ބިޕިންގެ ހެލިކޮޕުޓަރު ވެއްޓުނީ މޫސުން ގޯސްވުމުންކަމަށް ތަޙްޤީޤުން ދައްކައިފި

އިންޑިޔާގެ ޗީފް އޮފް ޑިފެންސް ސުޓާފް ޖެނެރަލް ބިޕިން ރަވާތު ދަތުރުކުރެއްވި ހެލިކޮޕުޓަރު ވެއްޓުނީ އުޑުމަތި ބަނަވެ ވިލާތައް ބޯވުމުގެ ސަބަބުންކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
އިންޑިޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޙާދިޘާ ތަޙްޤީޤުކުރުމުން އެނގުނު ގޮތުގައި އުޑުމަތި ބަނަވެ ވިލާތައް ބޯވެފައިވަނިކޮށް އެ ސަރަޙައްދަށް ހެލިކޮޕުޓަރު ވަނުމުން ދަތުރުކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެ އެ އުޅަނދު ވެއްޓުނީކަމަށެވެ. އެ ޙާދިޘާގައި ޢުމުރުފުޅުން 63 އަހަރުގެ ޖެނެރަލް ބިޕިންނާއި އޭނާގެ އަނބިކަނބަލުން މަދޫލިކާ ރަވާތާއެކު ޖުމުލަ 14 މީހުން މަރުވިއެވެ. އޭގެ ތެރޭގައި އިންޑިޔާގެ އަސްކަރިއްޔާގެ ބައެއް އިސްވެރިންވެސް ހިމެނެއެވެ. އެ ހެލިކޮޕުޓަރު ވެއްޓިފައިވަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ޓެމިލް ނާޑޫގެ ސައިފަތް ދަނޑެއް ކައިރިއަށެވެ.
އިންޑިޔާގެ އަސްކަރިއްޔާއިން ވަކިވެވަޑައިގެން ޗީފް އޮފް ޑިފެންސް ސުޓާފުގެ މަޤާމާ ޖެނެރަލް ބިޕިން ޙަވާލުވެވަޑައިގަތީ 2019ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަކީ އެ މަޤާމު ފުރުއްވި ފުރަތަމަ ބޭފުޅާއެވެ. އަދި އޭނާއަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވަރަށް ގާތް ބޭފުޅެކެވެ. އޭނާވަނީ 40އަށްވުރެ ގިނަ އަހަރު އިންޑިޔާގެ އަސްކަރިއްޔާގައި މަސައްކަތްކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ