މަޑިއަށް ކާންދިނުން އިތުރުވާތީ އެކަން ނުކުރާން އީޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ގަވާއިދާ ޚިލާފަށް ކާންދިނުން އިތުރުވާތީ އެކަން އެގޮތަށް ނުކުރުމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އިލްތިމާސްކޮށްފިއެވެ. ގަވާއިދާ ޚިލާފަށް މަޑިއަށް ކާންދިނުން އިތުރުވާތީ ކަންބޮޑުވުން ފާޅުކޮށް އީޕީއޭއިން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ހަރަކާތްތައް އިތުރުވަމުން އަންނަކަން އެ އެޖެންސީން ހިތާމަޔާއެކު ފާހަގަކުރާކަމަށެވެ. ރާއްޖޭގައި އުޅޭ އެންމެހައި މަޑީގެ ބާވަތްތަކަކީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާއި ބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތަކެއް ކަމަށާއި އެ ގަވާއިދުގައި ރައްކާތެރި ކުރެވިފައިވާ ދިރުންތަކަށް ގެއްލުންލިބިދޭ އެންމެހައި ކަންކަން މަނާކުރެވިފައި ވާކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މަޑީގެ ބާވަތްތަކަށް ކާންދިނުމާއި ކާންއެޅުމަކީ އެ ތަކެތީގެ ގުދުރަތީ އާދަތަކަށް ނޭދެވޭ އަސަރު ކުރާނޭ ކަމެއްކަން ދިރާސާތަކުން ދައްކާ ކަމަށާއި މަޑީގެ ބާވަތްތައް ބަލާލުމުގެ އިތުރުން އެތަކެއްޗާއެކު ފީނާލުމަކީ ދިވެހީންނާއި ފަތުރުވެރީންގެ މެދުގައި މަގުބޫލު ތަޖުރިބާއެއް ނަމަވެސް މި ކަންކަމުގެ ސަބަބުން އިންސާނުންނަށް އެކިކަހަލަ އަނިޔާތަކާއި ބައެއްފަހަރު ފުރާނައަށް ނުރައްކާތެރިވާފަދަ ހިތާމެރި ހާދިސާތައް މެދުވެރިވާކަން އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ މިފަދަ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިޔަރު އެއްވުމުން މަޑި ނުވަތަ މިޔަރަށް ކާންއެޅުމުން މިޔަރު ދަތް އެޅުމުންކަން އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އަދި މަޑި ކަށި ހެރިގެން ވެސް ހާދިސާތައް ހިނގުމަށް މަގުފަހިވާކަމަށާއި މިފަދަ ހާދިސާތައް ގިނަވުމަކީ ފަތުރުވެރިކަމަށް ވެސް އަސަރުކުރާނޭ ކަމެއްކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން މަޑިއާއި މިޔަރަށް ކާންދިނުން ހުއްޓުވުމަށް އެކި ފަރާތްތަކުން އެދޭކަމަށް އެޖެންސީން ބުންޏެވެ. އަދި މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެ އެޖެންސީއަށް ޝަކުވާ ހުށަހަޅާކަމަށް ވެސް އެ އެޖެންސީއިން ވަނީ ބުނެފައެވެ. އެހެންކަމުން މަޑީގެ ބާވަތްތައް ބެލުމަށްޓަކައި ކުރިއަށްގެންދެވޭ އެންމެހައި ހަރަކާތްތަކަކީ ރާއްޖޭގައި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ހިންގޭ އަދި އިންސާނުންނަށް ރައްކާތެރި ތިމާވެއްޓާއި ރައްޓެހި ހަރަކާތްތަކަަކަށް ހެދުމަށް އެ އެޖެންސީއިން ވަނީ ގޮވާލާފައެވެ. އެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާއިމެދު "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާއި ބެހޭ ގަވާއިދު"ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ