ރަޝިޔާގެ ވަޒީރަކު މަގާމުން ވަކިކުރިތާ ގަޑިއިރެއް ފަހުން މަރުވި ހާދިސާ ތަހުގީގުކުރަނީ

ރަޝިޔާގެ ދަތުރުފަތުރާބެހޭ ވަޒީރު ރޯމަން ސްޓާރޮވޮއިޓް، މަގާމުން ވަކިކުރިތާ ގާތްގަޑަކަށް ގަޑި އެއްހާއިރު ފަހުން އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނުނު ހާދިސާ އެ ގައުމުގެ އެންމެ އިސް ކްރިމިނަލް އިންވެސްޓިގޭޝަން އެޖެންސީން ތަހުގީގުކުރަން ފަށައިފިއެވެ. ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އުމުރުން 53 އަހަރުގެ ސްޓާރޮވޮއިޓްގެ ހަށިގަނޑު ފެނިފައިވަނީ މޮސްކޯގެ ޕާކެއް ކައިރީގައި އޮތް ޓެސްލާ ކާރެއް ކައިރިންނެވެ. އެ ކާރު ކައިރިން ސްޓާރޮވޮއިޓްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފިސްތޯލެއް ވެސް ވަނީ ފެނިފައެވެ. ތަހުގީގު ކޮމެޓީން ވަނީ އޭނާ މަރުވި މައްސަލަ ތަހުގީގަށް ހުޅުވާލާފައެވެ. އަދި ބޮޑަށް ބެލެވެނީ އަމިއްލައަށް މަރުވީކަމަށް ވެސް ކޮމެޓީއާ ހަވާލާދީ ރަޝިޔާ އަދި ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މަރުވި ވަގުތާއި މެދު ވަނީ ޝައްކުތައް އުފެދިފައެވެ. ސްޓާރޮވޮއިޓް މަގާމުން ވަކިކުރީ ރަޝިޔާގެ ރައީސް ޕުޓިން ނެރުއްވި އަމުރަކުން އިއްޔެއެވެ. މަގާމުން ވަކިކުރެއްވިއިރު، ދަތުރުފަތުރާބެހޭ ވަޒީރު ކަމުގައި ސްޓާރޮވޮއިޓް ހޭދަކުރީ އެއް އަހަރާ މަދު ދުވަސްކޮޅެކެވެ. އެކަމާބެހޭ އިތުރު ތަފްސީލެއް ރަޝިޔާ ސަރުކާރުން ދީފައެއްނުވެއެވެ. ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޕުޓިންގެ އެ ނިންމެވުމަކީ ސްޓާރޮވޮއިޓް ގަވަރުނަރުގެ މަގާމު އަދާކުރެއްވި ކާސްކް ސަރަހައްދުގައި ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ ކޮރަޕްޝަންގެ ތަހުގީގަކާ ގުޅިގެން ނިންމެވި ނިންމެވުމެކެވެ. އެ ތަހުގީގަކީ ކަސްކްގެ ބޯޑަރު ޑިފެންސް ހަރުދަނާ ކުރުމަށް 2022 ވަނަ އަހަރު ކަނޑައެޅި 19.4 ބިލިއަން ރޫބަލް ނުވަތަ 246 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގެ ތަހުގީގެވެ. މި ފައިސާގެ ބޭނުމަކީ ޔޫކްރޭނާ ކުރިމަތިލުމަށް ރަޝިޔާގެ ފްރޮންޓިއާ ވަރުގަދަ ކުރުން ނަމަވެސް ޔޫކްރޭންގެ ސިފައިން ވަނީ ސްޓާރޮވޮއިޓްގެ ވަޒީރުކަމުގެ ދައުރުގެ ތިން މަސް ފަހުން އެ ސަރަހައްދަށް ބޯޑަރު ހުރަސްކޮށް ހަމަލާއެއް ދީފައެވެ. އޭޕްރީލް މަހު ކާސްގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު އެލެކްސީ ސްމިރްނޯވްގެ މައްޗަށް ވަނީ އެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ދައުވާ އުފުލާފައެވެ. ނަމަވެސް ސްމިރްނޯވް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ. ރަޝިޔާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސްމިރްނޯވް ވަނީ ސްޓާރޮވޮއިޓް ވެސް އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތަހުގީގުގައި ބުނެފައެވެ. ސްޓާރޮވޮއިޓް މަގާމުން ވަކިކުރުމާ ގުޅިގެން ކްރެމްލިން އިން ވަނީ ދަތުރުފަތުރާބެހޭ އެކްޓިން ވަޒީރު ކަމަށް ނޮވްގޮރޯޑް ސަރަހައްދުގެ ކުރީގެ ގަވަރުނަރު އަންދްރޭ ނިކިޓިން އައްޔަން ކުރައްވާފައިވާކަން އިއުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ