ޑޫންގެ ތިންވަނަ ބައިގެ ޝޫޓިން ފަށައިފި
އެކެޑެމީ ގިނަ އެވޯޑުތަކެއް ލިބިފައިވާ ސައިންސް ފިކްޝަން ފްރެންޗައިޒް ކަމަށްވާ "ޑޫން"ގެ ތިންވަނަ ބައިގެ ޝޫޓިން ފަށައިފިއެވެ. ފްރޭންކް ހާބާޓްގެ ވާހަކަ ސީރީޒް އަށް ބިނާކޮށް ތައްޔާރުކުރާ ޑޫންގެ ތިންވަނަ ބައި ބިނާކުރާނީ ސީރީޒްގެ ދެވަނަ ފޮތް "ޑޫން : މެސާޔާ" އަށެވެ. ނަމަވެސް މި ފިލްމަށް ކިޔާނީ :ޑޫން : ޕާޓް 3" އެވެ. ޕްރޮޑަކްޝަނުން ދާދިފަހުން ހާމަކޮށްފައިވަނީ ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާ ކަމަށެވެ. ފިލްމުގެ ގިނަ މަންޒަރުތަކެއް ނަގާނީ ހަންގެރީގެ ވެރިރަށް ބުދަބެޝްތުގައެވެ. އެއާއެކު ފިލްމުގެ ކާސްޓުން މިހާރު ތިބީ ޝޫޓން ކުރިއަށް ގެންދާ ހިސާބަށް ހަމަވެފައެވެ. ފިލްމު ރިލީޒްކުރާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ވޯނަބްރޯސްއިން އުފައްދާފައިވާ ފިލްމު ޑޫންގެ ފުރަތަމަ ބައި ވަނީ ބޮޑު ހިޓަކަށް ވެފައެވެ. ކޮވިޑްގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ފިލްމު ހޯދި އިރު 2022 ވަނަ އަހަރު އޮސްކާގައި އެންމެ ގަދައަށް ވިދާލި އެއް ފިލްމަކީ ޑޫން އެވެ. އެއާއެކު ދެވަނަ ބައި "ޑޫން ޕާޓް 2" ދައްކާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެއަށްފަހު ފިލްމުގެ ތިންވަނަ ބައެއް ނެރޭނެކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އާ ފިލްމު ޑައިރެކްޓު ކުރާނީ ޑެނިސް ވިލިނޫވް އެވެ. ފިލްމުގެ ފުރަތަމަ ދެ ބައި ވެސް ޑައިރެކްޓު ކޮށްފައިވަނީ އޭނާއެވެ. ތިންވަނަ ފިލްމާ އެކު ކާސްޓަށް އަނެއްކާވެސް ބަދަލު އަައުމަށް ހަމަޖެހިފައިވާއިރު ލީޑުން ފެނުނު ޒެންޑެޔާ އާއި ޓިމޮތީ ޝަލަމޭ އަދި ރިބެކާ ފާގަސަން މި ފިލްމުން ވެސް ފެންނާނެއެވެ. ކާސްޓުންގެ ލިސްޓަށް ރޮބާޓް ޕެޓިންސަން ވަނީ ދާދިފަހުން އިތުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ