ސޯދުބެއަށް ޚާއްސަކުރި ޅެންވެރިންގެ ދުވަހުގެ ޖަލްސާ: އެންމެންގެ ދުލުން ވެސް "ވަރަށް ލޯބިވޭ"
ނިޝާން ޢިއްޒުންދީންގެ ޢިއްޒަތުގެ ވެރިޔާ އަބްދުﷲ ޞާދިގު (ސޯދުބެ)އަށް ޚާއްސަކޮށް މިރޭ ބޭއްވި ޅެންވެރީންގެ ދުވަހުގެ ޖަލްސާގައި އެންމެން ވެސް ހާމަކުރީ ސޯދުބޭ ދެކެ ވާ ލޯތްބެވެ. އެންމެންގެ ލޯތަކުން އުފާވެރިކަމުގެ ކަރުނަ ފާއްދާލި އެ ޖަލްސާގައި، ސޯދުބެގެ ދަރިންނާއި، ދަރިވަރުންނާއި، ޅެންވެރިންނާއި އަދި އެ ނޫން ކޮންމެ މީހެއްގެ ދުލުން ވެސް ބުނީ ސޯދުބެ ދެކެ ވަރަށް ލޯބިވާ ވާހަކައެވެ. އެއީ ގައުމަށްޓަކައި ސޯދުބެ ކޮށްދެއްވި ގައުމީ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. މި އަހަރު ފާހަގަކުރާ 37ވަނަ ޅެންވެރީންގެ ދުވަހުގެ ޝިއާރަކީ "އަހަންނަކީ ދިވެއްސަކީން، ދިވެހި އުޅުމުގެ ވެއްސަކީން''މިއެވެ. އެ ޝިއާރު އިޚުތިޔާރުކޮށްފައި ވަނީ، ސޯދުބެ ހައްދަވައިފައިވާ "ދިވެއްސަކީން" ޅެމާ ގުޅުވައިފައެވެ. ސިއްހީ ހާލަތު ތަންނުދިނުމުގެ ސަބަބުން މި ޖަލްސާގައި ސޯދުބެ ބައިވެރިވެވަޑައިގެންފައި ނުވެއެވެ. ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި ސޯދުބެގެ ހަގު ދަރިފުޅު ރައުފަތު ސޯދިގު ވަނީ، އޭނާގެ ބައްޕަގެ މިޒާޖު ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައެވެ. އަދި ބައްޕަގެ ޚިދުމަތްތަކުގެ އަގުނުކުރެވޭނެ ކަމަށާއި އެއީ ގައުމީ ޚިދުމަތްތަކާ މެދު ފަޚުރުވެރިވާކަމަށް ރައުފަތު ވަނީ ބުނެފައެވެ. ސޯދުބެގެ ހަގު ދަރިފުޅު ރައުފަތު ސޯދިގު ރައުފަތު ވަނީ ބައްޕަ ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއް ޖަލްސާގެ އެންމެހާ ހާޒިރީންނާ ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި ސޯދުބެ ވިދާޅުވީ، "އަހަރެންވެސް ހުރިހާ ކުދިން ދެކެ ހިތުގެ އަޑިން ވަރަށް ބޮޑަށް ލޯބިވޭ،" މިހެންނެވެ. ހަމައެއާއެކު ސޯދުބެ ދުނިޔޭގައި ހުންނެވިއިރު އޭނާގެ ޚިދުމަތުގެ އަގު ވަޒަންކޮށްދެއްވިކަމަށްޓަކައި ރައުފަތު ވަނީ ޝުކުރުއަދާކުރައްވައިފައެވެ. "ލޯބިވޭ ބައްޕާ. ވަރަށް ބޮޑަށް ލޯބިވޭ. އަޅުގަނޑުވެސް ވަރަށް ބޮޑަށް ލޯބިވޭ. މިތާ މި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ހަމަ އެހާ ބޮޑަށް ބައްޕަދެކެ ލޯބިވެވަޑައިގަންނަވާ،" ބައްޕަގެ މެސެޖު ޖަލްސާގެ އެންމެހާ ހާޒިރީންނަށް އިއްވަވައިދެއްވުމަށްފަހު ރައުފަތު ވިދާޅުވިއެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ މެސެޖެއް ފޯރުކޮށްދީފައެވެ. އެގޮތުން ޅެންވެރިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސް އަރިސްކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. "ޅެންވެރިންގެ ޝުއޫރުތަކުން ދަރީންގެ ތަރުބިއްޔަތަށް މަގު ދައްކައިދެއްވާށޭ. ގައުމީ ލޯބި އިތުރުކޮށްދެއްވާށޭ. މަތިވެރި ރޫހު ދިރުވައި އާލާކޮށްދެއްވާށޭ. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާގެ ތިން އެދިވަޑައިގަތުމެއް ޅެންވެރިންގެ ފަރާތްޕުޅަށް ހުށަހެޅިފަ އެބައޮތް،" ވަޒީރު ވިދާޅުވިއެވެ. ޅެންވެރިންގެ ދުވަހުގެ ޖަލްސާގެ ތެރެއިން ވަޒީރު އާދަމް ނަސީރު - ވަޒީރު ވިދާޅުވީ ޅެންވެރިކަން އާލާކުރުމަށް، ޅެންވެރިންގެ މަސައްކަތް ހަލުވިކުރުމަށް އެ ވުޒާރާއިން މަސައްކަތްކުރައްވާ ކަމަށެވެ. އަދި އަމިއްލަ ބައެއް ޖަމިއްޔާތަކުންނާއި ދިވެހި ބަހުގެ އެކެޑަމީން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މި ހިނގާ 2025ވަނަ އަހަރަކީ ޅެންވެރިންނާއި ވަކިން ޚާއްސަކޮށް ޒުވާން ޅެންވެރިންނަށް އަމާޒުކޮށް މުހިންމު ހަރަކާތްތަކެއް ހިންގާނެ އަހަރެއްް ކަމަށް ވިދާޅުވިއެވެ. ޅެންވެރިންނަކީ ގައުމުގައި ވަރަށް ބޮޑު ޒިންމާއަކާއި ވާޖިބެއް އޮންނަ ބައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މާޒީގައި ޅެންވެރިން އެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރައްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އޭގެ އެއް މިސާލަކީ ސޯދުބެ ކަމަށެވެ. ސޯދުބެއަކީ ޅެންވެރީންގެ ޅެންވެރިޔާ އަދި އަދީބުންގެ އަދީބު ކަމަށް ވިދާޅުވެ ވަޒީރު ވަނީ ސޯދުބެގެ މަސައްކަތަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. "ކިޔަންވެސް ލިޔަން ވެސް އޮތީ އެއް އިބާރާތް. ވަރަށް ލޯބިވޭ!" ވާހަކަ ނިންމަވާލައްވަމުން ވަޒީރު ވިދާޅުވިއެވެ. 'ސޯދުބެގެ ޅެން ބަހުރުވަ-3' ފޮތް ނެރެދެއްވުން - ދުވަހާއި ގުޅުވައި 'ސޯދުބެގެ ޅެން ބަހުރުވަ-3' ފޮތް ވަނީ ނެރެފައެވެ. އެ ފޮތް ރަސްމީކޮށް ނެރެދެއްވީ، ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަދި ސޯދުބެގެ ދަރިވަރު އަޝްރަފް އަލީއެވެ. ދުވަހާ ގުޅުވައި ސޯދުބެއަށް ވަނީ ޚާއްސަ ހަނދާނީ ފިލައެއް ވެސް އަރުވައިފައެވެ. އެ ފިލާއާއި ހަވާލުވީ، ސޯދުބޭގެ އާއިލާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ