ޗެލްސީ އަށް ޗެމްޕިއަން ލިވަޕޫލް އަތުން މުހިންމު މޮޅެއް، ޔުނައިޓެޑް ބަލިވެއްޖެ ޗެލްސީ އަށް ޗެމްޕިއަން ލިވަޕޫލް އަތުން މުހިންމު މޮޅެއް، ޔުނައިޓެޑް ބަލިވެއްޖެ

ލަންޑަން (މެއި 5) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ލިވަޕޫލް އަތުން 3-1 އިން ޗެލްސީން މުހިންމު މޮޅެއް ހޯދިއިރު، ބްރެންޓްފޯޑް އަތުން މެންޗެސްޓާ ޔުނައިޓެޑް 4-3 އިން ބަލިވެއްޖެ އެވެ.
މިދިޔަ ހަފްތާގައި ލީގު ޗެމްޕިއަންކަން ކަށަވަރުކުރި ލިވަޕޫލަށް 35 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލަށް 35 މެޗުން ވަނީ 67 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 35 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ފަހެއްގައި އޮތް ޗެލްސީ އަށް 35 މެޗުން ވަނީ 63 ޕޮއިންޓް ލިބިފަ އެވެ. ނިއުކާސަލުން ރޭ ކުޅުނު މެޗު ވަނީ 1-1 އިން ބްރައިޓަންއާ އެއްވަރުވެފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީން ރޭގެ މެޗު ފަށައިގެން، ތިން ވަނަ މިނިޓްގައި ލީޑުނެގި އެވެ. އެންޒޯ ފެނާންޑޭޒް މި ގޯލު ޖެހީ ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހަކުންނެވެ. ގިނަ ބަދަލުތަކެއް ގެނެސްގެން ކުޅުނު ލިވަޕޫލް ކޮޅަށް ޗެލްސީން ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ލިވަޕޫލްގެ ޖަރަލް ކުއަންސާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް، ވާޖިލް ވެން ޑައިކް ވަނީ ލިވަޕޫލަށް ގޯލެއް ޖަހައިދީފަ އެވެ. ޗެލްސީން ތިން ޕޮއިންޓް ޔަގީންކުރީ، އިތުރު ވަގުތުގެ ތެރޭގައި ކޯލް ޕާމާ ޖެހި ޕެނަލްޓީންނެވެ. މިއީ، ކުއަންސާ، ލިވަޕޫލްގެ އޭރިއާތެރެއިން ޗެލްސީގެ މޮއިސަސް ކައެސޭޑޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ޕާމާ ވަނީ 18 މެޗަށް ފަހު ގޯލެއް ޖަހައިފަ އެވެ.
ބްރެންޓްފޯޑް ކޮޅަށް ޔުނައިޓެޑަށް ލީޑުނަގައިދިނީ، 14 ވަނަ މިނިޓްގައި މޭސަން މައުންޓް އެވެ. އެކަމަކު، 27 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ލޫކް ޝޯ އަތުން ބައިކޮޅަށް ވަން ގޯލުން ބްރެންޓްފޯޑުން އެއްވަރުކުރި އެވެ. އަދި، ކެވިން ޝާޑާ ބޮލުން ޖެހި ގޯލުން ބްރެންޓްފޯޑުން ލީޑުނެގި އެވެ. ދެ ވަނަ ހާފުގައި ކުޅެން އަރައި، ބްރެންޓްފޯޑުން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، ޝާޑާ އެ ޓީމުގެ ތިން ވަނަ ގޯލު ޖެހިއިރު، ޔޮއާން ވިއްސާ ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.
މެޗުން ޕޮއިންޓެއް ނަމަވެސް ހާސިލްކުރަން ޔުނައިޓެޑުން ފަހު ވަގުތާ ހަމައަށް ހިތްވަރު ކުރި އެވެ. އެ ގޮތުން، ޔުނައިޓެޑްގެ އަލެހަންދްރޯ ގާނާޗޯ އޭރިއާބޭރުން ގޯލެއް ޖަހައި ފަރަގުކުޑަކުރިއިރު، އަނިޔާއިން ރަނގަޅުވެގެން ކުޅުމަށް އެނބުރި އައި އަމަދު ޑިއާލޯ ވަނީ ޔުނައިޓެޑަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ. އިތުރު ގޯލެއް ޖަހައި އެއްވަރުކުރަން ޔުނައިޓެޑަށް އެކަށީގެންވާ ވަގުތު ނުލިބި މެޗުން ބަލިވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ