ރޯދަމަހަށް މަސްޖިދުލް ހަރަމްގައި 10،000 މުވައްޒަފުން

މައްކާ (މެއި 5) -- މާދަމާ ފަށާ ރަމަޟާން މަހާ ދިމާކޮށް އުމްރާއަށް ދާ މީހުންނަށް އެހީވުމަށް މަސްޖިދުލް ހަރަމްގައި 10،000 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ. ދެ ހަރަމްގެ ކަންކަން ބަލަހައްޓާ އިދާރާގެ ވެރިޔާ، ޝޭހް އަބްދުއްރަހްމާން އަލް ސުދައިސް ވިދާޅުވި ގޮތުގައި މަސްޖިދުލް ހަރަމަށް ދާ ފަރާތްތަކަށް ހިދުމަތް ކުރުމަށް 10،000 މުވައްޒަފުން ހަރަކާތްތެރިވުމުގެ އިތުރުން، އެފަރާތްތަކަށް އެހީވެ، ސުވާލުތަކަށް ޖަވާބު ދިނުމަށް 19 އޮފީސް ހުޅުވާފައި ހުންނާނެ އެވެ. އަދި މިސްކިތުގައި ދީނީ ނަސޭހަތް ދިނުމަށް 46 އިލްމުވެރިން ހަރަކާތްތެރިވާނެ އެވެ. މީގެ އިތުރުން މިސްކިތުގެ ފޮތް ހަރުގަނޑުތަކުން އެއް މިލިއަނަށް ވުރެ ގިނަ މުސްހަފާއި ގުރުއާންގެ ތަރުޖަމާ ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ގުރުއާން ހިތުދަސްކުރުމަށް އެހީތެރިވެދޭ 35 ގުރޫޕް މިސްކިތުގައި އޮންނާނެ ކަމަށެވެ. ރަމަޟާން މަހު މިސްކިތުގައި ދޭ ދަރުސްތައް 10 ބަހަކަށް ވަގުތުން ތަރުޖަމާނު ކުރާނެ ކަމަށާއި، އެތަރުޖަމާ އަޑު އަހަން ބޭނުންވާ ފަރާތްތަކަށް 500،000އަށް ވުރެ ގިނަ ހެޑްސެޓް ބަހާނެ ކަން ސުދައިސް ފާހަގަ ކުރެއްވި އެވެ. ތިން ފަހަރެއްގެ މަތިން މިހާރު ބޮޑުކޮށްފައިވާ މަސްޖިދުލް ހަރަމްގައި އެއް ފަހަރާ އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް ތިބެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ