ ގޮތަށް [ފަލަމީހުންގެ ތެރޭގައި] އެއީ ބީއެމްއައިއިން ދައްކަނީ އެހެން. އެކަމަކު އަހަރެންގެ ޑޮކްޓަރާ ވާހަކަ ދައްކާލާއިރަށް އޭނާ ބުނަނީ ފިޓް ކަމަށް، ކަންބޮޑުވާނެ ކަމެއް ނެތޭ،" ނަތާލީ ބުންޏެވެ.
"ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަހު ހުންނަން ކުރެވެން އޮތް ހުރިހާ ކަމެއް އަހަރެން ކުރާނަން."
ގިނަ ގައުމުތަކުގައި ފަލަކަމަށް ނިންމަނީ ބީއެމްއައި 30އަށް އެރީމަ އެވެ. އެކަމަކު މި މިންގަނޑު ބިނާވެފައި މި އޮތީ ހަމައެކަނި ބަރުދަނަށެވެ. ހަށިގަނޑުގައި ހުންނަ ފެޓްގެ މިންވަރަކަށް ނޫނެވެ.
މުޅި އާބާދީގައި ބަރުދަން ރަނގަޅު މީހުންނާއި ކުޑަކޮށް ބަރުދަން މަތި އަދި ފަލަމީހުން ކަނޑައަޅަން ބީއެމްއައި އަދިވެސް މުހިންމު ކަމަށް، ރިޕޯޓް ތައްޔާރުކުރި ތަޖުރިބާކާރުން އެއްބަސްވެ އެވެ. އެކަމަކު ވަކިވަކި ފަރުދުންގެ ސިއްހީ ހުރިހާ ކަމެއް، ބީއެމްއައިއަށް ބަލައިގެން ނޭނގެ އެވެ. މިސާލަކަށް ހިތުގެ މައްސަލަތައް ނުވަތަ އެހެން ވެސް ބައްޔެއްގެ އަލާމާތްތައް ހުރިތޯ އެވެ. ނޫން ނަމަ ހަށިގަނޑުގައި ހިމެނޭ އެކި ވައްތަރުގެ ފެޓްގެ މިންވަރެވެ.
ތަޖުރިބާކާރުން އެދެނީ ބީއެމްއައިއާ އެކު ހަށިގަނޑުގައި ފެޓް ހުރި ގޮތާއި އޭނާގެ ސިއްހީ އެހެން މައްސަލަތަކަށް ވެސް ބެލުމަށެވެ. އޭގެ ފަހުން ފަލަކަމަށް ބަލާ ދެ މިންގަނޑުން މިންގަނޑަކަށް ފެއްތުމަށެވެ.
ކްލިނިކަލީ އޮބީސް: ފަލަވުމަކީ ބައްޔެއް ނަމަ ހަށިގަނޑުގެ ގުނަވަންތަކަށް ނުބައި އަސަރެއްކުރާނެ އެވެ. ހިތުގެ މައްސަލަތަކާއި ނޭވާލާން އުނދަގޫވުމާއި ޓައިޕް 2ގެ ހަކުރު ބައްޔާއި ހުޅުތަކުގައި ރިއްސުމެވެ. ދުވަހީ ކަންކަން ކުރަން އުނދަގޫވުމެވެ. މި ބައިގެ މީހުންނަށް ބޭސް ދިނުން ނުވަތަ އޮޕަރޭޝަން ކޮށްގެން ބަރުދަން ލުއިކުރަން ޖެހެ އެވެ.
ޕްރީ ކްލިނިކަލީ އޮބީސް: ސިއްހީ މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ފަލަކަމެވެ. އެކަމަކު އެއްވެސް ބައްޔެއް އަދި ކުރިމައްޗެއް ނުވެ އެވެ. މި ބައިގައި ހިމެނޭ މީހުންނަށް ބަރުދަން ލުއިކުރުމުގެ އިރުޝާދާއި ކައުންސެލިން ދޭނީ އެވެ. ބޭނުމަކީ ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ދުރުކުރުމެވެ.
ބަރުދަން ލުއިކޮށްދޭ ބޭސް ބޭނުންކުރުން އާންމުވަމުން އަންނަ އިރު ފަލަކަމަށް ބަލާ މިންގަނޑު ވީހާވެސް ރަނގަޅު ގޮތަކަށް ފައްތަން ޖެހޭ ކަމަށް، ތަޖުރިބާކާރުން އެއްބަސްވެ އެވެ.
'ފަލަ' ކަމަށް މިހާރު ކަނޑައަޅާ ގޮތް ސިއްހީ ނަޒަރުން މުޅިން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ