މިއަދުގެ މަޖިލިސް ޖަލްސާގައި އިދިކޮޅު އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރެއްވުމުން، އެމްޑީޕީގެ މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގެ ކުރިން އޮތީ ކޮމިޓީތަކުގެ ރިޕޯޓުތައް ހުށަހެޅުމެވެ. ކޮމިޓީތަކުގެ ރިޕޯޓު ހުށަހަޅަމުން ދިޔަ ވަގުތު، އެމްޑީޕީ މެންބަރުން ރިޔާސަތު މޭޒު ކައިރިއަށް ވަޑައިގެން، އިހްތިޖާޖު ފެއްޓެވި އެވެ.
ތަފްސީލު - އެމްޑީޕީގެ މެންބަރުން ވިދާޅުވި ގޮތުގައި، އެ ބޭފުޅުން އިހްތިޖާޖު ކުރެއްވީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މަޖިލީހަށް އަލަށް އިންތިހާބުވެވަޑައިގެންނެވި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު މިހާތަނަށް އެއްވެސް ކޮމިޓީއަކަށް އައްޔަންކޮށްފައި ނުވާތީ، އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވުމުގެ ގޮތުންނެވެ.
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، މި އިހުތިޖާޖާ ގުޅިގެން އެމްޑީޕީގެ ނުވަ މެންބަރެއްގެ ނަން އިއްވަވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
ކަޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
މަރަދޫ ދާއިރާގެ މެންބަރު އަހްމަދުދީދީ
ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
ފަހުން މަޖިލިސް ކުރިއަށް ގެންދިޔައީ އެ މެންބަރުން ނުކުންނެވުމުންނެވެ.
އެ އިހުތިޖާޖު ކުރަމުން ދިޔަ ވަގުތު އަބްދުއްރަހީމް ވިދާޅުވީ، މަޖިިލީހުގެ ގަވައިދުގައިވާ ގޮތަށް، ދެ ކޮމިޓީއަކުން އެމްޑީޕީއަށް ޖާގަ ދީފައިވާ ކަމަށެވެ.
"އެއީ އެމްޑީޕީން ބޭނުންވާ ދެ ކޮމިޓީއަކަށް ވާކަށްނުޖެހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މިއަދުގެ މަޖިލިސް ޖަލްސާއަށް ފަހު، މަޖިލިސް ކުރާ ގޭގޭ ގޭޓް ކައިރީގައި އެމްޑީޕީ ޕީޖީން މިކަމާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، ސޯދިގު ހުވާ ކުރެއްވި ދުވަހުން ފެށިގެން ކޮމިޓީއަކުން އޭނާއަށް ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. ނަމަވެސް ދެ ހަފްތާ ވީއިރު، އަދިވެސް ކޮމިޓީއަކަށް ސޯދިގު އައްޔަންކޮށްފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށް ނާޒިލް ވިދާޅުވި އެވެ.
"އަޅުގަނޑު މި ވާހަކަ ދެއްކިން މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ސެކެޓްރީ ޖެނެރަލްއާ ވެސް. މަޖިލީހުގައި އެންމެ ބޮޑަށް ކުރެވޭ މަސައްކަތަކީ ކޮމިޓީތަކުން ކުރެވޭ މަސައްކަތް. މިކަމުގެ ބައިވެރިވުމެއް ނެތި ކޮންމެ ދުވަހަކު ހެނދުނު އައިސް މަޖިލިސް 11 ޖެހީމަ ނިންމެވީމަ ގެއަށް ވަޑައިގަންނަވަން މި ޖެހެނީ،" ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވި ގޮތުގައި، ޕީއެންސީގެ ޕީޖީން ބޭނުންވަނީ އެންމެ މަދުން މަސައްކަތް ހިނގާ ސުލޫކީ ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީ ފަދަ ކޮމިޓީއަކުން ޖާގަ ދިނުމަށެވެ. ކޮމިޓީއެއްގައި ޖުމްލަ 11 މެންބަރުން ތިއްބަވާއިރު، މުހިންމު ކޮމިޓީއަކުން ދެ ޖާގައެއް ދިނަސް، އަދިވެސް ޕީއެންސީގެ ނުވަ މެންބަރުން ތިބޭނެ ކަމަށް ނާޒިލް ވިދާޅުވި އެވެ. އެހެންވެ އެ ބޭފުޅުންނަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެހެންވީމަ، ކޮން ކަމަކާތޯ މި ބޭފުޅުން ބިރުން މިއުޅެނީ؟ ހަމަ ޖެއްސުން ކުރަން އުޅެނީ. އަޅުގަނޑުމެން ނެތިން މިކަން ހުއްޓާލާކަށް. އަޅުގަނޑުމެން ދެން ބޮޑަށް ބޭނުންވަނީ މި ބޭފުޅުންނަށް ވީހާ ވެސް އުނދަގޫވާ ކޮމިޓީތައް، 241 [ސަލާމަތީ ހިދުމަތްތަކާ ބެހޭ] ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ. ބޭނުންހާ ގޮތެއް ނެހެދޭނެ،" އޭނާ ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވި ގޮތުގައި، އިހުތިޖާޖު ކުރެއްވީ މިދިޔަ ދެ ހަފްތާ ތެރޭ ވާހަކަ ދައްކައިގެން މިކަން ހައްލު ނުވުމުންނެވެ. އަދި މައްސަލަ ހައްލު ނުވަނީސް އިހުތިޖާޖު ދެން ހުއްޓާނުލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޯދިގު އަދިވެސް ކޮމިޓީއަކަށް އައްޔަން ނުކުރާތީ އިހުތިޖާޖު ކުރުމުން އެމްޑީޕީ މެންބަރުން ތަޅުމުން ބޭރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ