ޤައުމީ ދިރާސާ ފަންޑުން ފުރަތަމަ ފަހަރަށް ގްރާންޓް ދީފި

ޤައުމީ ދިރާސާ ފަންޑުގެ ފުރަތަމަ އެހީ އެމްއެންޔޫ މެދުވެރިކޮށް ހޮވުނު ފަރާތްތަކާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ޤައުމީ ދިރާސާ ފަންޑަކީ ރާއްޖޭގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާއިމްކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ފަންޑެކެވެ.
ނޭޝަނަލް ރިސާޗް ފަންޑް: އިމާޖިން ރިސާޗް ގްރާންޓްސް ޕްރޮޖެކްޓްގެ ފުރަތަމަ ގްރާންޓްތައް ޤައުމީ ޔުނިވަރސިޓީން ހޮވުނު ފަރާތްތަކާއި ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި އެޔުނުވަރސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ގްރާންޓް ލިބުނު ފަރާތްތަކަށް ލިޔުން ޙަވާލުކޮށްދެއްވީ، ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢުއެވެ.
ޤައުމީ ދިރާސާ ފަންޑުގެ އެހީއަށް އެދި ހުށަހެޅުމަށް ޤައުމީ ޔުނިވަރސިޓީން ހުޅުވާލުމުން 21 ފަރާތަކުން ކުރިމަތިލީ ނަމަވެސް ޕްރޮޕޯސަލްތައް ބެލުމަށްފަހު ފަންޑު ދޭން ނިންމީ 11 ފަރާތަކަށެވެ. އެ ފަރާތްތަކަކީ 75 އިންސައްތަ އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތައްކަމަށާއި، ގްރާންޓުގެ ގޮތުގައި ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ދޫކުރާނީ 500،000 ރުފިޔާއެވެ. ފައިސާ ދޫކުރުމާއި، މޮނިޓަރ ކުރުމުގެ ހުރިހާ ކަމެއްވެސް ކުރިއަށްދާނީ އެ ޔުނިވަރސިޓީގެ ރިސާރޗު ގްރާންޓް އުސޫލުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުުގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ ޝަފީއު ވިދާޅުވީ ތައުލީމާ މަތީތައުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ މެންޑޭޓުގެ ތެރެއަށް ރިސާޗް ފަންޑު އެކުލަވާލުމުގެ މަސައްކަތް ހަމަޖެހުމުން އެ ފަންޑު އެކުލަވާލުމަށް ރާއްޖޭގައި އެ ރިސާޗު ކުރިޔަށް ގެންދެވޭނެ ގޮތުގެ ސަގާފަތެއް ތަޢާރަފުކޮށް ޕްރޮމޯޓުކުރުމުގެ މަސައްކަތް ފެށިކަމަށާއި މިއަދު މި އިއުލާން ކުރެވުނު ގްރާންޓްތަކާއި ހިސާބަށް އައިސްފައިވަނީ މި ރިސާޗްގެ ކަންކަން ތަރުތީބު ކުރުމަށްޓަކައި އުފެއްދި ނެޝެނަލް ރިސާޗް ކައުންސިލްގެ ބުރަ މަސައްކަތުން ކަމަށެވެ.
"މީ ދިވެހިރާއްޖޭގެ ތާރީޚުގައި ސަރުކާރުގެ ރަސްމީ ނިޒާމެއްގެ ތެރެއިން ރިސާޗަށް އިސްކަންދީގެން ސަރުކާރުން އިނިގަނޑެއް އެކުލަވާލި އޮނިގަނޑެއްގެ ތެރެއިން އަޅުގަނޑުމެންނަށް ލިބުނު ފުރަތަމަ ފަހަރު" ސްޓޭޓް މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.
ގައުމީ ފެންވަރުގެ ރިސަރޗް ގްރޭންޑް ފަންޑެއް ގާއިމްކޮށް ދިރާސާ ކުރުމާ ފިކުރީ މުދާ އުފެއްދުމިގެ ފުރުސަތު ފުޅާކުރުމަކީ ރައީސުލްޖުމްހީރިއްޔާގެ ރިޔާސީވައުދެކެވެ. މިކަމަށްޓަކައި މޯލްޑިވްސް ނެޝެނަލް ރިސާޗް ކައުންސިލުން ގްރާންޓް ދޭން ނިންމާފަވަނީ، ތަޢުލީމީ 3 މުވައްސަސާ ކަމަށްވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ވިލާ ކޮލެޖަށެވެ.
އެމްއެންޔޫގެ ފަރާތުން ގްރާންޓްތައް ލިބޭ ފަރާތްތަކަށް ގްރާންޓުތައް ހަވާލުކޮށްފައިވާ އިރު ތައުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ކޮންމެ އިދާރާއަކަށް 1.5 މިލިއަން ރުފިޔާގެ ގްރާންޓް މެނޭޖްކުރުމަށް ހަވާލުކުރުމަށް ވަނީ ނިންމިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ