ރާއްޖޭގެ ރައްޔިތުން މާލެ އެރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
މިވަގުތު ސްރީލަންކާގައި ހުންނެވި ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ކަށަވަރު ކުރުމަށް ހުރިހާ ރައްޔިތުން މިމަހުގެ 24 ވަނަ ދުވަހު މާލެއަށް އެރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިމަހުގެ 24 ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވޯޓަށް އެހުމަށް މަޖިލީހުގެ ޖަލްސާއެއް ކުރިން އެޖެންޑާ ކުރި ދުވަހެކެވެ. ނަމަވެސް އެ މައްސަލާގައި ސޮއި ކުރައްވާފައިވާ އެއް މެންބަރު އަނބުރާ ސޮއި ގެންދެވުމާއި، ބައެއް މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެންބަރުންގެ އަދަދު އުނިވެފައިވާ ކަމަށް ނިންމާ މަޖިލީހުން މިހާރު ވަނީ އެމައްސަލަ ބާތިލްކޮށްފައިވާ ކަމަށް މެންބަރުންނަށް އަންގާފަ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 45 މެންބަރުންގެ ސޮޔާއެކު މިމަހުގެ ތިންވަނަ ދުވަހު އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލި ނަމަވެސް މިމަހުގެ 24 ވަނަ ދުވަހު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާ ވޯޓަށް އަހާނެ ކަަމަށް ގުޅިފައިވާ ޕާޓީ ތަކުން ދަނީ ބުނަމުންނެވެ.
ރާއްޖޭގެ ރައްޔިތުން މިމަހު 24 ގައި މާލެ އެރުމަށް ނަޝީދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ