ވަކި ކުރަން ނިންމުމުގެ ކުރިން ޖުޑިޝަރީ ކޮމިޓީއަށް ވަޑައިގެން ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް އަޒްމިރާލްދާ އެދިވަޑައިގެންފި ވަކި ކުރަން ނިންމުމުގެ ކުރިން ޖުޑިޝަރީ ކޮމިޓީއަށް ވަޑައިގެން ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް އަޒްމިރާލްދާ އެދިވަޑައިގެންފި

ދިފާއުގައި ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ނިންމުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި މައްސަލައިގައި މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ޖުޑިޝަރީ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް ފަނޑިޔާރު އެދިވަޑައިގެންފި އެވެ.
އަޒްމިރާލްދާގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރަން ޖޭއެސްސީއިން ނިންމި އެވެ. އެ ކޮމިޝަނުން ބުނީ ފަނޑިޔާރުން ދަށު ކޯޓަށް ނުފޫޒު ފޯރުވިކަން ބުއްދީގެ ހަމަތަކުން ގަބޫލު ކުރެވޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި އަޒްމިރާލްދާ އެދިވަޑައިގެންނެވީ ގާނޫނީ ވަކީލަކާއެކު ޖުޑިޝަރީ ކޮމިޓިއަށް ވަޑައިގެން، ޖޭއެސްސީގައި ފާހަގަ ކުރި ނުކުތާތައް ފާހަގަ ކުރުމުގެ ފުރުސަތަކަށެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއް ފަރާތްކަޮށް، އަދުލު އިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ހިންގާފައިވާ ގައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގެއް މައްޗަށް ނިންމާފައިވާ ނިންމުމެއް،" ފަނޑިޔާރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
އަޒްމިރާލްދާ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކި ކުރަން ނިންމާ ހާލަތެއްގައި އެ ފަނޑިޔާރެއްގެ ޝަކުވާއެއް އޮތް ނަމަ އެކަން އަޑުއެހުން ޖުޑިޝަރީ ކޮމިޓީއިން އެ ޝަކުވާއެއް އަޑުއަހަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޖޭއެސްސީއަށް ފޮނުވި ސިއްރު ސިޓީއަކަށް ބިނާކޮށެވެ. އެ ސިޓީ ފޮނުވާފައި ވަނީ އާންމުކޮށް އެފަދަ ސިޓީ ފޮނުވާ އުސޫލުތަކާ ހިލާފަށް ޖެމްސް ސިސްޓަމް މެދުވެރިނުކޮށެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމާއެކު، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އެކަަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި ވަކީލުންނާއި ގާނޫނީ މާހިރުން ހިމެނެ އެވެ. އަދި އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އދ. އިން ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ފޯރުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ