ހޭލާ: އެ ފިލްމަކަށް ބެލުންތެރިން ނުހޭލި ފިލްމު

މާލޭގެ މަގުތަކާއި އިމާރާތްތަކާއި ގަސްތަކާއި އާންމު ދިރިއުޅުން ދިވެހި ސިނަމާގެ ބޮޑު ސްކްރީނުން ފެންނާނީ މަދު ފަހަރުތަކެއްގަ އެވެ. ގިނަ ދިވެހި ފިލްމުތަކުގެ ސެޓިން އަބަދުވެސް ގެންދަނީ ރާއްޖެތެރޭގެ ރަށްތަކަށެވެ. ދެން އާންމުކޮށް ކިޔައި މި ދެނީ މުއްސަނދި އާއިލާއަކާއި ފަގީރު އާއިލާއެއްގެ ދެ ކުއްޖެއްގެ މެދުގައި ހިނގާ ލޯބީގެ އަސަރުގަދަ ވާހަކަ އެކެވެ. ނުވަތަ ޖިންނިއަކު ކޮންމެވެސް ދެ ލޯބިވެރިން ދެމެދަށް ވަދެގެން އެކަކާ އަވަލާ ވާހަކަ އެވެ. ނުވަތަ ފައިސާގެ ދަހިވެތިކަމުގައި އާއިލާ މެމްބަރުންތަކެއްގެ މެދުގައި ހިނގާ މައްސަލަގަނޑެކެވެ. ބުނަން މި އުޅެނީ އެ އާންމު ސެޓިން ބަދަލުވެފައިވާ ދިވެހި ފިލްމެއް ބަލާލުމުގެ ފުރުސަތު ލިބުމަކީ ހިތަށް ފިނިކަމެއް ލިއްބައިދޭ ކަމެއް ކަމަށެވެ. "ހޭލާ" އަކީ ދިވެހި ސިނަމާ އިން ނުފެންނަ، ދިވެހިންގެ އަނދިރި ފަރާތް ގެނެސްދީފައިވާ ފިލްމެކެވެ. މިއީ ޝުހާދު (އަހުމަދު މައުރޫފް) ނަމަކަށް ކިޔާ 14 އަހަރުގެ ކުއްޖަކަށް ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ މުޅި ވާހަކަ އެނބުރެނީ އޭނާ ވަށައިގެންނެވެ. ގިނައިރު ހުންނަނީ ނުކަ އެވެ. އެކުގައި އުޅޭނެ އެކުވެރިންތަކެއް އޭނާގެ ނުތިބެ އެވެ. ސްކޫލަކަށް ނުދެ އެވެ. ރީތި ހެދުންތަކެއް ނުލިބެ އެވެ. ވާރޭ ވެހެންޏާމު ނިދާ ކޮޓަރި ތެރޭގައި އޮންނަނީ ފެންގަނޑެވެ. އޭނާގެ ބައްޕަ، އަހައްމާ (ކޮޕީ އިސްމާއިލް ރަޝީދު) އަކީ ޖަލުން ގޭ ބަންދަށް ދޫކޮށްލާފައިވާ ޑްރަގް އެޑިކްޓެކެވެ. މަންމަ (ޒީނަތު އައްބާސް) އޮންނަނީ ރިހެބްގަ އެވެ. ޝުހާދު އަކީ މިކަހަލަ ދިރިއުޅުމެއް އުޅެން މަޖުބޫރުވެފައިވާ ކުއްޖެކެވެ. އަދި ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެ ވަޅުގަނޑުން އަރައިގަތުމަށް ކެތްމަދުވެފައިވާ ކުއްޖެކެވެ. މި ފިލްމު ލިޔެފައި ވަނީ "ހެޕީ ބާތު ޑޭ" އަދި "ލޫދިފާ" ގެ ސްކްރިޕްޓް ވެސް އެކުލަވައިލި މޫމިން ފުއާދެވެ. ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާއު އާއި މޫމިން ގުޅިގެންނެވެ. މިއީ "ހެޕީ ބާތު ޑޭ" އާއި "ލޫދިފާ" ލިޔެ، ޑައިރެކްޓްކުރުމުގެ ކުރިން މޫމިން މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. މޫމިން އަކީ ދިރިއުޅުމުގެ އުފަލާއި އަރާމާއި ހިތްހަމަޖެހުން އަދި ހިތާމަ އާއި ހިތްދަތިކަމުގެ ވާހަކަ އޭނާގެ ފިލްމުތަކުގައި ކިޔައިދޭ މީހެކެވެ. އުފާވެރި ދިރިއުޅުމެއް ހޯދާނެ ގޮތާއި ނުތަނަވަސްކަމުން އަރައިގަންނާނެ ގޮތް ކިޔައިދޭ މީހެކެވެ. ބޭނުމަކަށް ޖެހިފައިވާ މީހެއްގެ ފައިދާ ނަގާނެ ގޮތާއި އެފަދަ މަޅިއަކުން ސަލާމަތްވާނެ ގޮތުގެ ވާހަކަ ކިޔައިދޭ މީހެކެވެ. "ލޫދިފާ" ގެ މެއިން ތީމް އަކީ ވެސް އެއީ އެވެ. އެއީ ހިތާމަ އާއި ހިތްދަތިކަމުން އަރައިގަތުމަށް، ވިސްނާލުމެއް ނެތި މީހަކު ކުރާ ކަމެއްގެ ސަބަބުން ނުކުންނަ ނަތީޖާތަކެއްގެ މައްޗަށް އެކުލަވާލާފައިވާ ފިލްމެކެވެ. "ހޭލާ" އަކީ އުފަލާއި އަރާމައި މުއްސަނދިކަމަށް އެދޭ ކުއްޖެއްގެ ދިރިއުޅުން ހަލާކުވެގެންދާ ގޮތުގެ ވާހަކަ އެވެ. ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ ސިފަ އަކީ ވާހަކަ ކިޔައިދިނުމުގެ ހުނަރެވެ. ފިލްމުގެ ވާހަކައިގައި އަބަދުވެސް ކުރިއެއް އޮވެ އެވެ. ވާހަކައިގެ މަންޒަރަކަށް ފަހު މަންޒަރެއް ގެނެސްދެމުންދާއިރު ގިނަ ޑައިލޮގްތައް އެހާމެ މުއްސަންޖެވެ. ކެރެކްޓާތަކެއް ގެންގުޅޭ ނަމަ އެމީހުން މަރާލައިގެން ނުވާނެ އެވެ. މޫމިންގެ ފިލްމުތަކުގައި އޭނާގެ ކެރެކްޓާތައް އަބަދުވެސް ވަރަށް ވާހަކަ ދައްކަ އެވެ. އަދި އެއީ ބޭކާރު ނުވަތަ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ވެސް ނޫނެވެ. އެކަމަކު ދިރިއުޅުމުގެ ތަފާތު ދަރަޖަތަކާ ގުޅިފައި ހުންނަ ވާހަކަތަކެވެ. މި ފިލްމުން އެގޮތަށް އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ކެރެކްޓާ އަކީ ޝުހާދުގެ އަނދިރި ދިރިއުޅުން އުފާވެރި ދިރިއުޅުމަކަށް ބަދަލުކޮށްދޭން އޭނާ ކައިރީގައި ވައުދުވާ މީހާ އެވެ. އެ ކެރެކްޓާ އަށް ދީފައިވާ މުއްސަނދި ޑައިލޮގްތަކާ އެކު ހިޔާލަށް އަންނަނީ "ލޫދިފާ" އިން ވެސް އެ ސިފަތަކާ އެކު ބައްދަލުކުރި "ޖުނައިދު" ކެރެކްޓާއެކެވެ. އެއީ ހަމަ މިގޮތަށް މީހަކާ ދިރިއުޅުމުގެ އުކުޅުތައް ހިއްސާކުރާ ކެރެކްޓާ އެކެވެ. މޫމިން މިހާތަނަށް ގެނެސްދީފައިވާ ސްކްރީންޕްލޭތަކަކީ ވަރަށް ވެސް ފަރުވާތެރިކަމާ އެކު ކޮށައިމަށައި އޮމާންކޮށްފައިވާ ސްކްރީންޕްލޭތަކެއްކަން ފާހަގަކޮށްލަން ޖެހެ އެވެ. "ހޭލާ" މިއީ އޭނާގެ ފުރަތަމަ މަސައްކަތަށްވިޔަސް އެ ފަރުވާތެރިކަން ގެއްލިފައެއް ނެތެވެ. ފިލްމުގައި ރަނގަޅު ޓްވިސްޓްތަކެއް ހިމަނާފައިވާއިރު ބެލުންތެރިޔާގެ ފޫހިކަން ދުރަށް ޖައްސަމުން ޝައުގުވެރިކަން ދަމައިގަތުމުގެ ގާބިލުކަން ފިލްމުގެ އޮނިގަނޑަށް ދީފައިވެ އެވެ. އަލަށް ފީޗާ ފިލްމެއްގެ މަސައްކަތްކުރި ބައެއްގެ މަސައްކަތަށް ބަލާއިރު "ހޭލާ" އަކީ ނުބަލައި ދޫކޮށްލަން ޖެހޭ ވަރުގެ ދިވެހި ފިލްމެއް ނޫނެވެ. މި ފިލްމު 2006 ވަނަ އަހަރު ސްކްރީންކުރި ފަހުން، މިހާތަނަށް ނުކުމެފައި ވަނީ މި ފިލްމާ ވާދަކޮށްލެވޭ ވަރުގެ ދެ ތިން ދިވެހި ފިލްމެވެ. އޭގެ ތެރެއިން ވެސް މި ފިލްމަށް ވުރެ މޮޅު ފިލްމަކަށް ބެލުނީ "ލޫދިފާ" އެކަންޏެވެ. ރަނގަޅު ގިނަ ކަންތަކެއް ފާހަގަކުރެވުނަސް ފިލްމުގައި ބޭނުންކޮށްފައިވާ ސްކޯ އަކީ އަޅުގަނޑަށް މި ފިލްމުން އެންމެ ކަމުނުދިޔަ އެއް އެލިމެންޓެވެ. އޭގެ އިތުރުން ލީޑް ކެރެކްޓާ ގެންގުޅޭ ދަބަސް ތެރޭގައި އޮންނަ އެއްޗެއް އެނގޭ ހިސާބުން ފެށިގެން ފިލްމުގެ ފޯރި ވަކި ހިސާބަކަށް ގެއްލިގެންދާކަން ފާހަގަކުރެވުނެވެ. އެއީ ހަގީގަތުގައި ފޯރި ކުރިއަށް ވުރެ ގަދަވާން ޖެހޭ ހިސާބެވެ. ފިލްމުގެ އެކްޓަރުންގެ ފަރާތުން އާދައިގެ ހުނަރުވެރިކަމެއް ފެނިގެންދިޔައިރު އެންމެ ގޯސް އެކްޓަރަކަށް ފާހަގަކުރެވުނީ ޝުހާދުގެ މަންމަގެ ރޯލު ކުޅެފައިވާ ޒީނަތު އެވެ. ލީޑް ކެރެކްޓާ ޝުހާދުގެ އެކްޓިން ވެސް އެހާ ހިތްހަމަޖެހޭ ވަރެއް ނުވެ އެވެ. އެކަމަކު ގޯހެއް ވެސް ނޫނެވެ. ފިލްމުގައި އޭނާގެ ބައްޕަގެ ރޯލު ކުޅުނު ކޮޕީ އިއްސެ ދެއްކި ހުނަރަށް ގައުމީ އެވޯޑް ލިބުނަސް އެއީ ވެސް އޭނާގެ "ބެސްޓް" ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ސަބަބަކީ އޭގެ ފަހުން އެ އަށް ވުރެ މާ ހުނަރުވެރި ކޮޕީ އިއްސެއެއް އަހަރެމެންނަށް ފެނިފައިވާތީ އެވެ. އަޅުގަނޑަށް މި ފިލްމުން އެންމެ ކަމުދިޔައީ މޫމިންގެ ހުށަހަޅައިދިނުމެވެ. ފިލްމުގެ ޕްލޮޓާ ބެހޭ ގޮތުން އޯޑިއެންސަށް އެނގެން ޖެހޭ ވަރު ކޮންޓްރޯލްކުރުމުގެ ބާރު އޮންނަނީ ސީދާ އޭނާގެ އަތުގަ އެވެ. ފިލްމު ބަލަން އިންނަ މީހާ އަށް އެ ކޮންޓްރޯލް އޭނާގެ ކިބައިން އަތުލައިގަތުމުގެ ގާބިލުކަމެއް ނޯވެ އެވެ. ޝައުގުވެރިކަން ދަމަހައްޓައިދެނީ އެ ސަބަބާ ހެދި އެވެ. މިސާލަކަށް މިހެންނެވެ. އެންމެ ފުރަތަމަ ފެންނަނީ އެކަނިވެރިވެފައިވާ ކުޑަ ފިރިހެން ކުއްޖެކެވެ. އާއިލާ އާއި އެކުވެރިންގެ އަޅާލުމެއް އޭނާއަކަށް ނެތެވެ. އެ އެކަނިވެރިކަމުގައި އޭނާ ދެނެގަންނަނީ "ގޮތްނޭނގޭ" މީހެކެވެ. އޭނާގެ ބޭނުމަކީ ފިރިހެން ކުއްޖާ އޭނާގެ ޖިންސީ ޝިކާރައަކަށް ހަދާލުންކަން ނުވަތަ އޭނާ މަހުޖަނަކަށް ވާނެ ގޮތުގެ އުކުޅުތަކެއް ކިޔައިދިނުން ކަމެއް ވެސް ނޭނގެ އެވެ. ނުވަތަ އޭނާ ބޭނުންކޮށްގެން ނުރައްކާތެރި ހަތިޔާރެއް ތަނަކަށް އެތެރެކުރުން ކަމެއް ވެސް ނޭނގެ އެވެ. އެމީހާ އަކީ ކޮން ކަހަލަ މީހެއްތޯ ބަލަން ޝައުގުވެރިވާ ނަމަ ޖެހޭނީ ސްކްރިޕްޓްގެ ހައްތަހާ އެތެރެއަށް ކޮންނާށެވެ. ދިވެހި ފިލްމުތަކުން މި ފަންނުވެރިކަން ފެންނަނީ މަދު ފަހަރުތަކެއްގަ އެވެ. "ހޭލާ" އަކީ އާދައިގެ ދިވެހި ފިލްމުތަކަށް ވުރެ ފެންވަރު ރަނގަޅު ދިވެހި ފިލްމެއް ބަލާލަން ޝައުގުވެރިވާ މީހަކަށް އޮތް ހިތްހަމަޖެހުމެކެވެ. މާލެ ތެރޭގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ވާހަކައަކަށް ޝައުގުވެރިވާ މީހަކަށް ރަނގަޅު ފިލްމެކެވެ. ދިވެހިން އާންމުކޮށް އުފައްދާ "ފެންވަރު ދަށް" ފިލްމުތައް ބަލަން ލަދުގަންނަ މީހަކު މި ފިލްމު ބަލަން ލަދުގަންނާނެ ހެނެއް ހީއެއް ނުވެ އެވެ. މިއީ އޭގައި ވާހަކައެއް އޮތް، އެ ވާހަކައިގެ ތެރޭގައި ކެރެކްޓާތަކެއް އުޅޭ އަދި އެ ކެރެކްޓާތަކަކަށް ހިއްސުތަކާއި ޖަޒުބާތުތަކެއް ލިބިފައިވާ ކެރެކްޓާތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ނިދީގައި އޮތް ދިވެހި ފިލްމީ ދާއިރާ ހޭއަރާނީ މިފަދަ ފިލްމުތައް އުފެއްދި ވަރަކަށެވެ. އެކަމަކު ކޮންމެހެން މި ވައްތަރުގެ ވާހަކަތަކަށް ހުރިހާ ފިލްމުތަކެއް އުފައްދާކަށް އަދި ނުޖެހެ އެވެ. ބޭނުން ވަނީ މި ކޮލިޓީގެ ނުވަތަ މި އަށް ވުރެ ވެސް ރަނގަޅު ފިލްމުތަކެވެ. ފިލްމީ ދާއިރާ މިހާރު އޮތީ ހަމައެކަނި ފިލްމު އުފައްދާ މީހުންނަށް އަރާމު ނިންޖެއްގަ އެވެ. އެ ނިދިން ހޭލަން ވެއްޖެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ