ޓީވީ މުއާއަށް: މީޑިއާ ކަސްތަޅު އަޅުވަން ހަމަ ނުދައްކާ

މީޑިއާ ކަސްތަޅު އަޅާ ބިލު ތަސްދީގު ނުކުރުމަށް ރައީސް ނަޝީދު ގޮވާލެއްވުމުން އެކަމާ ދެކޮޅަށް ރައީސް ޔާމީނުގެ ސްޕޯކްސްޕާސަނަކަށް އުޅުނު ޓީވީ މުއާ ހަމަ އެޅުވީމަ ނިކަން ހުތުރެވެ. ބޯވަހެދިގެން ފަހަރަކު ސިޔާސީ ފާޓީއަކަށްވަދެ ވެރިމީހާގެ ތުންފުއްސަކަށް ވިޔަސް މީޑިއާ ޗޭނު ޖަހުވަން އެކަކުވެސް އުޅޭނެ ކަމެއް ނެތެވެ. 
ސިޔާސީ އަޅުންގެ އަޅުން ރައީސް މުއިއްޒުގެ ގޮނޑިކޮއްކޮއަކަށް ރާއްޖޭގެ މީޑިއާ ހެދުމަށް ވަކާލާތު ކޮށް ހަމަދައްކާއިރު ހަމަޖެހޭ ވާހަކައެއް ދައްކާނަމަވެސް ރަނގަޅެވެ. ޓީވީ މުއާ އެއްކަމަކު މުއިއްޒު މީޑިއާގެ މިނިވަކަމަށް އަރައިގަންނަން އުޅޭ އުޅުން ހަލާލުކޮށްދޭން ހަމަ އަޅުވަން އުޅޭނެ ކަމެއް ނެތެވެ. 
ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މީޑިއާއަށް އިންތަކާ މިންތަކެއް ކަނޑައަޅާފައި ނެތޭ ބުނީ ކާކުހެއްޔެވެ. މީޑިއާގެ މައްޗަށް ގާނޫނާއި ޤަވައިދުތައް ދުނިޔޭގަެި ތަންފީޒު ނުކުރެއޭ މީހަކު ބުނީހެއްޔެވެ. ތިޔަ އުޅެނީ ކާކަށް ކޮންއެއްޗެއް އޮޅުވާލަން ހެއްޔެވެ. 
ރާއްޖޭގެ މީޑިއާ ކައުންސިލާއި ބްރޮޑްކޮމް ގާނޫނު އޮތީ ކިތަންމެހާވެސް ރަނގަޅަކަށް ރާއްޖޭގެ މީޑިއާ ރެގިއުލޭޓް ކުރެވޭ ގޮތަށެވެ. ރާއްޖޭގެ އެއްވެސް ނޫސްވެރިއެއް ވެސް ނޫސް އެޖެންސީއެއް ވެސް ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް މީޑިއާ ރެގިއުލޭޓް ކުރުމަކަށް ދެކޮޅެއް ނުހަދައެވެ. 
ސެލްފް ރެގިއިލޭޓަރީ ނިޒާމެއްގެ ތެރޭގައި ރާއްޖޭގެ މީޑިއާ ހިނގަމުން ދާކަން ބސޔަކަށް ނޭގުމަކީ މީޑިއާގެ މައްސަލައެއް ނޫނެވެ. އެހެން ކޮންމެ ކަމެއްގައިވެސް އިސްލަހު ކުރަންޖެހޭ ކަންކަން މީޑިއާގައިވެސް އެބަހުއްޓެވެ. އޭގެ މާނައަކީ މީޑިއާ ކަސްތަޅުއަޅާ ހުއްޓުވާ ހުދުމުހުތާރު ވެރިއެއްގެ މުށުތެރެއަށް މީޑިއާ ގެންދިއުމެއް ނޫނެވެ.
ދެ މިސާލު ކިއްކުރަން ހެއްޔެވެ. އެއްހާސް މިސާލު ދެއްކިޔަސް މުއިއްޒު އުޅެނީ މިނިވަން މީޑިއާ ނައްތާލާ ގޮނޑިކޮއްކޮ ނުހެދޭ ކޮންމެ މީޑިއާއެއް ނައްތާލަން ނޫން ކަމަކަށް ނުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ