ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަން ސަރުކާރުން މަސައްކަތް ކުރަނީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ބަދަލު ކުރި ނިންމުން ކޯޓުން ބަލަން ފެށުމުން ކަމަށާއި އެއީ ނިޔަތް ނުބައި ބޮޑު ޖަރީމާއެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުޑަ ކޮމިޓީއަކުން ނިންމި ނިންމުން އެ ކޮމިޝަނުން ފާސް ކުރީ އިއްޔެ އެވެ. ފަނޑިޔާރުން ވަކި ކުރަން ހަމަ އިއްޔެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އަދި އެ މައްސަލަ މިއަދު ވަނީ މަޖިލީހުގައި އެޖެންޑާކޮށްފަ އެވެ.
އެ މައްސަލައިގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ދީދީ ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅުމުން ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ނިންމުމަކީ އިއްތިފާގެއް ނޫން ކަމަށެވެ.
"ގާނޫނުއަސާސީއަށް ގެނެވުނު ބަދަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ގާއިމުވެފައިވާ އަސާސީ ސިފަތަކާއި މަބްދައުތަކާ ހިލާފަށް ގެނެވުނު ބަދަލަކަށްވާތީ، އެ މައްސަލަ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަށް ދުސްތޫރީ އަދި އާންމު މަސްލަހަތުގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅި، އެ ކޯޓުގައި އެ މައްސަލަ ބަލަމުން ދަނިކޮށް، ކުއްލިއަކަށް އެ ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކޮށް، ތަހުގީގު ހިންގައި، އަދި ވަކިކުރުމަށް ހުށަހެޅިގެން މި ދިޔައީ އިއްތިފާގުން ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ޑރ. ދީދީ ވިދާޅުވީ ފަނޑިޔާރުން ވަކި ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އަދި އެއީ ބޮޑު ޖަރީމާއެއް ކަމަށް ވިދާޅުވެ އެކަމުގެ ޒިންމާ ހުރިހާ އެންމެން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭނެ ކަމަށް ވެސް ޑރ. ދީދީ ވިދާޅުވި އެވެ.
"އެއީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ ނ. އާއި ރ. އާ ހިލާފަށް އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްއެޅުމުގެ ނިޔަތުގައި ހިންގާފައިވާ ޖަރީމާއެއް. އެޖަރީމާގެ އެންމެހައި ބައިވެރިން ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވާންޖެހޭނެ. އަދި ޕީނަލް ކޯޑުގެ 533 ވަނަ މާއްދާގެ ދަށުން ޖިނާއީ މަސްއޫލިއްޔަތު ވެސް އުފުލަންޖެހޭނެ،" ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޖޭއެސްސީއަށް ފޮނުވި ސިއްރު ސިޓީއަކަށް ބިނާކޮށެވެ. އެ ސިޓީ ފޮނުވާފައި ވަނީ އާންމުކޮށް އެފަދަ ސިޓީ ފޮނުވާ އުސޫލުތަކާ ހިލާފަށް ޖެމްސް ސިސްޓަމް މެދުވެރިނުކޮށެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމާއެކު، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އެކަަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި ވަކީލުންނާއި ގާނޫނީ މާހިރުން ހިމެނެ އެވެ. އަދި އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އދ. އިން ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ފޯރުވައިފަ އެވެ.
ގޮނޑި ގެއްލުވައިލެވޭ މައްސަލައަށް ހުރަސް އަޅައި ފަނޑިޔާރުން ވަކި ކުރުމަކީ ނިޔަތް ނުބައި ބޮޑު ޖަރީމާއެއް: ޑރ. ދީދީ ގޮނޑި ގެއްލުވައިލެވޭ މައްސަލައަށް ހުރަސް އަޅައި ފަނޑިޔާރުން ވަކި ކުރުމަކީ ނިޔަތް ނުބައި ބޮޑު ޖަރީމާއެއް: ޑރ. ދީދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ