އިމްރާންގެ ޝަރީއަތަށް ފާޑު ކިޔައިގެން އަލީ ޒާހިރާއި މައުމޫން ކޯޓަށް ހާޒިރުކޮށްފި

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލަށްލާން ކުރި ހުކުމަށް ފާޑު ކިޔާފައިވާތީ އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި ވަކީލް މައުމޫން ހަމީދު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ނަސޭހަތް ދީފި އެވެ.ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން އަލީ ޒާހިރާއި މައުމޫން މިއަދު މެންދުރު ހާޒިރު ކުރުމަށް ފަހު އެ ކޯޓުގެ ލީގަލް އޮފިސަރުން ވަނީ އެ ދެ ބޭފުޅުންނާ ވަކިން ބައްދަލުކޮށް ނަސޭހަތް ދީފަ އެވެ.އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އެގޮތަށް ހާޒިރު ކުރިކަމުގައި ވިޔަސް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި ބައެއް މީޑިއާތަކުން ޚަބަރު ފަތުރާ ގޮތުން އެކަމުގައި އޮޅުންތަކެއް އަރާފާނެ ކަމަށް ކޯޓުގައި ބުނެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.މައުމޫން ހަމީދު: އިމްރާންގެ ހުކުމަށް ސޯޝަލް މީޑިއާގައި އޭނާ ފާޑު ވިދާޅުވި -- ހަވީރު ފައިލް ފޮޓޯ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ކޯޓަށް ހާޒިރުކޮށް، ނަސޭހަތް ދީފައިވަނީ އިމްރާނަށް ކުރި ހުކުމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާ ފާޑު ވިދާޅުވެފައި ވަނިކޮށެވެ. މައުމޫނަކީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތް ދަށު ކޯޓުގައި ހިނގިއިރު އޭނާގެ ވަކީލެވެ.އިމްރާން ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ