ހަވީރު އޮންލައިން ޕޯލްގެ ނަތީޖާ: "މަޖިލީހުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބުން ރަނގަޅެއް ނޫން"

މޭ 9ގައި އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގައި ވަކި ޕާޓީއަކަށް އަޣުލަބިއްޔަތު ލިބުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ހަވީރު އޮންލައިންގެ ކިޔުންތެރިން ހިޔާލު ފާޅު ކޮށްފި އެވެ.
އޭޕްރީލް 15 އިން އޭޕްރީލް 21 އަށް ކުރިއަށް ގެންދިޔަ ހަވީރު އޮންލައިން ޕޯލްގައި 62 ޕަސެންޓު ވޯޓު ލިބުނީ ވަކި ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމަކީ ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށެވެ. އެއީ 4120 ވޯޓެވެ. ވަކި ޕާޓީއަކަށް އަޣުލަބިއްޔަތު ލިބުމަކީ ރަނގަޅު ކަމެއް ކަމަށް ފެންނަ ކަމަށް 2483 ވޯޓު ލިބުނެވެ. އެއީ ޖުމްލަ 6603 ވޯޓުގެ 38 ޕަސެންޓެވެ.
މި މައުލޫއާމެދު ބަހުސް ކުރުމަށް ހަވީރު އޮންލައިން ފޯރަމްގައި ފުރުސަތު ހުޅުވާލުމުން ކިޔުންތެރިން ފާޅުކޮށްފައިވާ ބައެއް ހިޔާލުތަކުގައި މަޖިލީހުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބުން ރަނގަޅު ނޫން ކަމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް ބައެއް މީހުން ބުނެފައިވަނީ ރައްޔިތުންގެ މަންފާއަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް ހަލުވިކަމާއެކު ތަންފީޒު ކުރަމުން ގެންދެވޭނީ ވެރިކަން ކުރާ އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ. އެކަމަކު އަނެއްބައި ހިޔާލުތަކުގައި ބުނެފައިވަނީ ސަރުކާރު ޒިންމާދާރު ކުރުމަށާއި ތިން ބާރު ވަކިކޮށްފައި ބޭއްވުމަށް އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުން މުހިއްމު ކަމަށެވެ. އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީއަށް އަޣުލަބިއްޔަތު ލިބުމަށް ތާއީދުކޮށް ވެސް ބައެއް ކިޔުންތެރިން ހިޔާލުފާޅު ކޮށްފައި ވެއެވެ.
ހަވީރު އޮންލައިން ޕޯލްއާއި ހަވީރު އޮންލައިން ފޯރަމްގައި ހިޔާލުތައް ހުށަހަޅުއްވަމުން ގެންދަވާ ކިޔުންތެރިންނަށް ހަވީރު އޮންލައިނުން ވަރަށް އިހުލާސްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ