އައްޑޫ ސިއްހީ ދާއިރާ އަށް މުހިއްމު ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު ދެއްވައިފި
ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް މި ވަގުތު ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ވަރަށް ބޮޑު އިސްކަމެއް ދީގެން އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން އާ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އިއްޔެ ދެއްވައިފި އެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖޭގެ ސިއްހީ ދާއިރާގެ ހާލަތު ބެއްލެވުމަށް މިނިސްޓަރު ފެއްޓެވި ދަތުރުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ހުޅުމީދޫ، މަރަދޫ އަދި ފޭދޫ ސިއްހީ މަރުކަޒަކަށް ޒިޔާރަތްކުރައްވައި ހާލަތު އޮޅުންފިލުއްވި އެވެ. އަދި އެއިން ކޮންމެ ތަނަކަށް ދިމާވެފައި ހުރި މައްސަކަތަކާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓްތަކެއް މިނިސްޓަރަށް ވަނީ އަރުވައިފަ އެވެ. ހިތަދޫ ރީޖަނަލް ހިސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފުސާ މިއަދު ވިދާޅުވީ މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި، މި ވަގުތަށް ހޮސްޕިޓަލަށް ދިމާވެފައި ހުރި ކަންކަން ވީ އެންމެ އަވަހަކަށް ހައްލުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލަށް މުހިއްމު ދާއިރާތަކުގެ ޑޮކްޓަރުންނާއި މެޑިކަލް ސާމާނާއި ކޮންޒިއުމަބަލް ޕްރޮޑަކްސް ދަތި ނުވާނެ ގޮތަށް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް އެންމެ ބޮޑަށް މި ވަގުތަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ކަށީގެ ޑޮކްޓަރުންނާއި ކުޑަކުދިންގެ އަދި އަންހެނުންނާއި އެތެރެހަށީގެ ޑޮކްޓަރުން ނުލިބޭ މައްސަލަ ހިމެނޭ،" ހަފުސަ ވިދާޅުވި އެވެ. "މިނިސްޓަރު ވިދާޅުވި ޑޮކްޓަރުން ހޯދުމުގައި ދަތިތަކެއް ހުރި ނަމަވެސް އެކަން ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރައްވާނެ ކަމަށް." މީގެ އިތުރުން ހޮސްޕިޓަލްގެ އެކި ތަންތަން ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާތީ އެކަމަށް ވެސް އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް ހަފުސާ ވިދާޅުވި އެވެ. އައްޑޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލާ ގުޅޭ ކަންކަން ވެސް ވަރަށް ގާތުން ބަލައި، އެ މަޝްރޫއު ވީހާ ވެސް އަވަހަށް ފަށަން ބާރުއަޅުއްވާނެކަމުގެ ޔަގީންކަން ވެސް ޑރ. ޝަކީލާ ދެއްވި ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. "އަޅުގަނޑުމެން އުންމީދުކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ސިއްހީ ދާއިރާ އަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް. އަނެއްކާ މިނިސްޓަރު ސީދާ ވަޑައިގެން މުވައްޒުފުންނާ ބައްދަލުކޮށް، ސިއްހީ ދާއިރާގެ ހާލަތު ބެއްލެވުމަކީ ވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ހަފުސާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ