އަބްދުﷲ ގާޒީ ހާޒިރުނުކޮށްގެން އެމްއެންޑީއެފްއާ މެދު ފިޔަވަޅު އެޅުމަށް ކޯޓުން ނިންމައިފި
06-02-2012 16:11 ސިފައިން ހައްޔަރުކޮށްގެން ގެންގުޅޭ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ކޯޓަށް ހާޒިރުނުކޮށްގެން އެމްއެންޑީއެފްއާ މެދު ފިޔަވަޅު އެޅުމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ. އަބްދުﷲ މުހައްމަދު ހާޒިރުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ އޭނާގެ ސުލޫކީ މައްސަލަ ހުރި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާ ގުޅިގެން އޭނާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ހިންގުމަށެވެ. އެ މައްސަލަ ހިންގުމަށްޓަކައި އަބްދުﷲ ގާޒީ ހާޒިރުކުރުމަށް ދެ ފަހަރަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އެއިން އެއްވެސް އަމުރަކަށް ސިފައިން ކިޔަމަން ވެފައެއް ނުވެ އެވެ. މިއަދުގެ އަޑުއެހުން ބާއްވާފައި ވަނީ އަބްދުﷲ މުހައްމަދު ހާޒިރުކުރި އަމުރަށް ކިޔަމަންވެފައިނުވާތީ އެއީ ކީއްވެގެންތޯ ސާފު ކުރުމަށް ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ހާޒިރުކުރުމަށެވެ. ނަމަވެސް މޫސާ އަލީ ޖަލީލު މިއަދުގެ އަޑުއެހުމަށް ހާޒިރުވެފައެއް ނުވެ އެވެ. އޭނާގެ ބަދަލުގައި ކޯޓަށް ގޮސްފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. މިއަދުގެ އަޑުއެހުން ފެށުމާއެކު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މޫސާ އަލީ ޖަލީލަށް ފޮނުވި ޗިޓާ އެކު ސިޓީއެއް ހިފައިގެން ބަންޑާރަ ނައިބުގެ އޮފީހުން ހާޒިރުވެފައިވާ ކަމަށެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން ހާޒިރުވި ސަބަބެއް ސާފުކުރުމަށް އެންގެވި އެވެ. ދައުލަތުގެ ވަކީލާ ފާތުމަތު ހަލީމް ވިދާޅުވީ އެ އޮފީހުން މައްސަލައަށް ހާޒިރުވެފައި ވަނީ އިޖުރާއީ ނުކުތާއެއް ނެގުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހާޒިރު ނުކުރި ސަބަބު އޮޅުން ފިލުވުމަށް ފުރަތަމަ އަމުރު ފޮނުވަން ޖެހޭނީ އެމްއެންޑީއެފްއަށް ކަމަށެވެ. އެމްއެންޑީއެފް ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް ވެރިޔާއަށް އަމުރު ފޮނުވޭނީ އޭގެ ފަހުން ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ. ވަކީލާ ވިދާޅުވީ މުއައްސަސާއެއް ޖަވާބުދާރީކުރުވާ ނަމަ އެންމެ ފުރަތަމަ އަމުރު ފޮނުވަން ޖެހޭނީ އެ މުއައްސަސާއަކަށް ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިއަދުގެ އަޑުއެހުމަށް ހާޒިރުވުމަށް މޫސާ އަލީ ޖަލީލަށް ފޮނުވާފައިވާ އަމުރަކީ ފޮނުވޭނެ އަމުރެއް ނޫން ކަމަށް ވަކީލާ ވިދާޅުވި އެވެ. އެހެންކަމުން އެކަމުގައި ޝަރީއަތުން ގޮތެއް ނިންމުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. ޝަރީއަތުގެ މަޖިލިސް މެދުކަނޑާލުމަށްފަހު އަލުން ފެށުމާއެކު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ރ. ގެ ދަށުން އަމުރު ފޮނުވުމަށް ހައި ކޯޓުން ވަކި އިޖުރާއަތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސިވިލް ކޯޓުން ވެސް އަމަލުކުރަމުންދާނީ އެ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ. ބެންޗުން ފާހަގަކުރެއްވީ އަމުރު ފޮނުވުމުގެ އިޖުރާއަތުތަކެއް ހައި ކޯޓުން ކަނޑައަޅާފައި ވަނީ މޫސާ އަލީ ޖަލީލު ހާޒިރުވުމަށް ސިވިލް ކޯޓުން އަމުރު ނެރުނު ފަހުން ކަމަށެވެ. އަދި ވިދާޅުވީ އަބްދުﷲ ގާޒީ ހާޒިރު ނުކުރާ ސަބަބެއް އޮޅުންފިލުވުމަށް އެމްއެންޑީއެފްއަށް އަމުރު ފޮނުވާނެ ކަމަށެވެ. އަމުރު ފޮނުވުމުގެ އިޖުރާއަތުތަކެއް ހައި ކޯޓުން ކަނޑައެޅިއިރު، އަމުރެއް ފޮނުވައިފި ނަމަ، އެ އަމުރާމެދު ދެކޭ ގޮތެއް ހާމަ ކުރަންޖެހޭނީ އެ އަމުރަކާ އެއްގޮތަށް ހާޒިރުވެގެން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ. އަދި ވިދާޅުވީ މި މައްސަލައިގައި މޫސާ އަލީ ޖަލީލުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން ހާޒިރުވެ އިޖުރާއީ ނުކުތާއެއް ނެގޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އަބްދުﷲ މުހައްމަދު ދައުވާކުރައްވާ މައްސަލައަކީ އޭނާ ހާޒިރުވެގެން އޭނާގެ ބަހެއް ހޯދައިގެން ކުރިއަށް ގެންދެވޭނެ ފަދަ މައްސަލައެއް ކަމަށެވެ. އެގޮތުން އޭނާ ހާޒިރުކުރުމަށް ސިފައިންނަށް ފޮނުވި ދެ އަމުރަށް ވެސް އެފަރާތުން ކިޔަމަންވެފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޯޓުން ކުރާ އަމުރުތަކަށް ކިޔަމަންނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ. އަބްދުﷲ މުހައްމަދު ހާޒިރު ނުކުރުމަކީ އިންސާފުވެރިކަމާއެކު ޝަރީއަތް ހިންގުމަށް ހުރަސް އެޅުން ކަމަށް ޝަރީއަތުން ދެކޭ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި އެމްއެންޑީއެފްއާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެ މައްސަލަ ބައްލަވަނީ ގާޒީ މަރިޔަމް ނިހާޔަތާއި ގާޒީ އާއިޝާ ސުޖޫން މުހައްމަދާއި ގާޒީ ހާތިފް ހިލްމީ އެވެ. ރިޔާސަތުގައި އިންނެވީ ގާޒީ ނިހާޔަތެވެ. 06-02-2012 15:07 މޫސާ އަލީ ޖަލީލް ހާޒިރުވުމަށް ސިވިލް ކޯޓުން އަމުރު ނެރުނު ދުވަހު ހައި ކޯޓުން ވަނީ، ކޯޓު އަމުރު ފުރަތަމަ ފޮނުވަން ޖެހޭނީ އެ މުއައްސަސާއަކަށް ކަމަށް ކަނޑައަޅާފައި. ސިވިލް ކޯޓުން މިއަދުގެ ޝަރީއަތުގައި ބުނީ ހައި ކޯޓުން އެ ގޮތަށް ކަނޑައެޅީ ސިވިލް ކޯޓުން އަމުރު ނެރުނު ފަހުން ކަމަށާއި ނަމަވެސް ހައި ކޯޓުން ކަނޑައަޅާފައިވާ ގޮތަށް އަމަލުކުރާނެ ކަމަށް. އެއާއެކު، އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުނުކުރާ މައްސަލާގައި އެމްއެންޑީއެފްއާ މެދު ކޯޓުން ފިޔަވަޅު އަޅާނެ ކަމަށް ގާޒީ ވިދާޅުވި. 14:37 މިއަދު 1:30 ގައި ސިވިލް ކޯޓަށް ހާޒިރުވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލަށް ކުރި އަމުރަށް ހާޒިރުނުވެ، ޗީފްގެ ބަދަލުގައި އޭޖީ އޮފީހުން ކޯޓަށް ހިނގައްޖެ. އަޑުއެހުމުގައި އޭޖީ އޮފީހުން ބުނީ މިއީ މޫސާ އަލީ ޖަލީލަށް ފޮނުވިދާނެ އަމުރެއް ކަމަށް ގަބޫލުނުކުރާ ކަމަށް. މިކަމާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި ޝަރީއަތް މި ވަގުތު އޮތީ މެދުކަނޑާލާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ