ސިއްހީ ދާއިރާގެ ބައެއް ކަންކަން ބަޖެޓުގައި ހިމަނާފައެއް ނުވޭ - އެމްޑީޕީ

ސިއްހީ ދާއިރާއަށް ބޭނުންވާ މުހިއްމު ބައެއް ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މިދިޔަ ފަސް އަހަރުތެރޭ ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދިޔައީ ހުރިހާ ޕާޓީތަކެއް ގުޅިގެން އެ ޕާޓީތަކުން ބޭނުންވާ ޕްރޮޖެކްޓްތައްވެސް ބަޖެޓްގެ ތެރެއަށް ލެވިގެން ކަމަށެވެ. ނަމަވެސް މިފަހަރު އޮތް އެންމެ ބޮޑު ބިރަކީ މަޖިލީހުގެ އަޣުލިބައްޔަތު ލިބިފައި އޮތް ޕީޕީއެމުން ބޭނުން ގޮތަކަށް ބަޖެޓް ފާސްކޮށްފާނެތީ ކަަމުގައި ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯގައި ކޮންމެ އާއިލާއަަކަށް ޑޮކްޓަރަކު ހުންނާނެ ކަމަށް ބުނެފައިވީނަމަވެސް 2015 ވަނަ އަހަރުގެ ބަޖެޓުން އެކަން ފެންނަން ނެތް ކަމަށެވެ.
އަދި ސީއެންބިއުލާންސްގެ ހިދުމަތް ދިނުމަށް ހަރަދުކުރާނީ ކޮން ދިމާލަކުން ކަން ބަޖެޓުން ފެންނަން ނެތް ކަމަށްވެސް އޭނާ ވިދާޅުވި އވެ. އަދި ރާއްޖޭގައި ބައެއް ބަލިތައް އާއްމުވަމުން އަންނައިރު އެ ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުމަށް އެއްވެސް ވަރެއްގެ ފައިސާއެއް ހިމަނާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައިޖީއެމްއެޗަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އެ ހޮސްޕިޓަލަށް މިއަހަރު 505 މިލިޔަން ރުފިޔާ ކަނޑައެޅި އިރު، އަންނަ އަހަރަށް އެ އަދަދު 479 މިލިޔަނަށް ތިރިކޮށްފައިވާ ކަމަށެވެ. މީގެތެރޭން ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމެނިފައިވާ 35 މިލިޔަން ރުފިޔާ އަކީ މިހާރު ހަދާފައިވާ އިމާރާތުގެ ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ކަމަށާއި ހޮސްޕިޓަލުގެ ބަޖެޓުން ބޮޑު ބައެއް ހަރަދު ކުރަން ނިންމާފައި އޮތީ އެތަން ހެދުމަށް ކަމަށެވެ.
ރޮޒައިނާ ވިދާޅުވި ގޮތުގައި ހިތުގެ ފަރުވާ އާއި ކެންސަރަށް ފަރުވާ ކުރުން ފަދަ ހިދުމަތްތަކަށް ބޭނުންވާ ވަސީލަތް ހޯދުމަށް ބަޖެޓުގައި ހިމަނާފައި ނުވެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ޓްރޯމާ އަދި އެމަޖެންސީ އަށް ސްޕެޝަލައިޒް ވެފައިވާ ހޮސްޕިޓަލްގެ މަސައްކަތް ފެށިފައިވާ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް މި އަހަރުގެ މިހާތަނަށް ކޮށްފައިވަނީ އެ މަސައްކަތަށް ބޭނުންވާ ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތާއި އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވި ގޮތުގައި އެމަސައްކަތަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަންޑު ހޯދި ބަޖެޓުން ކޮށްފައިވާ މަސައްކަތްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ