އައްޑޫގެ ގުޅިފައިވާ އަވަށްތަކުން މިއަދު ހަވީރު ކަރަންޓު ދިޔަ ގޮތަށް އަދިވެސް ކަރަންޓު ނުލިބޭތީ ޝަކުވާ ބޮޑުވެއްޖެ އެވެ.
ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ހޫނުވެގެން ނުނިދޭތީ އޭނާގެ ދަރިފުޅު ނިންދެވީ މަގުމަތީގައި، އެނދެއް ބަހައްޓައިގެންނެވެ. އަދި ކައިރި ގެތަކުން ވެސް މީހުން ކުނާ ފަދަ އެއްޗެހި މަގުމަތީގައި އަތުރައިގެން ކުދިން ނިންދަވާފައިވާ ކަމަށް އޭނާ ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ގޭގޭގައި ރޭގަނޑު ކެއީ ވެސް މަގުމަތީގަ އެވެ.
"ވަރަށް ހާލުގައި މި ތިބީ. ހޫނުވެގެން ކުދިން ރޮނީ. ކަރަންޓު އަންނާނެ އިރެއް ބުނާކަށް ވެސް ނޭނގޭ،" އޭނާ ބުންޏެވެ.
އައްޑު އަށް ކަރަންޓު ދޭ ފެނަކައިން ބުނިގޮތުގައި ކަރަންޓު ދިޔައީ ޕަވާ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އަދި މައްސަލަ ހައްލު ކުރުމަށް މިހާރު ވެސް މަސައްކަތް ކުރަަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
ހަވީރު 5:00 ހާއިރު ކަރަންޓު ކެނޑުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތަށް ވެސް ކޮންމެވެސް ވަރަކަށް ބުރޫ އެރި އެވެ. އެތަނުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ރިންނާ ހަސަން ވިދާޅުވީ އެއާޕޯޓުގެ ބެކްއަޕް ޖެނެރޭޓަރުގެ އެހީގައި އެތަނުގެ ރަންވޭ އާއި ޓާމިނަލަށް މިހާރު ކަރަންޓް ދީފައިވާ ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ހަތަރު އަވަށުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުވެ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. މީގެ ކުރިން ވެސް އެތައް ގަޑިއިރަކަށް ކަރަންޓު ކެނޑިފައިވެ އެވެ.
ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމުގެ ގޮތުން 1.6 މެގަވޮޓްގެ އާ ޖެނެރޭޓަރެއް އިންސްޓޯލްކޮށް، ކަރަންޓް ދޭން ފަށާފައިވާ ކަމަށް މިދިޔަ ޖޫން މަހު ފެނަކަ އިން ބުނެފައިވެ އެވެ. އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން 20 މެގަވޮޓްގެ ޕަވަ ގްރިޑެއް އެޅުމަށް މަސައްކަތް ކުރަމުން އަންމަ ކަމަށް ވެސް ބުނެފައިވެ އެވެ.
އައްޑޫގައި ކަރަންޓު ނެތުމުން ގިނަ ބަޔަކު މަގުމަތީގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ