ސިހުރުވެރިޔެއްގެ އެހީ ރައީސް ޔާމީން ހޯދި ކަމަށް ބުނާ ވާހަކަ މައުމޫން ދޮގުކޮށްފި

ސިހުރު ހެދުމަކީ އޮންނަ ކަމެއް ނޫން ކަމަށާއި ސިހުރު ހަދައި އެއަށް އިތުބާރު ކުރާނަމަ ރިޔާސީ އިންތިހާބުގައި ކުރި ޕީޕީއެމުން ކުރި މަސައްކަތް ކޮބައިތޯ ސުވާލު އުފައްދައި ސިހުރު ހެދުމަކީ އޮތް ކަމެއް ނޫން ކަމަށާއި އެފަދަ ވާހަކަތައް ގަބޫލު ނުކުރުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލް ވާހަކަފުޅު ދައްކަވައިފި އެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްޓަކައި ސްރީލަންކާގެ މީހަކު ލައްވާ ސިހުރު ހެދި ކަމަށް ދެކެވޭ ވާހަކަތައް ވެސް ރައީސް މައުމޫން މިއަދު ވަނީ ދޮގު ކުރައްވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ ރައީސް ލަންކާގެ ސިހުރުވެރިއަކު ސިހުރު ހަދައިދިން ކަމަށް ބުނެ މިހާރު ފަތުރާފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށާއި "ސިހުރު ހެދުމަކީ އޮތް ކަމެއް ވެސް ނޫން" ކަމަށެވެ. އަދި ވިދާޅުވީ "ސިހުރު ހަދައިގެން ކަމެއް ނުވެސް ވާނެ" ކަމަށެވެ.
މައުމޫން ވިދާޅުވީ 2013 އިގެ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވީ ސިހުރު ހަދައިގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާވާހަކަ އަކީ ދޮގު ވާހަކައެއް ކަމެއް ކަމަށާއި އިންތިހާބު ކާމިޔާބު ކުރެއްވީ ޕީޕީއެމް އިން ރާއްޖޭގެ އެކި ތަންތަނަށް ދަތުރުކޮށް ޕާޓީގެ މެމްބަރުން އިހުލާސް ތެރިކަމާއެކު މަސައްކަތްކޮށްގެން ކަމަށެވެ.
"ސިހުރުވެރިޔަކު ކުރި މަސައްކަތުން ރައީސް ޔާމީން އިންތިހާބު ވެފައިވާ ނަމަ ޕީޕީއެމް އިން ކުރީ ކޮން މަސައްކަތެއްތޯ؟ އަޅުގަނޑުމެން ކުރި މަސައްކަތެރެއިން އެބުނާ މީހާ [ލަންކާ ސިހުރުވެރިޔާ، އަސީލާ ވިކްރަމަސިންހަ] އެއް ނުދެކެން. އަދި އޭނަގެ އެއްވެސް ބައިވެރި ވުމެއް ވެސް ނެތް. އެއީ ހަމަ ހުސް ދޮގު. އެކަހަލަ ވާހަކަ ގަބޫލު ކުރަން ވެސް ނުވާނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގޮތުގައި އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން ސިހުރު ހެދި ކަމަށް ތުހުމަތުކުރާ އިރު ސިހުރަކީ ހަގީގަތުގައި އިސްލާމް ދީނުގައި އޮންނަ އެއްޗެއް ނޫން ކަމަށެވެ.
"ސިހުރުވެރި ކަމަކީ ހަގީގަތުގައި އޮތް ކަމެއް ވެސް ނޫން. ކިތަންމެ ވަރަކަށް ހެދިޔަސް އޭގެން ވާނެ ކަމެއް ނޯންނާނެ. ﷲ އިރާދަކުރައްވާ ކަމެއް ނޫނީ ނުވާނެ،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ