ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާ މި މަހު 16 ގައި

ހަވީރު ސްޕޯޓްސް އެވޯޑްސް ދިނުމުގެ ހަފުލާ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ބާއްވަން ހަވީރުން ނިންމައިފި އެވެ. މިދިޔަ އަހަރުގެ ކުޅިވަރުގެ ތަރިންގެ އަގުވަޒަންކުރުމަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބާއްވާ ހަފުލާ ޓީވީއެމް އިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު ބާއްވާ މި ހަފުލާގައި ކުޅިވަރު އާއިލާގެ ގިނަ ފަރާތްތަކެއް ބައިވެރިވާނެ އެވެ. ރާއްޖޭގައި ދޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑުގައި މި ފަހަރު ވެސް ފުޓްބޯޅަ އާއި ވޮލީބޯޅަ އިން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ ފެށުން ކަމަށްވާ، ރަންބޫޓު މިދިޔަ ސީޒަނުގައި ހޯދި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ހަވީރު ރަން ބޫޓާ އެކު 20،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ. އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 30،000ރ. ހުށަހަޅައިފައިވެ އެވެ. އަދި މި މަގާމަށް ވާދަކުރާ ދެވަނަ ކުޅުންތެރިއާ އާއި ތިން ވަނަ ކުޅުންތެރިއާ އަށް 15،000ރ. ހުށަހަޅައިފައިވެ އެވެ. ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާންކުރާނީ އަންގާރަ ދުވަހު އެވެ. އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 25،000ރ. ހުށަހަޅައިފައިވެ އެވެ. އަދި ވޮލީބޯޅަ މަގާމަށް ވާދަކުރާ ދެވަނަ ކުޅުންތެރިއާ އާއި ތިން ވަނަ ކުޅުންތެރިއާ ވެސް ހޮވާނެ އެވެ. އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 15،000ރ. ހުށަހަޅައިފައިވާއިރު މި މަގާމަށް ވާދަކުރާ ދެވަނަ ކުޅުންތެރިއާ އާއި ތިން ވަނަ ކުޅުންތެރިއާ އަށް އިނާމު ދޭނެ އެވެ. މިދިޔަ އަހަރު އޮތް ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގައި އެވޯޑް ލިބުނު ކުޅުންތެރިން ސްޓޭޖްމަތީގައި. --ހަވީރު ފައިލް ފޮޓޯ ވޮލީބޯޅަ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް މިރޭ 11 ޖަހާއިރު ޓީވީއެމް އިން ދައްކާ ހަވީރު ސްޕޯޓްސް އެވޯޑްސް ކައުންޓްޑައުން ޕްރޮގްރާމުގައި އިއުލާންކުރާނެ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގައި ވޮލީބޯޅައިގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން ކުޅުންތެރިޔާ ހޮވައި އެވޯޑް ދޭނެ އެވެ. ފުޓުބޯޅަ އިން ހޮވަނީ 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއާ އެވެ. މި ހަފުލާގައި ހަވީރުގެ ހާއްސަ އެވޯޑް ވެސް ކުޅިވަރަށް ހިދުމަތްކޮށްދީފައިވާ ހާއްސަ ފަރާތަކަށް މި ފަހަރު ވެސް ދޭނެ އެވެ. މީގެ އިތުރުން ރާއްޖޭން ބޭރުގެ މުބާރާތްތަކުން ކާމިޔާބު ހޯދާފައިވާ ކުޅުންތެރިންނާއި ކުޅިވަރުގެ މަތީ ޝަރަފް ހޯދާފައިވާ ފަރަތްތަކަށް ހާއްސަ އެވޯޑް ދޭނެ އެވެ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރުންނަކީ އުރީދޫ އާއި މޯލްޑިވިއަން އަދި އެސްޓީއޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ