މަޖިލީހުގެ މަސައްކަތްތައް ނުހިނގާ މައްސަލައިގައި މީކާއިލް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި މަޖިލީހުގެ މަސައްކަތްތައް ނުހިނގާ މައްސަލައިގައި މީކާއިލް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ދައުލަތުގެ ވަޒީރުންނާ ސުވާލު ކުރުމަށް އެދި ހުށަހަޅާތާ އެތައް ދުވަހެއް ފާއިތުވެގެންދާއިރު ވެސް ވަޒީރުންނާ ސުވާލު ކުރުމަށް އެޖެންޑާ ނުކުރާތީ އާއި ސަބަބު ބަޔާން ކުރުމެއް ނެތި މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލައިގައި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކައިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު ބޭރުކޮށްލައިފި އެވެ.
މީކާއިލް ހުށަހެޅުއްވި ގަރާރު ބޭރުކޮށްލީ 61 މެންބަރުންގެ ވޯޓުންނެވެ. އެ ގަރާރު ބަލައިގަތުމަށް ވޯޓު ދިނީ އެމްޑީޕީގެ 11 މެންބަރުން އެކަންޏެވެ.
މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގާ ބާރު ޖަވަބުދާރީ ކުރުވުމުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ.
ނަމަވެސް ދައުލަތުގެ ވަޒީރުންނާ ސުވާލު ކުރުމަށް މަޖިލީހުގެ ރައީސް މެދުވެރިކޮށް މެންބަރުން ފޮނުވާފައިވާ ނޯޓިހުގެ މުއްދަތު ހަމަވާތާ އެތައް ދުވަހެއް ފާއިތުވެގެންދިޔައިރު ވެސް އެ ވަޒީރުން މަޖިލީހަށް ހާޒިރުވެ ޖަވާބު ދީފައި ނުވާ ކަމަށާއި ވަޒީރުންނާ ސުވާލު ކުރުން މަޖިލީހުގެ އެޖެންޑާގައި ނުހިމަނައި މަޖިލީހުގެ ރައީސް ލަސް ކުރަމުންދާ ކަމަށް މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ.
އެއްވެސް މަގުބޫލު ސަބަބެއް ނެތި، ސަބަބު ބަޔާން ކުރުމެއް ވެސް ނެތި މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ރައީސް ނުބާއްވާކަން ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އެ ކަންކަމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ ރައީސް ކުރައްވަމުން ގެންދަވާ ކަމެއް ކަމަށް ވާތީ މީކާއިލްގެ ގަރާރުގައި ގޮވާލާފައި ވަނީ މަޖިލީހުގެ މެންބަރުން އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށެވެ.
މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބާއްވާ މައްސަލައިގައި މަޖިލިސް މެންބަރުންގެ އިތުރުން އާންމުން ވެސް ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މަޖިލީހުގެ ގަވާއިދުގައި ބުނެފައި އޮންނަނީ މަޖިލީހުގެ ޖަލްސާތައް ހަފުތާއަކު ތިން ދުވަހު ބާއްވަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިފަހަކަށް އައިސް މަގުބޫލު އުޒުރެއް ނުދައްކައި މަޖިލީހުގެ ޖަލްސާތައް ހަފުތާއަކު ތިން ދުވަހު ބާއްވަމުން ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ