ކިމްގެ މަރާ ގުޅިގެން ހޯދާ މީހުންނަށް އިންޓަޕޯލުން ނޯޓިސް ނެރެފި

ކުއާލަ ލަމްޕޫރު (މާޗް 16) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-ނަމްގެ މަރުގެ ތުހުމަތުގައި ހޯދަމުންދާ ނޯތު ކޮރެއާގެ ހަތަރު މީހުންނަށް އިންޓަޕޯލުން މިއަދު ރެޑް ނޯޓިސް ނެރެފި އެވެ.
ނޯތު ކޮރެއާގެ ހަތަރު މީހުން ހައްޔަރު ކުރުމުުގައި އެހީތެރިވެދިނުމަށް މެލޭޝިއާ އިން އިންޓަޕޯލުގައި އެދުނީ މިދިޔަ މަހު އެވެ.
މެލޭޝިއާ ފުލުހުންގެ ވެރިޔާ ޚާލިދު އަބޫ ބަކްރު މިއަދު ވިދާޅުވީ އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންނަކީ ކިމް މަރާލި ދުވަހު މެލޭޝިއާ އިން ފުރި ނޯތު ކޮރެއާގެ ހަތަރު މީހުންނެވެ.
މެލޭޝިއާ އެއާޕޯޓުގައި ކިމް ޖޮން ނަމް މަރާލީ މިދިޔަ މަހު 13 ވަނަ ދުވަހު އެވެ. އޭނާ މަރާލީ ދެ އަންހެނަކު ވެގެން ކިމްގެ މޫނުގައި ވިހަ ފޮތި ގަނޑެއް އަޅައިގެންނެވެ. މެލޭޝިއާ ފުލުހުން ބުނެފައި ވަނީ ކިމް މަރާލަން ބޭނުންކޮށްފައި ވަނީ ވީއެކްސް ނާވް އެޖެންޓެއް ކަމަށެވެ.
ކިމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ އަންހެނުންނަށް ވަނީ މީހަކު މެރުމުގެ ދައުވާ އުފުލައިފަ އެވެ.
ކިމްގެ މަރާ ގުޅިގެން މެލޭޝިއާ ފުލުހުން ދަނީ ނޯތު ކޮރެއާގެ އިތުރު ތިން މީހަކު ހޯދަމުންނެވެ.
މެލޭޝިއާ އިން މިހާރު ވަނީ އެއާޕޯޓުގައި މަރާލީ ކިމް ޖޮން-ނަމްކަން ޔަގީން ކޮށްދީފަ އެވެ. އެއީ ކިމްގެ ދަރިއެއްގެ ޑީއެންއޭ ސާމްޕަލް ނަގައިގެން ހެދި ޓެސްޓްތަކަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ