އޮސްޓްރޭލިއަން އޯޕަންގެ ތިންވަނަބުރުން ސިނާ ޖާގަހޯދައިފި
އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓްގެ ތިންވަނަ ބުރުން މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ތިންވަނަ ބުރުން ސިނާ ޖާގަހޯދީ ދެވަނަ ބުރުގައި އޮސްޓްރޭލިއާގެ ޓްރިސްޓަން ސްކޫލްކޭޓާ ބައްދަލުކުރި މެޗު ފަހަތުން އަރާ ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ހަތަރެއް ހަޔަކުން ކާމުޔާބު ކޮށްފައިވަނީ ދުނިޔޭގައި ސަތޭކަ ހަތްދިޔަ ތިންވަނައަށް ސީޑު ކުރެވިފައިވާ ސްކޫލްކޭޓްއެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓު ސިނާ ވަނީ މާ ގިނަ އުނދަގޫ ތަކަކާ ނުލާ ކާމިޔާބު ކޮށްފައެވެ. މިގޮތުން ހައެއް ހަތަރަކުން ދެވަނަ ސެޓު ސިނާ ކާމިޔާބު ކުރިއިރު ޖެހިގެން އައި ދެ ސެޓު އޭނާ ކާމިޔާބު ކޮށްފައި ވަނީ ހައެއް އެކެއް އަދި ހައެއް ތިނަކުންނެވެ. މިކާމިޔާބީއާއެކު އުމުރުން 23 އަހަރުގެ ސިނާ ވެފައިވަނީ 2008 އަދި 2009ގައި ޖެހިޖެހިގެން ނުވަ ސިންގަލަސް މެޗު ނޯވަކް ޖޯކޮވިޗް ކާމިޔާބު ކުރި ފަހުން ޖެހިޖެހިގެން ނުވަ މެޗު ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިނާ ހާމަކުރިގޮތުގައި މިމުބާރާތުގައި ބޮޑު ބަޔެއް ބާކީ އެބައޮތެވެ. އަދި މިމެޗަށް ފަހު އޭނާއަށް ރަނގަޅު ކުރެވޭނެ ކަންތައްތަކެއް ހުރިކަން ހާމަވެފައި ވާކަމަށް އޭނާ ވަނީ ބުނެފައެވެ. ސިނާ ތިންވަނަ ބުރުން ޖާގަހޯދާފައިވާއިރު މިދިޔަ އަހަރުގެ ފައިނަލްގައި ސިނާއާ ދެކޮޅަށް ކުޅުނު އަދި މިފަހަރުގެ މުބާރާތުގައި ފަސްވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް ވަނީ އެމެރިކާގެ ޒުވާން ކުޅުންތެރިޔާ ލިއާނާ ޓިއެންއާ ބައްދަލުކޮށް ދެވަނަ ބުރުގައި ކުޅުނު މެޗުން ބަލިވެ މުބާރާތަށް އަލްވަދާއު ކިޔާފައެވެ. މިފަހަރުގެ މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ވާދަވެރި މެޗުގެ ފުރަތަމަ ދެސެޓު ހައެއް ތިނެއް އަދި ހަތެއް ހަޔަކުން ކާމިޔާބު ކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ޓިއެންއެވެ. ނަމަވެސް ތިންވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ޓިއެން މެޗު ލިބިފައި ވުމާއެކު ވެސް ޓައިބްރޭކް ވަނީ ދިހައެއް އަށަކުން ގެއްލިފައެވެ. ދެން ފެނިގެންދިޔައީ މެޑްވެޑޭވް ހަތަރު ވަނަ ސެޓު އެކެއް ހަޔަކުން ކާމިޔާބު ކޮށް ދެސެޓު ދެސެޓުން އެއްވަރުކޮށް ފަސް ވަނަ ސެޓަކަށް މިމެޗު ގެންގޮސްފައެވެ. ފަސްވަނަ ސެޓު ވެސް ދެކޮޅަށް ކިރެމުންގޮސް ފަހެއް ހަޔަކުން މެޑްވެޑޭވް ކުރި ހޯދާ މެޗަށް ސާވް ކުރުމާއެކު ވެސް އެގޭމް އޭނާއަށް ގެއްލި ޓައި ބްރޭކަކަށް ދިޔައެވެ. މިޓައި ބްރޭކް ފަހެއް ހަތަކުން ކާމިޔާބުކޮށް ޓިއެން ވަނީ މިމެޗު ތިން ސެޓު ދެސެޓުން ކާމިޔާބު ކޮށް ގިނަ ބަޔަކު ހައިރާން ކޮށްލާފައެވެ. މީގެއިތުރުން މިމުބާރާތުގެ ތިންވަނަ ބުރުން ވަނީ ހަތަރުވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒް ވެސް ޖާގަހޯދައިފައެވެ. އޭނާ ޖާގަހޯދީ ދެވަނަ ބުރުގައި ޗިލީގެ ކްރިސްޓިއަން ގަރިންއާ ބައްދަލުކުރި މެޗު ސިދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ދެއެއް، ހައެއް އެކެއް އަދި ހައެއް ސުމަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ