މާލޭގެ ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށް، ރީތި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވި އޮތީ މޫސުން ގޯސްވުމުން ކަމަށާއި މޫސުން ރަނގަޅުވުމާ އެކު އެ މަސައްކަތް ފަށާނެ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މިއަދު ބުނެފި އެވެ.
ހުކުރު މިސްކިތުގެ މުންނާރު ސާފު ނުކުރާތީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ހުކުރު މިސްކިތުގެ މުންނާރާއި އެ މިސްކިތުގެ ހަތަރު ވަޅު ސާފު ކުރުމަށް ސްޓެލްކޯއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ތައްޔާރުވެފައިވާ ކަމަށެވެ. އެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފަށަން ހަމަޖެއްސިޔަސް، މޫސުން ތަން ނުދޭތީ އެ މަސައްކަތް ކުރިއަށް ނުގެންދެވޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން މުންނާރު ރީތި ކުރުމަށްޓަކައި ކުލަ އާއި ދަވާދު ބޭނުން ކުރުމަކީ އެތަނަށް ގެއްލުންވާ ކަމަކަށް ވާތީ އެކަމަށް މިހާތަނަށް ބޭނުން ކުރަމުން އަންނަނީ އުވަ އެވެ. އެކަމަކު އުވައަކީ އިމާރާތެއްގައި ލުމަށް ފަހު އަވި ނުލިބޭ ނަމަ ނުހިކޭ އެއްޗެއް ކަމަށާއި އަދި މުންނާރުގައި އުވަލުމަށްޓަކައި ތެތްކަމެއް ނެތި ޖަހާ އުވަ ހިކުމަށްޓަކައި ވެސް ވަގުތު ބޭނުންވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މުންނާރަކީ ގިނަ ދުވަސްވީ އާސާރީ ތަރިކައެއް ކަމަށްވާތީ އެތަނުގެ ބޭރުން ތަކެތި ވިއްދުން ފަދަ ކަންކަމުން އެތަނަށް ގެއްލުންވާނެ ކަމަށާއި އެއީ އެ މަރުކަޒުން އަމަލުކުރާ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މޫސުން ތަން ދިނުމާ އެކު، މުންނާރު ރީތި ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ހިރި ގަލާއި އުވައިން ބިނާ ކޮށްފައިވާ މުންނާރަކީ 300 އަހަރުވާން ގާތްވެފައިވާ ތަނެކެވެ.
މުންނާރު ރީތި ކުރުމުގެ މަސައްކަތް ނުފެށި އޮތީ މޫސުން ގޯސްވުމުން: ހެރިޓޭޖް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ