މާލެއާއި ވިލިމާލެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާވޭތަކާއި، ދިރާސާ ކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ. މާލޭގެ މަގުތަކާއި، ވިލިމާލޭގެ ހުރިހާ މަގުތަކެއް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ، ޗައިނާގެ ހިލޭ އެހީގެ ދަށުންނެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާ މަސައްކަތެކެވެ. ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރިން ނިންމާފައި އޮތްނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ، މިމަޝްރޫޢަށް ޗައިނާ ސަރުކާރުގެ ފަރާތުން ހިލޭ އެހީ ހަމަޖެހިގެން ގޮސްފައެވެ.
މިމަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ މިމަސައްކަތުގެ ޑިޒައިނިން މަރުހަލާ ފެށުމާއި ގުޅޭ ލެޓަރ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރާއެކު ސޮއިކޮށްފައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި މިމަޝްރޫޢު ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މަޝްރޫޢުގެ ކަންކަން ހަމަޖެއްސުމާއި ކޮންޓްރެކްޓަރެއް ނެގުމުގެ މަސައްކަތް ކުރާނީ، ޗައިނާގެ އެޖެންސީތައް މެދުވެރިކޮށެވެ.
މި މަޝްރޫޢުގެ ތަފްޞީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް މިހާރު މިވަނީ ފަށާފައެވެ. މި މަސައްކަތާ ގުޅޭ ސަރަޙައްދުތައް ސާވޭ ކުރުމާއިި، ކަމާއި ގުޅުންހުރި ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތައް ތަރައްޤީކުރާނީ، ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި، ސްޓޯމް ވޯޓާ ނިޒާމާއި، ފަޔަރ ހައިޑްރަންޓުގެ ނިޒާމުވެސް ޤާއިމުކޮށްގެންނެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ސާރވޭތައް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ