ގައުމީ ހަރަކާތުގައި ޕީޕީއެމްގެ ވެރިން ބައިވެރިވީ ޕާޓީ ހައިސިއްޔަތަކުން ނޫން: އަބްދުﷲ
ގައުމީ ހަރަކާތަކީ އެއްވެސް އިރެއްގައި ވަކި ޕާޓީއެއް ނުވަތަ ވަކި ޖަމިއްޔާއެއް ތަމްސީލުކުރާ ހަރަކާތެއް ނޫން ކަމަށާއި ކޮންމެ މީހަކު ވެސް އެ ހަރަކާތުގައި ބައިވެރިވަނީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކަމަށް ގައުމީ ހަރަކާތުން ބުނެފި އެވެ. ގައުމީ ހަރަކާތުން ވަކިވުމަށް ޕީޕީއެމްގެ ކައުންސިލުން ނިންމުމާ ބެހޭ ގޮތުން، ގައުމީ ހަރަކާތުން ނަލަހިޔާ ހޮޓަލުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ އަބްދުﷲ މުހައްމަދު ވިދާޅުވީ އެ ހަރަކާތުން މިހާތަނަށް ހިންގި އެއްވެސް ކަމެއްގައި ޕާޓީއެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކުން ކަމެއް ކޮށްފައިނުވާ ކަމަށާއި ކޮންމެ ބޭފުޅަކު ވެސް ބައިވެރިވަނީ އަމިއްލަ ފަރުދީ ހައިސިއްޔަތުން ކަމަށެވެ. ޕީޕީއެމްގެ ނަން ވިދާޅުނުވެ، އަބްދުﷲ ވިދާޅުވީ ކޮންމެ ޕާޓީއެއްގެ ވެސް އިސް ފަރާތްތަކުން އެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވީ އަމިއްލަ ހައިސިއްޔަތުންކަން އެ ހަރަކާތުގެ ޖަލްސާތަކުގައި ވާހަކަ ދައްކަވަމުން އެފަދަ ބޭފުޅުން އަމިއްލަފުޅަށް ވިދާޅުވެފައިވާ ކަމަށެވެ. "އެއްވެސް ލިޔެކިޔުމުގައި އެއްވެސް މުއާމަލާތެއްގައި އެއްވެސް ޕާޓީއެއްގެ ހައިސިއްޔަތުން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އެކަން އޮންނަނީ ދިވެހި ރައްޔިތުންގެ ހަރަކާތުގެ ނަމުގައި. މި ކަމަށް ލޯބިކުރާ، މި ކަމަށް ޝައުގުވެރިވާ އަދި ގައުމަށް ހެޔޮ އެދޭ ހުރިހާ ރައްޔިތުންނެއް ބައިވެރިވާ ގޮތަށް މުއާމަލާތްތައް ކޮށްފައި ހުންނާނީ،" އަބްދުﷲ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ހަރަކާތުން މިހާތަނަށް ހިންގި ހުރިހާ ކަމެއްގައި ހަރަދުކޮށްފައި ވަނީ ވެސް ހެޔޮ އެދޭ ފަރާތްތަކުން އަމިއްލަ ފަރުދީ ހައިސިއްޔަތުން ކަމަށެވެ. އަދި ހަރަކާތް ކުރިއަށްދާ އިރު މީހުން މަދުވާ ފަހަރާއި ގިނަ ފަހަރު އަންނާނެ ކަމަށާއި ނަމަވެސް އެ ހަރަކާތް ހީނަރުވެގެން ނުދާނެ ކަމަށެވެ. "މި ހަރަކާތަށް ބޭބޭފުޅުން ވަޑައިގަންނަވާނީ ފަރުދީ ހައިސިއްޔަތުން. މި ހަރަކާތުން ވަކިވެވަޑައިގެން ވެސް އެ ދަނީ ފަރުދީ ހައިސިއްޔަތުން. އަޅުގަނޑުމެން އެއްގޮތަކަށް ވެސް މާނައެއް ނުކުރަން އެއީ ޕާޓީއެއްގެ ހައިސިއްޔަތުންނޭ. މި ހަރަކާތުގައި ޕާޓީއެއްގެ ހައިސިއްޔަތުން އެއްވެސް ޖާގައެއް މި ހަރަކާތުގެ ތެރޭގައި އުފެދިފައެއް ވެސް ނޯންނާނެ. ހަދާފައެއް ވެސް ނޯންނާނެ،" އަބްދުﷲ ވިދާޅުވި އެވެ. ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ މަޖިލީހުގަ އާއި އަދި މީޑިއާގައި ވެސް ގައުމީ ހަރަކާތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ