އެމްޑީޕީން ވަކިވެވަޑައިގަތީ އަމިއްލަ އިޚްތިޔާރުގައި ނޫން ކަމަށާއި، އެއީ މަޖުބޫރުވެގެން ކުރެއްވި ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ”ބޮޑު ބަދަލު“ ކެމްޕޭނުގެ ތެރެއިން ށ. ކޮމަންޑޫގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮމަންޑޫއަކީ އެމަނިކުފާނުގެ އަމިއްލަ ގެދޮރު ފަދަ ރަށެއްގެ ގޮތުގައި ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީއާ އޮތް ގުޅުމަކީ ވަރަށް ފުން އަދި ބަދަހި ގުޅުމެއް ކަމަށެވެ. އަދި ޕާޓީން ވަކިކޮށް ބޭރުކޮށްލަންދެންވެސް ހުންނެވީ ސާބިތުކަމާއެކު ޕާޓީގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ރަސްމީ ކުލައަށް އިޝާރާތް ކުރައްވައި، ޕާޓީއަށް އޮތް ލޯތްބާއި ވަފާތެރިކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ، ”އަޅުގަނޑުގެ ހަށިގަނޑުން ތަނެއް ކަނޑައިފިނަމަ، ފައިބާނީ ރީނދޫ ލޭ“ ކަމަށެވެ. އެއީ އެމަނިކުފާނުގެ ސިޔާސީ ހަޔާތާއި އެމްޑީޕީގެ ފިކުރާ ގުޅިފައިވާ މިންވަރު އަންގައިދޭ ރަމްޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިޔާސީ ހަރަކާތްތަކުގައި ހޭދަކުރެއްވި ދިގު މާޒީގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕާޓީއަށާއި ރާއްޖޭގެ ޑިމޮކްރެސީއަށް ޓަކައި އެމަނިކުފާނުގެ ޒުވާން ދުވަސްވަރުގެ ބޮޑު ބައެއް ގުރުބާން ކުރައްވާފައިވާ ކަމަށެވެ. އަދި ސިޔާސީ ގޮތުން ކުރިމަތިވި ތަފާތު ދުއްޕާންތަކާއި، އެކި ފަހަރު މަތިން ޖަލު ބަންދުގައި ހުންނަން ޖެހުމުގެ ސަބަބުން، އާއިލީ ދިރިއުޅުމުގެ އެންމެ މުހިންމު ވަގުތުތަކުން މަހުރޫމްވިކަން ހިތާމައާއެކު ފާހަގަކުރެއްވިއެވެ. އެގޮތުން ދަރިން އުފަންވި ވަގުތުތަކުގައިވެސް ކައިރީގައި ހުރެވޭގޮތް ނުވިކަމީ ލިބުނު ބޮޑު ދެރައެއް ކަމަށް ވިދާޅުވިއެވެ.
އިދިކޮޅު ހަރަކާތްތަކުގައި އުޅުއްވިއިރު ތަކުރާރުކޮށް ޖަލަށް ދާންޖެހުނު އުނދަގޫ ދުވަސްތަކުގެ ހަނދާން އާކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ދުވަސްވަރު ދުވާލު ހައްޔަރު ނުކުރާ ދުވަހެއްނަމަ، ރޭގަނޑު ހައްޔަރުކޮށްގެން ގެންދިޔަކަމަށެވެ. އެހެންނަމަވެސް އެ ހުރިހާ ގޮންޖެހުންތަކާއެކުވެސް ކުރިއަށް ވަޑައިގަތީ ރައްޔިތުންނަށް ޓަކައި ކަމަށް ވިދާޅުވިއެވެ.
ސަޕޯޓަރުންނަށް އިތުރަށް ޔަގީންކަން ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ކޮންމެ ސިޔާސީ މަގާމެއްގައި ހުންނެވި ކަމުގައިވިޔަސް، އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ޙައްޤުގައާއި ގައުމުގެ އިޞްލާޙީ ދަތުރުގެ ކުރީ ސަފުގައި ކަމަށެވެ. އަދި އެމްޑީޕީއާ ވަކިވާން ޖެހުމަކީ ހިތްދަތި ކަމެއް ނަމަވެސް، އެއީ އޭރުގެ ހާލަތު އޮތްގޮތުން ނިންމަން ޖެހުނު ނިންމުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމްޑީޕީ ދޫނުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޒުވާންކަން ދިނީ އެމްޑީޕީއަށް، ޕާޓީން ވަކިވީ މަޖުބޫރުވެގެން: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ