ގޮތެއް ނެތް ބޭފުޅުންނެއް ނޫން، 'ގޮތެއް' ނެތީ
މި ރާއްޖޭގައި މޮޅު ނޫސްވެރިން މަދީ ކީއްވެހެއްޔެވެ؟ ނޫނީ ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތުކުރާ ތެދުވެރި އެކްޓިވިސްޓުން ނުފެންނަނީ ކީއްވެހެއްޔެވެ؟ "މީހަކު މާ ބޮޑުވާއިރަށް ނޫނީ މޮޅުވާއިރަށް ދެން އަންނަ ސަރުކާރަކުން އެ މީހަކަށް ދޭނެ ބޮޑު ޕްރޮމޯޝަނެއް. މާ އުނދަގޫ ބޮޑުވީމާ ދެނީ ހެޔޮވަރު މަގާމެއް. ދެން އެ ތަފާތެއް ނުދެއްކޭ، އެ ހިސާބުން މީހާގެ ކެރިއަރު ދިޔައީ. ސިޔާސީ މީހުން ބޭނުންވާ ގޮތަށް އެ އަޑު ވެސް ކެނޑޭނީ،" މިއީ މި ރާއްޖޭގެ ވަރަށް ސީނިއާ ސިޔާސީ ބޭފުޅަކު ނަންގަވައިދެއްވި ފިލާވަޅެކެވެ. އެއީ ވަރަށް ބޮޑު ތެދުފުޅެކެވެ. މާޒީން އެ ހަގީގަތް ފެންނާން އެބައޮތެވެ. ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތުކުރަމުން އާންމުންގެ މެދުގައި މަގުބޫލުވި މީހުން މިހާރު ކޮބާހެއްޔެވެ؟ ނޫސްވެރިކަމުގެ ތެރެއިން މަޝްހޫރުކަން ހޯދި މީހުންނަށް ފަހުންވީ ކިހިނެއްހެއްޔެވެ؟ މިހާރު އެ ބޭބޭފުޅުންގެ އަޑުއިވޭ ހެއްޔެވެ؟ އެ ބޭބޭފުޅުންނަށް އިރެއްގައި އާންމުން ކުރި އިހުތިރާމު މިއަދު އެބައޮތް ހެއްޔެވެ؟ ނެތެވެ. އަޑު ވެސް ކެނޑިއްޖެއެވެ. ގޮތުގައި ހުރުމަކީ ފަސޭހަކަމެއް ނޫން ރާއްޖޭގެ ސިޔާސީ ހަގީގަތަކީ އެއް ފަސް އަހަރު މަގާމެއްގައި، ހައިބަތާއި އިއްޒަތުގައި އުޅުއްވާ ބޭފުޅެއް ނަމަ ގިނަ ފަހަރަށް އަނެއް ފަސް އަހަރު އުޅުއްވަން ޖެހެނީ މަގުމަތީގައެވެ. ތަންކޮޅެއް އާދައިގެ މީހެއްވިއްޔާ ކުލި ދެއްކޭނެ ގޮތެއް ވެސް ނެތިފައެވެ. މީގެ ކުރިން މި ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ކުރި މުޒާހަރާއެއްގެ ތެރެއިން: ޕީއެންސީ މިހާރު އޮތީ ވެރިކަމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ "ބައިވަރު އޮފާތައް އާދޭ. ތިހެން އުޅޭކަށް ނުޖެހޭނޭ. ތިއަށްވުރެ މާ އަބުރުވެރިކޮށް އުޅެވޭނެ ނޫންހޭ އަހަރެމެންނާ އެކު ސަރުކާރުގައި. އެކަމަކު، އަހަރެން ވަކާލާތުކުރި ސިޔާސަތުތަކާއި ފާޑުކީ ކަންކަން ބަދަލުނުވަނީސް ކިހިނެއް ގޮސް ސަރުކާރުގައި ޚިދުމަތްކުރާނީ؟" މިއީ މިދިޔަ ފަސް އަހަރު ވަރަށް އިއްޒަތުގައި އުޅެލަން ލިބުނު އިއްޒަތްތެރި ބޭފުޅަކު ދެއްކެވި ވާހަކަފުޅެކެވެ. އެއީ، ރާއްޖެތެރޭ ނިކަމެއްޗެކެވެ. އެނބުރި އެ ހުރީ އެ ނިކަމެތިކަމުގައެވެ. "މި ފަސް އަހަރު ހާލުގައި ނުޖެހި އުޅުމަށްވުރެ މަގޭ ނަފުސުގެ އަގު މަށަށް މާ ބޮޑު. މި ހުރިހާ ދުވަހު ވަކާލާތުކުރި ކަންކަމާ ދެކޮޅަށް ނުކުމެ، ހެޔޮ ނިޔަތުގައި ޚިދުމަތްކުރުމުގެ ބޭނުމުގައި ވިޔަސް މަގާމެއްގައި ހުރީމާ ރައްޔިތުން އެ ކަމެއް ބަލައެއް ނުގަންނާނެ،" "އަމުދުން ބަސް ނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައި،" ގޮތެއް ނެތް ބޭފުޅުންނެއް ނޫން، ދެން ކީއްވެ؟ މީހުންގެ އިހުތިރާމާއި ގަދަރު ލިބެނީ ހަމައެކަނި ތެދުވެރިކަމަކުން ނޫނެވެ. ހެޔޮ ނިޔަތުގައި ވިޔަސް ބައެއް ފަހަރު ނެންގެވޭ ފިޔަވަޅުތަކުން އުމުރު ދުވަހުން ހޯދި ގަދަރާއި އިހުތިރާމު ގެއްލެއެވެ. އޭގެ ބައެއް މިސާލުތައް މި ފަހުން ވަރަށް ގާތުން އެ ފެނުނީއެވެ. ހުޅުމާލޭ އުފެއްދިއިރު އިސްކޮށް ހުންނެވި މައުރޫފް ޖަމީލް އެނބުރި އެ ކުންފުންޏާ ހަވާލުވެ މިވީ ކުޑަ ދުވަސްކޮޅުތެރޭގައި ކަން ދިމާވީ ވެސް އެހެންނެވެ. އޭނާއަކީ ވަރަށް ތެދުވެރި، ނަޒާހާތްތެރި، ގޮތުގައި ހުންނަވާ ބޭފުޅެއް ކަމަށް ގިނަ ބޭފުޅުން ދެކުނެވެ. އެއީ ވަރަށް ގިނަ މީހުން އިހުތިރާމުކުރި ބޭފުޅެކެވެ. އެކަމަކު، ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުވެ ހަ މަސް ހޭދަކުރައްވާފައި ކުއްލިއަކަށް ވަނީ ރިޓަޔާމަންޓް އިއުލާނުކުރައްވައިފައެވެ. https://sun.mv/208318 "އެ ހުރިހާ ކަމެއް އަންފޯލްޑްވެގެން ދިޔައިރު ޕަބްލިކް ރިއެކްޝަން އެނަލައިޒްކޮށްލީމާ އެނގެނީ ކުރިން އޮތް އިހުތިރާމާއި ގަދަރު ގެއްލިއްޖެކަން. ވީގޮތަކީ ޕޮލިޓިކަލީ އޭނާ ބޭނުންވާ ގޮތަށް ކަންތައް ކުރެވެން ނެތް ތަނަކާ ހަވާލުވީމާ ކަންކަން ނުވި. އެ ކަމެއް ޕަބްލިކުން ބަލައެއް ނުގަނޭ. އެހެންވެ، މި ހުރިހާ ދުވަހުން ހޯދި އިހުތިރާމު ކުޑަވީ ކުރިއަށްވުރެ،" ދިރާސީ ނަޒަރަކުން ސިޔާސީ ކަންކަން ބައްލަވާ ބޭފުޅަކު ކިޔައިދެއްވިއެވެ. އޭގެ އަނެއް މިސާލަކީ މީގެ ދުވަސްކޮޅެއް ކުރިން ސުޕްރީމް ކޯޓުގައި އެ ހިނގާދިޔަ ކަންކަމުން ފެނުނު މަންޒަރެވެ. އުއްތަމަފަނޑިޔާރު ކަމަށް މުއުތަސިމް އަދުނާން ވަޑައިގެންއިރު އަދި އެ މަގާމުގައި ހޭދަކުރެއްވި ބޮޑުބައިގައި މީހުން އެ މަނިކުފާނަށް ނުހަނު އިހުތިރާމާއި ކުރެއްވިއެވެ. ސިޔާސީ އެކި ފިކުރުގެ ބޭފުޅުން އެ މަނިކުފާނަށް ގަދަރުކުރެއްވިއެވެ. މުއުތަސިމްގެ ބޮޑުބޭބެފުޅު މުހައްމަދު ސައީދު ދީދީއާއި ކާފާފުޅު ހުސައިން ސަލާހުއްދީންއަކީ މީހުންގެ ގަދަރު ހޯއްދެވި އުއްތަމަފަނޑިޔާރުންތަކެކެވެ. މ. ބަގީޗާގޭގެ އެ ފޮނި ތާރީޚުގެ ތެރެއިން ވަޑައިގެން މުއުތަސިމް ވެސް ހުންނެވީ އެހާ ލޯބި ހޯއްދަވައިގެންނެވެ. އެކަމަކު، ދެން ކަންތައްވީ ކިހިނެއްހެއްޔެވެ؟ https://sun.mv/205665 ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރީމާ ގޮނޑި ގެއްލޭ ގޮތަށް ތަޅެއް އެޅުވިތަނާ އިދިކޮޅު ބައެއް ބޭބޭފުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދިއެވެ. އެ މައްސަލައިގެ މެދުން ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައި ބޭރުކުރީއެވެ. އެތައް ދުވަހެއް ވަންދެން އެ ކޯޓު އޮތީ ހުއްޓިފައެވެ. ފަހުން އެ ކޯޓަށް ކަންވީ ގޮތް ތަކުރާރުކުރުމުގެ ބޭނުމެއް ނެތެވެ. އެ ހުރިހާ ކަމެއް ހިނގާދިޔައިރު މުއުތަސިމް ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ހިމޭނުން ހުންނަވާފައި ހުށަހެޅުއްވީ ރިޓަރާކުރައްވާށެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އެ ކަން ނުކޮށް ދަންމަނީ މިހާރު ދޭ ވަރަށް ވުރެ ބޮޑު 'ރިޓަޔާމަންޓް ޕެކޭޖެއް' ދެއްވަންވެގެންނެވެ. 'ސަން'އަށް ލިބިފައިވާ ޖޭއެސްސީގެ ސިޓީން އެނގޭ ގޮތުގައި މިހާރު އޮތް ގޮތުން މުއުތަސިމް ރިޓަޔާކުރެއްވުމުން ގަނޑުކޮށް ލިބިލައްވާނީ 185،100 ރުފިޔާއެވެ. އެކަމަކު، ޖޭއެސްސީން ހުށަހެޅި އިސްލާހުތަކާ އެކު އެ އަދަދު 493،600 ރުފިޔާއަށް ބޮޑުވާނެއެވެ. އަދި، މިހާރު މަހަކު އެ މަނިކުފާނަށް ލިބެން އޮތް 47،182.50 ރުފިޔާ 70،000 ރުފިޔާއަށް ބޮޑުވާނެއެވެ. "ކާފާފުޅާ ހިސާބުން ފެށިގެން ފައްކާކޮށްފައި އޮތް އަގުބޮޑު ލެގަސީ ހަލާކުވީ. މިހާރު މުއުތަސިމަށް އޮތް ލޯތްބާއި ގަދަރާއި އިހުތިރާމު ކޮބާ؟" ކުރިން ވެސް ދިރާސީ ނަޒަރަކުން މި ވާހަކަދެއްކެވި ބޭފުޅާ މި ކަމަށް ވެސް އަލިއަޅުވައިލިއެވެ. https://sun.mv/203927 މީގެ އެތައް ކަމެއް ދިވެހި ސިޔާސީ ތާރީޚުން ފެނެއެވެ. އެއީ ގޮތެއް ނެތް ބޭފުޅުންނެއް ނޫނެވެ. ދެރަ ނިކަމެތިންނެއް ނޫނެވެ. އުޅެވޭނެ ގޮތް ހުރި ބޭފުޅުންނެވެ. އިހުތިރާމާއި ގަދަރު ލިބިގެން ރީތިނަން ދިފާރުކުރައްވަން ގޭގައި ތިއްބެވެން އޮތް ބޭފުޅުންނެވެ. އެ ބޭފުޅުންނަށް އެ ގޯސް ހެއްދެވެނީ ކީއްވެ ކަމެއް ނޭނގެއެވެ. ފަހަތުގައި އޮތީ މަޖުބޫރެއް ކަމެއް، ތެދުވެރި ނިޔަތެއް ކަމެއް ނޭނގެއެވެ. އެނގޭ ކަމަކީ އެ ބޭފުޅުން ހެއްދެވީ ސިޔާސީ ބޮޑު ގޯހެއް ކަމެވެ. އެހެން ގައުމުތަކުގައި ތަފާތު ކޮރަޕްޝަނަށް ނޫނެކޭ ބުނުމަކީ ފަސޭހަކަމެއް ނޫނެވެ. އަމުދުން ރާއްޖެ ފަދަ ގައުމެއްގައެވެ. ހުރިހާ ވެސް ބާރަކީ ސަރުކާރެވެ. އަދުލުއިންސާފާއި ރައްކާތެރިކަމަކީ ވެސް ދެރަ ނިކަމެތިންނަށް ތަދު އެއްޗެކެވެ. އަމުދުން ބާރުވެރި މީހަކު ދަމައިގަންނަން އުޅޭ ލާރިގަނޑަކަށް ހުރަސް އަޅައިފިއްޔާ ފުރާނައާއި ދިރިހުރުމަށް ވެސް ނުރައްކާވެއެވެ. ވަޒީފާ ވެސް ގެއްލި، ނިކަމެތި ވެސް ވެއެވެ. ވިސްލް ބްލޯވަރުންނާއި އެ ނޫން ވެސް މީހުންނަކަށް މާ ބޮޑު ރައްކާތެރިކަމެއް ނެތެވެ. ސިއްރުން ހެކިބަސްދޭ މީހުން ވެސް ފަޅާއަރައެވެ. އެ މީހުންގެ ދިރިއުޅުމަށް ތާއަބަދަށް އެ ލޮޅުން އަރައެވެ. ގިނަ މީހުންނަށް އެ ކަންކަމާ ދެކޮޅަށް ފާޅުގައި ތެދުވަން ނުކެރެނީ އެ ސަލާމަތްތެރިކަން ލިބޭނެ ގޮތެއް ރާއްޖޭގައި ނެތީމައެވެ. ތަންފީޒުވާތަން ނުފެންނާތީއެވެ. އޭސީސީގެ ރައީސާއި މެންބަރުން: އެ ކޮމިޝަނަށް ގިނަ މީހުން އިތުބާރުނުކުރާކަމުގެ ކަންބޮޑުވުން ބޮޑު -- ފޮޓޯ/ އޭސީސީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި އެ ކަން ތަފާތެވެ. މިސާލަކަށް އެމެރިކާ، ފްރާންސް އަދި ޖަރުމަނު ފަދަ ގައުމުތަކުގައި ވިސްލް ބްލޯވަރުންގެ ރައްކާތެރިކަމަށް ޒަމާނީ ގާނޫނުތައް އެބަހުއްޓެވެ. އެ ކަންކަން ތަންފީޒުކުރާތަން އެ މީހުން ދައްކަން ބޭނުންވެއެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށްގެން ލިބޭ މާލީ ނިކަމެތިކަމާ ގުޅިގެން އެހީވާން ޖަމިއްޔާތަކާއި ޖަމާއަތްތަކުން ބޮޑެތި އެހީތައް ވެއެެވެ. އެ ޔަގީންކަން އޮތީމާ މީހުން ކޮރަޕްޝަނާ ދެކޮޅަށް ތެދުވަން ޖެހިލުންވާ މިންވަރު ކުޑަވެއެވެ. ރާއްޖޭގައި 'ހަސަން ކުރުސީ' ކިޔާ ކާކުކަން ނޭނގޭ އެކްސް އެކައުންޓަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ނުކުރި އިތުބާރު ކުރީ ނިޒާމު ހަރުދަނާ ނޫންވީމައެވެ. ކުރުސީ ހިފަހައްޓާ މިންވަރަށް ވެސް އޭސީސީގައި އެ ކަމަށް ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ދީފައި ތިއްބެވި ބޭފުޅުންނަށް ސިއްރު ހިފެހެއްޓޭނެ ކަމަށް ރައްޔިތުން ގަބޫލުނުކުރާތީއެވެ. އިތުބާރު ގެއްލިފައި އޮތީމައެވެ. އޭސީސީއާއި އެ ފަދަ އެހެން ނަމުން މިނިވަން ކަމުން އަޅުވެތި މުއައްސަސާތަކަށް ރައްޔިތުން އިތުބާރު ނުކުރާތީއެވެ. މި ރާއްޖޭގައި ނަޒާހާތްތެރިންނަށް އޮތީ ދަތި މަގެކެވެ. އެ މީހުންނަށް އޮތީ ބިރުވެރި ދަތުރެކެވެ. ހައިރާންވާ ކަމަކީ އެ ހުރިހާ ކަމަކާ ދުރުވެ، ނަޒާހާތްތެރިކަމާ އެކު ތިއްބެވޭނެ ގޮތް އޮތް ބޭފުޅުން ވެސް އެ ފަދަ ގޯސްތައް ހައްދަވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ