ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޙް ޙަސީނާ، ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ސެކިއުރިޓީ ބޭނުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަގާއި ފަޅުތެރެ ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފިއެވެ.
އެގޮތުން މާދަމާ މެންދުރު 2 އިން ހަވީރު 4 އަށް ހުޅުލޭގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އުތުރު ކަންމަތިން ފެށިގެން ކާގޯ ބިލްޑިންގ ދެކުނު ކަންމައްޗާއި ހަމައަށް ބަންދުކުރެވޭނެކަމަށް އެމް.އޭ.ސީ.އެލްއިން މަޢުލޫމާތުދެއެވެ. އަދި ހުޅުލޭގެ އެއްގަމާއި ފަޅުތެރެވެސް މިގަޑިތަކުގައި ބަންދުކޮށް ސެކިއުރިޓީގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. މި ސަރަޙައްދުގެ ފަޅުތެރެއަށް އެއްވެސް އުޅަނދެއް ވަދެނުކުތުން އަދި ފަޅުތެރޭގައި ބޭއްވުން މަނާވާނެއެވެ. މިގަޑީގައި ކަނޑު އުޅަނދު ފަހަރަށް ބޭނުން ކުރެވޭނީ ހުޅުލޭގެ ދެކުނުގައިވާ ނެރު އެކަނި ކަމަށްވެސް އެމްއޭސީއެލްއިންވަނީ ހާމަކޮށްފައެވެ.
މާދަމާ މެންދުރު 2 އިން ހަވީރު 4 އަށް ހުޅުލޭގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އުތުރު ކަންމަތިން ފެށިގެން ކާގޯ ބިލްޑިންގ ދެކުނު ކަންމައްޗާއި ހަމައަށް އެއްވެސް ބާވަތެއްގެ ވެހިކަލެއް ނުދުއްވޭނެތީ ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އިންޓަރނޭޝަނަލް ޓަނމިނަލްގެ އުތުރު ކަންމަތިން ( ބޮލިބުރު ކައިރިން) ޢާއްމު އުޅަނދުފަހަރު އަނބުރާލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ފުލުހުން އިރުޝާދު އެއްގޮތަށް އެސަރަޙައްދުތަކުގައި ހިނގައި އުޅެވޭނެއެވެ.
އެހެން ނަމަވެސް ދުއްވާ އެއްޗިއްސާއި ހިނގައި ބިނގާވެ އުޅުން މުޅިން މަނާ ވަގުތުކޮޅެއް އަންނާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން ވަނީ ބުނެފައެވެ. މި ވަގުތުތަކުގައި އެމް.ޓީ.ސީ.ސީގެ ބަސް މަޑުކުރާނީ ވެސްޓަރން ޕާކިން ޒޯންއަށެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޙް ޙަސީނާ، ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރުވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތަޢުލީމަކީ މިހާރުވެސް ދެ ޤައުމުގެ ދެމެދު ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކެވެ. ދެ ޤައުމު ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާއެކު ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރަދަނާވެގެންދާނެއެވެ.
މާދަމާ މެންދުރު 2 އިން ހަވީރު 4 އަށް ހުޅުލޭގެ އެއްގަމާއި ފަޅުތެރެ ބަންދުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ