ފީފާ ވޯލްޑް ކަޕް 2026 ފެށެން އެންމެ 10 ދުވަހަށް ވެފައިވަނިކޮށް، އިންޑިއާގެ ސަރަހައްދަށް މުބާރާތް ދެއްކުމުގެ ރަސްމީ ބްރޯޑްކާސްޓިން ރައިޓްސް (މީޑިއާ ރައިޓްސް) އެ ގައުމުގެ މަޝްހޫރު ނެޓްވޯކް، ޒީ އެންޓަޓެއިންމެންޓުން ކާމިޔާބުކޮށްފި އެވެ.
މިއީ ފީފާ އާއި ޒީ ނެޓްވޯކާ ދެމެދު 8 އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި ބޮޑު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން 2034 ވަނަ އަހަރުގެ ނިޔަލަށް ފީފާއިން ބާއްވާ 39 މުބާރާތެއް އިންޑިއާ ސަރަހައްދަށް ދެއްކުމުގެ ހައްގު ޒީ އަށް ލިބޭނެ އެވެ. މީގެ ތެރޭގައި 2026 އަދި 2030 ގެ ފިރިހެނުންގެ ވޯލްޑް ކަޕްގެ އިތުރުން 2027 ގެ އަންހެނުންގެ ވޯލްޑް ކަޕް ވެސް ހިމެނެ އެވެ.
މާކެޓް ރިޕޯޓްތައް ބުނާގޮތުން، ފީފާއިން ފުރަތަމަ މަސައްކަތްކުރީ މި ޕެކޭޖް 100 މިލިއަން ޑޮލަރަށް ވިއްކާށެވެ. ނަމަވެސް، އިންޑިއާގެ ބްރޯޑްކާސްޓަރުން އެ އަގަށް އެއްބަސްނުވުމުން، ފީފާއިން ވަނީ އަގު 60 މިލިއަން ޑޮލަރަށް ދަށްކޮށްފަ އެވެ. ނިމިދިޔަ 2022 ގެ ގަތަރު ވޯލްޑް ކަޕް އެކަނި ދެއްކުމަށް ވެސް ވިއަކޮމް18 އިން 60 މިލިއަން ޑޮލަރު ހޭދަކުރި އެވެ.
މި ބޮޑު ޑީލާ އެކު، މިއަދުގެ މާކެޓްގައި ޒީ އެންޓަޓެއިންމެންޓްގެ ހިއްސާގެ އަގު ވަނީ 7 ޕަސެންޓް މައްޗަށް ޖެހިލައިފަ އެވެ.
މިފަހަރުގެ މަޝްވަރާތައް ދިގުލައިގެން ދިޔުމުގެ މައިގަނޑު ސަބަބަކީ އެމެރިކާ، ކެނެޑާ، އަދި މެކްސިކޯގައި މުބާރާތް ބާއްވާތީ، އިންޑިއާ ގަޑިން މެޗުތައް ދައްކާ ވަގުތުތަކެވެ. މި ގަޑިތަކުގެ ސަބަބުން އިޝްތިހާރުން ލިބޭ އާމްދަނީ ދަށްވާނެ ކަމަށް ބެލެވެ އެވެ.
އިންޑިއާގެ ޓީވީ މާކެޓަކީ ކްރިކެޓް (އައިޕީއެލް) އަށް ބަރޯސާވެފައިވާ މާކެޓަކަށް ވެފައި، ގިނަ މެޗުތައް ދަންވަރު އަންނާތީ، ޑިޖިޓަލް ސްޓްރީމިން އިން ބެލުންތެރިން ހިފެހެއްޓުމަކީ ޒީ އަށް އޮތް އެންމެ ބޮޑު އިމްތިހާނެވެ.
ފީފާގެ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއަކީ ޓީވީ މެދުވެރިކޮށް ވޯލްޑް ކަޕް ބަލާ އާބާދީގެ ގޮތުން ދުނިޔޭގެ 9 ވަނައަށް އެންމެ ބޮޑު މާކެޓެވެ. ވޯލްޑް ކަޕް 2022 ގެ މުބާރާތް އިންޑިއާގެ 83.8 މިލިއަން މީހުން ޓީވީން ބަލާފައިވެ އެވެ. މި ލިސްޓުގެ އެއްވަނައިގައި އުޅެނީ 509.8 މިލިއަން ބެލުންތެރިންނާ އެކު ޗައިނާ އެވެ.
މި ޑީލާ އެކު، އިންޑިއާގެ ސްޕޯޓްސް ބްރޯޑްކާސްޓިން މާކެޓް އެއްކޮށް ކޮންޓްރޯލް ކުރަމުންދާ ރިލަޔަންސް-ޑިޒްނީ (ޖިއޯސްޓާ) އާ ވާދަވެރިކަން ބޮޑުކުރުމުގެ ފުރުސަތު ޒީ ނެޓްވޯކަށް ވަނީ ހުޅުވިފަ އެވެ.
އިންޑިއާގެ ޒީ އިން ވޯލްޑް ކަޕް ރައިޓްސް ހޯދައި ފީފާ އެކު އަށް އަހަރުގެ ޑީލެއް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ