ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް އެދި މަޖިލީހަށް އިބްރާހިމް އިސްމާއިލްގެ ސިޓީއެއް

ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމާފައިވަނީ އެ މައްސަލާގައި ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ގާނޫނީ އިމުގެ ތެރެއިންތޯ ކަށަވަރުކުރުމާ އެކު، ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދެއްވުމަށް، އެ މައްސަލަ ދިރާސާކުރައްވާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) މިއަދު އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސްލޫކީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަން ފެށީ ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުން ދަަނިކޮށެވެ. އެ މައްސަލާގައި ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަކީ:
މިހާރު އިސްތިއުފާ ދެއްވާފައިވާ ހުސްނުއްސުއޫދު
މަހާޒް އަލީ ޒާހިރު
ޑރ. އަޒްމިރަލްދާ ޒާހިރު
ސުޕްރީމް ކޯޓުގަައި އޮތް ދުސްތޫރީ މަައްސަލައަށް ނުފޫޒު ފޯރުވަން ސަރުކާރުން ފަނޑިޔާރުންނަށް ބިރުދައްކަމުންދާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖު ކުރެއްވުމަށް ސުއޫދު ހުންނެވީ މިހާރު އިސްތިއުފާ ދެއްވައިގެންނެވެ. އަދި ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރުމުން އެ މައްސަލަ ވެސް މިހާރު އޮތީ މަޑުޖެހިފަ އެވެ.
ޖޭއެސްސީން އިއްޔެ ވަނީ މަހާޒް އާއި އަޒްމިރާލްދާ މަގާމުން ވަކިކުރަން ނިންމާފަ އެވެ. އަދި އެ ފަނޑިޔާރުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.
ބުނީ ކީކޭ؟ - މި މައްސަލަ ދިރާސާކުރާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އިބްރާހިމް އިސްމާއިލް ފޮނުއްވި ސިޓީގައިވާ ގޮތުން، ޖުޑިޝަރީ ކޮމިޓީއަށް އެ ސިޓީ ފޮނުއްވުމުގެ ބޭނުމަކީ މައްސަލަ ދިރާސާކުރައްވާއިރު ބަލަން މުހިންމުވާނެ ކަމަށް އޭނާ ދެކިވަޑައިގަންނަވާ ބައެއް ކަންކަން ސަމާލުކަމަށް ގެނައުމެވެ.
މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބްރާހިމް އިސްމާއިލްގެ ސިޓީގައި ވިދާޅުވެފައިވަނީ، ގާނޫނޫއަސާސީ އެކުލަވާލުމުގައި މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުންނާއި މަޖިލީހުގެ ކުރީގެ މެމްބަރެއްގެ ހައިސިއްޔަތުން އެ މައްސަލައަށް ބަލާއިރު އެއީ ގާނޫނުއަސާސީގެ ބާރުކަނޑުވާލައިގެން ގާނޫނީ އިމުން ބޭރުން ޖޭއެސްސީން ކޮށްފައިވާ ކަމަށެވެ.
އެ ކޮމިޓީން މައްސަލަ ދިރާސާކުރާއިރު މައިގަނޑު ދެ ކަމަކަށް ބެލުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ. އެއީ:
ޖޭއެސްސީން އެ މައްސަލާގައި އަމަލުކޮށްފައިވަނީ ހެޔޮ ނިޔަތެއްގައިތޯ އާއި ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައިވޭތޯ
ފަނޑިޔާރުން ވަކިކުރަން ނިންމާފައިވަނީ އެ މައްސަލައިގައި ހުށަހެޅުނު ހެކިތައް ރަނގަޅަށް ވަޒަންކުރައްވައި ގާނޫނީ އުސޫލުތަކުގެ މަތިންތޯ
އެ ދެ ކަންތައް ފުރިހަމަކޮށްފައި އޮތްތޯ ބަލަންޖެހޭ ސަބަބަކަށް ސިޓީގައި ފާހަގަކޮށްފައި އޮތީ ފަނޑިޔާރަކު ވަކިކުރުމަކީ އެ ފަނޑިޔާރެއްގެ ސްލޫކާ ގުޅޭ ތައުދީބީ އަދަބުތަކުގެ ތެރެއިން އެންމެ މަތީ އަދަބު ކަމުގައި ވާތީ ކަމަށެވެ.
އެހެންކަމުން، އެފަދަ މައްސަލައެއްގައި އިޖުރާއަތުތައް ފުރިހަމަވެފައިވުމާއި އަދުލު އިންސާފުގެ އަސާސީ ހަމަތަކުން އަމަލުކޮށްފައި އޮތުމަކީ އެންމެ ފުރަތަމަ ޝަރުތު ކަމަށް ސިޓީގައިވެ އެވެ. އެކަން ފުރިހަމަ ނުވާ ނަމަ ނިންމުމަށް ބަލަން ނުޖެހޭނެ ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
ސިޓީގައި ވިދާޅުވި ގޮތުގައި:
ފަނޑިޔާރުން ވަކިކުރަން ނިންމާފައިވަނީ ޖޭއެސްސީ މެމްބަރުންގެ ސްލޫކުން ބޭރުވެ ހެޔޮ ނިޔަތެއް ނެތި
ގާނޫނޫގައި ބަޔާންކުރާ ސްލޫކުން ބޭރުގައި ކޮށްފައިވާ އެއްވެސް ކަމަކީ ގާނޫނީ ބާރު އޮންނާނެ ކަންކަމެއް ނޫން
މި މައްސަލާގައި ޖޭއެސްސީން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ސުޕްރީމް ކޯޓު ހުއްޓުމަކަށް ގެނެސް ބާއްވައިގެން ކޯޓުގެ މައްޗަށް ނުފޫޒުތަކެއް ހިނގާނެހެން ކޯޓު ބައްޓަންކޮށްފައިވޭ
ނަތީޖާއެއްގެ ގޮތުން ގަނޫނުއަސާސީގައި ބުނާ ޖަވާބުދާރީވުމާއި ބާރުތައް ވަކިކުރުމުގެ މުޅި މަހުފޫމް އެކުގައި ނައްތާލުމުގެ ނިޔަތް އޮތްކަން ސާފުކޮށް ފެންނަން އެބައޮތް
މި މައްސަލާގައި ޖުޑިޝަރީ ކޮމިޓީން ގޮތެއް ނިންމާއިރު މައްސަލާގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފުކުރުން މުހިންމު
 މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފުރަތަމަ ބަލަންވީ ޖޭއެސްސީ އާ އެ ކޮމިޝަނުގެ މެމްބަރުންގެ ސްލޫކީ މައްސަލަ
"އިއްޒަތްތެރި މެމްބަރުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ސްލޫކީ މައްސަލައެއް ބަލައި މަގާމުން ވަކިކުރުމަކީ ކުޑަ ކަމެއް ނޫނެެވެ. އެކީ އެއްފަހަރާ ތިން ފަނޑިޔާރުންގެ ސްލޫކީ މައްސަލައެއް ބަލައި ވަކިކުރަން ނިންމުމަކީ ބުއްދި ހައިރާން ކުރަނަވި ކަމެއް ނޫންތޯ އެވެ؟ އެ ކޯޓަކީ ގާނޫނުއަސާސީ ރައްކާތެރިކުރަން އޮތް އެންމެ މަތީ ފަރާތެވެ. އެ ކޯޓުގެ ފަނޑިޔާރުން ބަލައި މައްސަލައަކާ ގުޅިގެން އެކީ އެއްފަހަރާ ތިން ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ނަމަ ދެން ރައްކާތެރިކަމެއް އޮތީ ކޮންކަމެއްގައިތޯ އެވެ؟،" ސިޓީގައިވެ އެވެ.
ރާއްޖެ އަމާންކަންމަތީ ބޭއްވުމުގެ މަސްއޫލިއްޔަތާއި ގާނޫނުއަސާސީ ދެމެހެއްޓުމުގެ ބުރު މިހާރު އޮތީ ޖުޑިޝަރީ ކޮމިޓީއާ މަޖިލީހުގެ އަތްމަތީގައި ކަމަށް ސިޓީގައިވެ އެވެ. މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުކަން ނިމުމަކަށް އަންނަ ދުވަހު، އެ މެމްބަރުންގެ ހިމާޔަތް އޮންނާނީ ވެސް ގާނޫނުއަސާސީ ދަމަހައްޓައިގެން ކަމަށް ސިޓީގައިވެ އެވެ.
"މުޅި މި މައްސަލަ ފެށިގެން އައީ ވެސް ރައްޔިތުންގެ މަޖިލީހުން އަމިއްލަ ފައިންޕުޅުގައި ފުރޮއިން ޖެއްސެވުމުންނެވެ. އަޅުގަނޑު އުންމީދުކުރަނީ އަނެއް ފައިންޕުޅުގައި ފުރޮއިން ނުޖައްސަވައި ގާނޫނު އަސާސީ ހިމާޔަތް ކުރައްވާނެ ކަމަށެވެ،" ސިޓީގައިވެ އެވެ.
އެނގުން މުހިންމު - އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.
ތިން ފަނޑިޔާރުން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި ތިބީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ ނިންމުން ބާތިލުކުރުމަށާއި، ސަސްޕެންޝަން އުވާލަދިނުމަށް އެދި ހައި ކޯޓަށް ވެސް އިބްރާހިމް އިސްމާއިލްެ މައްސަލައެއް ހުށަހެޅުއްވި އެވެ. ނަމަވެސް އެ މައްސަލަ ހައި ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ