ޢަލީ ވަޙީދު "ފްރޭމް" ކޮށްފައިވާކަމަށްވެސް ހީވޭ: ގާސިމް

ޖުމްހޫރީ ޕާޓީގެ ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ހުރީ ފްރޭމް ކޮށްފައިހެންވެސް ހީވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޢަލީ ވަޙީދު ދިފާއު ކުރައްވާ ޤާސިމް ވާހަކަ ދެއްކެވީ ޢަލީ ވަޙީދުގެ މައްޗަށް ބޮޑެތި ދައުވާތަކެއް އުފުލާ ކޯޓްގައި މައްސަލަ ހިނގަމުންދާއިރުވެސް އޭނާ ޖޭޕީގެ ރައީސް ކަމުން ވަކިކޮށްފައިނުވާތީ އެކަމާއި ގުޅޭގޮތުން، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއެކު އެ ޕާޓީގެ ހެޑްކުއާޓަރުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.
ނޫސްވެރިޔާގެ ސުވާލުގެ ޖަވާބުގައި ޤާސިމް ވިދާޅުވީ، ޢަލީ ވަޙީދުގެ މައްޗަށް ދައުވާ ކުރިނަމަވެސް އޭނާގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައި އަދި ނެތް ކަމަށެވެ. އަދި މިހާރު ކަންކަން ވަމުންދާ ގޮތުން ޢަލީ ވަޙީދު ހުރީ "ފްރޭމް" ކޮށްފައި ކަމަށްވެސް ބައެއް ފަހަރު ހީވާ ކަމަށެވެ.
ޤާސިމް އިތުރަށް ވިދާޅުވީ ޢަލީ ވަޙީދު އެފަދަ "ހުތުރު" ކަންތައްތަކެއް ކޮށްފައިވާނެ ކަމަށް ޤަބޫލު ނުކުރެއްވޭ ކަމަށެވެ. ނަމަވެސް ފަހަރުގައި އެފަދަކަމެއް ކޮށްފައިވެސް އޮވެދާނެ ކަމަށާއި އެހެންނަަމަވެސް އެބޭފުޅާއަށް އެކަން ޤަބޫލު ކުރައްވަން ދަތި ކަމަށެވެ.
ޢަލީ ވަހީދުގެ މައްސަލަ ނިމޭއިރު އެކަމުގެ ޒިންމާ އޭނާގެ ބޮލުގައި އެޅުވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް ޤާސިމް މިއަދުވަނީ ވިދާޅުވެފައެވެ.
ޖިންސީ ގޯނާގެ ތުހުމަތުގައި މިނިސްޓަރުކަމުން ވަކިކޮށްފައިވާ ޢަލީ ވަޙީދު މިވަގުތު ހުރީ އިނގިރޭވިލާތުގައެވެ. ޢަލީ ވަޙީދު މިފަހަކަށް އައިސް ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް އިންޒާރު ދެއްވާ "ދައްކަވަން އުޅުއްވި ވާހަކަތައް ދައްކަވާނެ" ކަަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ