އަބްދުﷲ ހަމީދަކީ ގައުމަށް ގެއްލިގެން ދިޔަ ޖަވާހިރެއް: މައުމޫން

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވުމަށް ފަހު މިދިޔަ ޖުލައި މަހުގެ ތެރޭގައި އަވަހާރަވި ކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދަކީ ގެއްލިގެން ދިޔަ ޖަވާހިރެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ނިޝާން އިއްޒުއްދީންގެ ލަގަބު ލިބިވަޑައިގެންފައިވާ ހަމީދުގެ ހަނދާނުގައި މިރޭ ބޭއްވި ތައުބީންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން ވިދާޅުވީ ހަމީދުގެ އަގުހުރި ޚިދުމަތްތައް އެކި ދާއިރާތަކުން ރާއްޖެ އަށް ލިބިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ޚިދުމަތްތަކަކީ އެއްވެސް ގޮތަކުން ބަޔާންކޮށް ނުނިމޭހާ ގިނަ ޚިދުމަތްތަކެއް ކަން ފާހަގަ ކުރައްވަމުން މައުމޫން ވިދާޅުވި ގޮތުގައި ހަމީދަކީ ގެއްލިގެން ދިޔަ ޖަވާހިރެކެވެ. "ހަމީދުގެ ސާބިތުކަމަކީ އެއްވެސް ހެއްކެއް ބޭނުންވާނެ ކަމެއް ނޫން. އަބްދުﷲ ހަމީދަކީ ދިވެހި ގައުމަށް ގެއްލިގެން ދިޔަ ޖަވާހިރެއް. އަޅުގަނޑުމެން ވަރަށް ގިނަ ވަގުތު ހޭދަކުރި ނަމަވެސް އެމަނިކުފާނު ކޮށް ދެއްވާފައިވާ ޚިދުމަތްތަކުގެ ކުޑަ މިންވަރެއް ވެސް އަޅުގަނޑުމެންނަށް ހަނދާނަށް ނުގެނެވޭ ނުވަތަ ދުލުން ބަޔާން ނުކުރެވޭނެ ފަދަ ޚިދުމަތްތަކެއް އެމަނިކުފާނަކީ،" މައުމޫން ވިދާޅުވި އެވެ. އެކި ދާއިރާތަކުން 56 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހަމީދު ދައުލަތަށް ޚިދުމަތް ކުރެއްވިއިރު ހަމީދު އަބަދުވެސް އިސްކަން ދެއްވީ ހަވާލު ކުރައްވާ ކޮންމެ ކަމެއް އެންމެ ފުރިހަމަ އަށް ކުރައްވަން ކަމަށް މައުމޫން ވިދާޅުވި އެވެ. ހަމީދު ޝަހްސިއްޔަތުގެ ތަޅުދަނޑިއަކީ ވެސް އެއީ ކަމަށް މައުމޫން ވިދާޅުވި އެވެ. "ހުރިހާ މާތް ސިފަތަކެއް ވެސް އެމަނިކުފާނު ގެންގުޅުއްވީ ކުރިން މިދެންނެވި ކަންތައް ހާސިލް ކުރެއްވުމަށްޓަކައި. އެއީ ހަވާލުވެ ވަޑައިގެންނެވި ކޮންމެ ކަމެއް. ކުރައްވަން ފެށްޓެވި ކޮންމެ ކަމެއް ކުރަން އޮތް އެންމެ މޮޅަކަށް ކުރެއްވުމުގެ ވަރުގަދަ އަޒުމުގައި،" ދިވެހި ބަހުގެ އެކަޑަމީން އިސް ނަގައިގެން ބޭއްވި އެ ޖަލްސާގައި މައުމޫން ވިދާޅުވި އެވެ. ހަމީދަކީ ތައުލީމަށް ވަރަށް ޝައުގުވެރިކަން ބެހެއްޓެވި ބޭފުޅެއް ކަމަށާއި ތައުލީމީ ގޮތުން އެހާ ކުރިއަރާފައި ނެތް ދުވަސްވަރު ވެސް އެކި ރޮނގުން ތައުލީމް އުނގެނިވަޑައިގަތުމަށް ހަމީދު ވަރަށް ބޮޑަށް އިސްކަން ދެއްވި ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެޓޮލްސް މިނިސްޓަރަކަށް ހަމީދު ހުންނެވިއިރު އަތޮޅު ތެރޭގެ ކަންކަން ބެއްލެވުމަށް ދިގު ދަތުރުތަކެއް ކުރައްވައި، ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް މައުމޫން ވިދާޅުވި އެވެ. "ވަޑައިގަންނަވާ ދަތުރުތަކުގައި ވަރަށް ގިނަ ދަތިތަކާ ދިމާވެ ވަޑައިގަންނަވާނެ. ވިއްސާރައިގެ ސަބަބުން ނުވަތަ ކަނޑު ގަދަވުމުގެ ސަބަބުން. އެހެން ނަމަވެސް ކެތްތެރިކަމާ އެކު މުރާލިކަމާ އެކު އެ ދަތުރުތައް ވެސް ކުރައްވައި ނިންމެވި،" މައުމޫން ވިދާޅުވި އެވެ. މިރޭގެ އެ ޖަލްސާގައިވަނީ ހަމީދުގެ ތަގްރީރުތައް ހިމެނޭ ސީޑީއަކާއި އެމަނިކުފާނާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ދެ ފޮތަކާއި އެމަނިކުފާނުގެ ތައުބީންގެ ދަފްތަރުގެ ފޮތް ހަމީދުގެ އާއިލާއާ ހަވާލުކޮށްފަ އެވެ. ހަމީދުގެ އާއިލާއާ އެ ތަކެތި ހަވާލުކޮށްދެއްވީ ހަމީދުގެ އެއްބަފާ ކޮއްކޯފުޅު އަދި ރައީސް އަބްދުﷲ ޔާމީނެވެ. މިދިޔަ ޖުލައި މަހު އަވަހާރަވީ އުމުރުފުޅުން 76 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ